ދިވެހިސިފައިންނަށް އަޅަން ސަރުކާރުން ހަމަޖެއްސި 300 ފުލެޓުގެ މަސައްކަތް ކުރިން ހަވާލު ކޮށްފައިވާ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ޝަރީޢަތް މެދުވެރިކޮށް އަނބުރާ ހޯދުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީއިން) ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީ (ސިފްކޯ) އަށް އަންގައިފިއެވެ.
ސިފައިންނަށް 300 ފުލެޓު އެޅުމަށް ކުރިން ހަވާލުކުރި ކުންފުންޏަށް ސިފްކޯއިން ވަނީ ޖުމްލަ 125 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައެވެ. އެހެންނަމަވެސް އެމަސައްކަތް އެކަށީހެންވާ މިންވަރަށް ކުރިއަށް ނުދާތީ އެއްބަސްވުން ބާތިލްކުރިއިރު އޭރު ކުރެވިފައިވާ މަސައްކަތުގެ އަގަށްވާ 33 މިލިއަނަށްވުރެ ގިނަ ރުފިޔާ ކެނޑުމަށްފަހު ސިފްކޯއަށް 92 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބެންޖެހެއެވެ. އެހެން ކަމުން އެމައްސަލަ ތަޙުޤީޤު ކުރެއްވުމަށް ފަހު ނެރުއްވާފައިވާ ރިޕޯޓުގައި އޭސީސީން ވަނީ އެފައިސާ އަނބުރާ ހޯދުމަށް ސިފްކޯއަށް އަންގަވައިފައެވެ. އެ އެއްބަސްވުން ބާތިލް ކޮށްފައިވަނީ 2016 ވަނަ އަހަރު ޖެނުއަރީ މަހުއެވެ.
އޭސީސީގެ ބަޔާނުގައި ބުނެފައިވަނީ އެއްބަސްވުން ބާތިލް ކުރުމުން ސިފްކޯއަށް ދައްކަންޖެހޭ 92 މިލިއަން ރުފިޔާ ދެއްކުމަށް އެކުންފުނިން 3 ޗެކެއް ސިފްކޯއާ ޙަވާލުކުރި ކަމަށެވެ. އެހެންނަމަވެސް އެކައުންޓުގައި ފައިސާ ނެތިގެން ޗެކުތައް ވަނީ ބައުންސް ވެފައެވެ. އެފައިސާ ހޯދުމަށް ސިފްކޯއިން ވަނީ ފުލުހަށާއި އެޓަރނީޖެނެރަލް އޮފީހަށް ހުށަހަޅައިގެން މަސައްކަތް ކޮށްފައިކަން އޭސީސީގެ ތަޙުގީގު ރިޕޯޓުގައި ބުނެފައިވެއެވެ.
"މަސައްކަތް ޙަވާލުވި ކުންފުނިން ސިފްކޯއަށް ދައްކަންޖެހޭ ނުވަދިހަ ދެ މިލިއަން ފަސް ސަތޭކަ ހަތްދިހަ ހާސް ހަ ސަތޭކަ ތިރީސް ނުވައެއް ޕޮއިންޓް ހަތެއް ރުފިޔާ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެކުންފުންޏާ ޙަވާލުކޮށްފައިވާ ޕްރޮޖެކްޓްތަކާ ގުޅިގެން އެކުންފުންޏަށް ދައްކަންޖެހޭ ފައިސާއިން ސެޓް އޮފް ކުރުމުގައި އިޢުތިރާޒު ނުކުރާކަމަށް ބަޔާންކޮށް އެކުންފުނީގެ ފަރާތުން ސިޓީއެއް ސިފްކޯއަށް ފޮނުވާފައިވެއެވެ." އެސީސީގެ ބަޔާނުގައިވެއެވެ. އެހެން ކަމުން ސިފައިންނަށް 300 ފްލެޓް އަޅައިދިނުމަށް ކުރިން ޙަވާލު ކުރެވުނު އަމިއްލަ ކުންފުންޏަށް ސަރުކާރުގެ އެހެން އެއްވެސް މަޝްރޫއުއަކުން ދައްކަންޖެހޭ ފައިސާއެއް އޮތް ނަމަ އެ މަޝްރޫޢުން އެ ފައިސާ އުނިކުރުމަށް ފިނޭންސް މިނިސްޓްރީ އަށް އަންގައިފައިވާނެ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެއެވެ.