ހެއްވާ: ރެފްރީ ގޮއްވާލައިފި

ބައެއް ޤައުމު ތަކުގެ ފުޓުބޯޅަ ކޮމެންޓަރީ އަކީ އަޑު އަހަން ވަރަށް މަޖާ އެއްޗަކަށް އޮންނަނީ ވެފައެވެ. ލެޓިން އެމެރިކާގެ ބައެއް ޤައުމު ތަކުގެ ކޮމެންޓޭޓަރުން، ލަނޑެއް ޖެހީމާ ގޯލް އޭ ކިޔާފައި ދަމަން ފަށާ ގޮތަށް ދެ މިނިޓެއްހައި އިރު ހިފަހައްޓައިލައެވެ. އެއީ ފޯރި ގަދަ ކޮށްލުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ލިޔުން ތަކުން ފެނެއެވެ.

ދިވެހި ކޮމެންޓޭަރުންނަކީ ވެސް މި ފަންނުގައި ވަރަށް ކުޅަދާނަ ބައެއް ކަމަށް ދަންނަވަން ޖެހެއެވެ. ލަނޑެއް ޖެހީމާ އަރާ ފޯރިއަށް ވުރެ މާ ބޮޑު ފޯރިއެއް ލަނޑު ޖަހަން އުޅޭ ވަގުތު ދިވެހި ކޮމެންޓޭޓަރުން އަރައެވެ. ބޯޅަ ގޯލާ ކައިރި ވާ ވަރަކަށް ދާނީ އަޑު ގަދަ ވަމުންނެވެ. މިއީ ދިވެހި ގޮތް ކަމަށް ބަލަމާތޯއެވެ؟ ކޮންމެ ބަޔަކަށްވެސް ގޮތެއް އޮވެއެއް ނޫންތޯއެވެ؟

ކޮމެންޓްރީ ދިނުމަކީ ބައެއް މީހުން ވަރަށް ބޮޑަށް ކުރާ ހިތްވާ ކަމެކެވެ. ދިވެހިރާއްޖޭގެ ވަރަށް މަޝްހޫރު ރެފްރީއަކަށް އެއް ދުވަސްވަރެއްގައި މި ބަލި ޖެހުނެވެ. ދިވެހި ރާއްޖޭގެ އަޑުގައި އުޅުއްވާ މުއުމިނާގެ ރީތި އަޑު ރޭޑިއޯ އިން އިވެން ފެށީމާ މި ދެންނެވުނު ރެފްރީއަށް ވެސް ޤަބޫލު ކުރެވުނީ އެ ގޮތަށް އަޑަށް ގޮތް ގޮތް ހަދައި، ބަނޑި ލައްވައި ހެދުމަކީ ކުރެވިދާނޭ ކަމެއް ކަމަށެވެ.

އެ ދުވަސްވަރަކީ ފުޓުބޯޅަ ކޮމެންޓޭޓަރުން ވަރަށް މަދު ދުވަސްވަރެކެވެ. އެހެންވީމާ ރެފްރީ އަށް ވަރަށް ފަސޭހައިން ފުރުޞަތު ލިބިއްޖެ އެވެ.

ފުރަތަމަ ދުވަހުގެ ކޮމެންޓްރީ އަޅުގަނޑުވެސް އަޑު އެހީމެވެ. އެ ވަރުގެ ކަމެއް އަދި ނުދެކެމޭ ދެންނެވީމާ ޤަބޫލުފުޅު ކުރައްވާށެވެ. ރޭޑިއޯ އިން އިވުނު އަޑަކުން އަޅުގަނޑުގެ ފޫހި ފިލި ދުވަހެއް އެ ނޫނީ ނާދެއެވެ. އޭނާގެ ކޮންމެ ޢިބާރާތަކީ ވިސްނައި ފިކުރު ކުރާން ޖެހުނު ޢިބާރާތަކަށް ވިއެވެ. ބޭނުން ކުރަމުން ދިޔައީ ކުރު ޢިބާރާތް ތަކެކެވެ.

އެ ދުވަސްވަރު ފުޓު ބޯޅައިގެ ފޯރި ގަދަ ކުރުމުގެ ގޮތުން އަމިއްލަ ފަރާތަކުން ކުޑަ ކުޑަ ނޫހެއް ނެރެގެން، ކުޅި ބަލާ މީހުންނަށް ހިލޭ ބަހައި ހެދި އެވެ. އެއަށް ޢާއްމު ބަހުރުވައިން ކިޔައި އުޅެނީ ފޮޅިއެވެ. މި ދެންނެވުނު ރެފްރީގެ ފުރަތަމަ ދުވަހުގެ ކޮމެންޓްރީ އާ ބެހޭ ގޮތުން އެ ފޮޅީގައި ކާޓުނެއްވެސް ޖެހިއެވެ. އެ ކަމާ ރުޅި އައިސްގެން ރެފްރީ އުޅުނު ކަމަށްވެސް ވެއެވެ.

އެ ދުވަހުގެ މެޗުގައި ހިނގި ކަމެއްގެ ވާހަކަ ދަންނަވައިލާ ނަމެވެ.

ކުޅުންތެރިއަކު ބޯޅަ ހިފައިގެން ގޮސް އިދިކޮޅު ޓީމުގެ ޕެނަލްޓީ އޭރިއާގެ ތެރެއަށް ވަންނަނީއެވެ. އޭނާ އެ ދިޔަ ގޮތުން ލަނޑެއް ޖަހާނޭހެން ހީވިއެވެ. ކުއްލިއަކަށް އިދިކޮޅު ޓީމުގެ ދިފާޢީ ކުޅުންތެރިއަކު އޭނާޔާ ދިމާއަށް ދުއްވައިގެންފިއެވެ. އެ ދިޔަ ގޮތަށް ގޮސް ހެދި ނެހެދިއެއް ނޭނގެއެވެ. ބޯޅަ ދިޔަ ތަނަކަށް ދިޔައީއެވެ. ބޯޅަ ހިފައިގެން އައި ކުޅުންތެރިޔާ އޮތީ އުޑިތިލަމަތިން ބިން މައްޗަށް ވެއްޓި ދެމިފައެވެ. ޚަބަރު ހުސް ވެފައެވެ. ރެފްރީ ކަށިގަނޑު ފުމެލައިފިއެވެ.

މި ހާދިސާ އަޅުގަނޑުމެންގެ ރެފްރީ ކޮމެންޓޭޓަރު ސިފަ ކޮށްދެއްވީ އާދަޔާ ޚިލާފު ކުރު ޖުމްލައަކުންނެވެ. އައްސަވާށެވެ.

“ނުބައި މީހަކު އެކޮޅުކޮޅުން ޖެހުމުގެ ސަބަބުން ރެފްރީ ގޮއްވާލައިފި."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.