ޑިސެންބަރު އަށާވީސް: ދުނިޔޭގެ ފަހު ދުވަސް! - 24

(28 މެއި 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އިސްލާމީ ހުރިހައި ގައުމުތަކެއް ވަނީ ހަލަބޮލިވެފައެވެ. ދީނުގެ ޢިލްމުވެރީން ދެކޮޅުހަދަމުން ގެންދިޔައެވެ. ތަރިއެއް އައިސް ބިމުގައި ޖެހުނު ނަމަވެސް އޭގެ މާނައަކީ ބާވައިލެއްވި ފޮތްތަކުގައި ވާ ގިޔާމަތްވުމެއް ނޫނެވެ. އެހެންކަމުން މި ދަނޑިވަޅުގައި ޢީސާގެފާނު ދުނިޔެއަށް ވަޑައިގަންނަވާ ކަމަށް ދައްކާ ވާހަކައަކީ ދޮގެކެވެ.

ޢީސާއީ ދީން ފެތުރުމަށް ޓަކައި ވިސްނައި ރާވައިގެން ދީނީ ޑުރާމާއެއް ކުޅެމުން ގެންދަނީ ކަން ރީތިކޮށް ވިސްނެއެވެ. ބޭނުމަކީ މި ދުނިޔޭގެ އެންމެ ފަހު ދެތިން ދުވަހުގައި، މީސްތަކުން ރަސޫލު ބޭކަލެއްގެ ޑަމީ ދެކެފައި ޢީސާއީ ދީނަށް އެނބުރުމެވެ. ދުންތަރިން ޖެހުމަށްފަހުގައި ވެސް ދުނިޔެ ސަލާމަތުން އޮވެއްޖެ ނަމަ ހަމަ ހަގީގަތުގައި ޢީސާގެފާނު ދުނިޔެއަށް ވަޑައިގަތީކަން ސާބިތު ކޮށްދެވޭނެއެވެ. ދުނިޔެ ހަލާކުވެއްޖެ ނަމަ ޑުރާމާ ކުޅުނު މީހުންނަށް އަދަބު ދޭކަށް މީހަކު ނުހުންނާނެއެވެ.

ބޭރަށްނުކުތުން މަނާކުރާ ގާނޫނު ހިންގައިފައި އޮތް ނަމަވެސް ގިނަ އަދަދެއްގެ މުސްލިމުން ފުރާނަ ނަގައި އަތްމައްޗަށް ލައިގެން ޢަމަލީ މައިދާނަށް ނުކުތެވެ. އެ މީހުން ކަރުނަގޭހާއި، ލަޓިބުރިއާއި ބަޑީގެ ގުގުމަމުންދާ ހިތް ހަލުވައިލާ އަޑުގެ ކުރިމަތީގައި ފުރާނަ ދޫކޮށްލަފާނެއެވެ. އެކަމަކު ބާވައިލެއްވި ފޮތުގައި ބަޔާންކޮށްދެއްވައިފައި ވާ ގިޔާމަތުގެ ނިޝާންތައް ނުރަނގަޅު ގޮތެއްގައި ހުށަހެޅުމުގެ ހުއްދައެއް ނުދޭނެއެވެ.

ފަތިސްވަންދެން ހަމަނުޖެހުންތައް ހިނގަމުން ދިޔައެވެ. ސިފައިން އަމަންއަމާންކަން ގާއިމުކުރާން މަސައްކަތް ކުރަމުން ގެންދިޔައެވެ. ފަންސަވީސް ޑިސެންބަރުގެ ފަތިހު، ހަމަނުޖެހުންތައް ކުއްލިއަކަށް ފިނިވިއެވެ. ރޭޑިއޯއިން ޚަބަރުފަތުރަމުން ގެންދިޔައެވެ. އިޓަލީއަށް ވަރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. މި ބިންހެލުމުގައި ވަރަށް ގިނަ އިމާރާތްތައް ވެއްޓުނެވެ. މާތް ރަސޫލު ބޭކަލެއްގެ ޑަމީ ދުރަށް ދައްކަން އުޅުނު ޓީވީ އިސްޓޭޝަން ވެސް ވެއްޓި ކުދިކުދިވިއެވެ. ރޯމުގެ ޕޯޕުގެ ބަޔާނެއް ވެސް ދުރަށް އިއްވަމުން ގެންދިޔައެވެ. އެ ބަޔާނުގައި ވާ ގޮތުން ޢީސާއީންގެ އެއްވެސް ފިރުޤާއަކުން އެއްވެސް ފައްޅިއަކުން މަސީޙު ދުނިޔެއަށް ވަޑައިގަތް ކަމަކަށް ނުބުނެއެވެ. އެ ޚަބަރު ދުރަށްފޮނުވައިފައި ވަނީ ކޮންމެވެސް ސިއްރު ރޭޑިއޯ އިސްޓޭޝަނަކުންނެވެ. ރޯމުގެ ފައްޅި ބަދުނާމުކުރުމުގެ ރޭވުން ރާވަނީ ކޮން ބައެއްތޯ ބަލާން ފުޅާ ދާއިރާއެއްގައި ތަހުގީގުކުރެވެމުން އެބަދެއެވެ. އެއަށްފަހު ވައްބަހުން ޔަހޫދީންގެ މައްޗަށް ޝައްކުކޮށްފައި ވެއެވެ.

އެ ދުވަހު ހުރިހައި ގެއަކާއި ހުރިހައި ބާޒާރެއްގެ ރޭޑިއޯ ހުރީ ހުޅުވައިފައެވެ. ސިއްސުވައިލަނިވި ޚަބަރުތައް އިރުއިރުކޮޅުން ދުރަށްފޮނުވަމުން ގެންދިޔައެވެ. ބޮޑެތި ގައުމުތަކުގެ ސިފައިން އެއް ބައަކު އަނެއް ބައަކާ ހަނގުރާމަ ފަށައިފިކަން އެގާރައިގެ ޚަބަރުން އެނގުނެވެ. އެއަށްފަހު އެނގުނީ ތަފާތު ގައުމުތަކުގެ ސިފައިންގެ ތެރޭގައި އުޅޭ ޔަހޫދީ ސިފައިންނާއި އޮފިސަރުން ވައިގެ ބަނދަރުތަކާއި ކަނޑުގެ އުޅަނދުތަކާއި އަޑިންދާބޯޓުފަހަރަށް އަތްގަދަކޮށްލައިގެން ތިބި ކަމެވެ. އުތުރު އެމެރިކާގެ ދެކުނު ޖަޒީރާއެއް ކަމަށްވާ ބަހާމާގައި ގުލޯބު އާކެއް ބަނދެފައި ވާ ކަމާއި އެ ތާނގައި ވެސް އަދަދު ގިނައީ ޔަހޫދީން ކަމެވެ.

މެންދުރުފަހުގެ ޚާއްޞަ ޕުރޮގުރާމަށް ޓީވީ އިސްޓޭޝަން ހުޅުވިއެވެ. ގުލޯބު އާކު ބަނުން ކަހަލަ މުހިންމު ރޭވުންތަކުގައި ބައިވެރިނުކުރި ބޮޑެތި ގައުމުތަކުގެ ސިފައިންގެ އޮފިސަރުންގެ އިންޓާވީތައް ދައްކަމުން ދިޔައެވެ. އެ މީހުން ބުނަމުން ގެންދިޔައެވެ.

"މީގެ ހަތަރު މަހާއި ވިހި ދުވަސް ކުރިން ބޭއްވި ސިއްރު ޖަލުސާގައި ބުނެފައިވަނީ އަޅުގަނޑުމެންގެ މި ދުނިޔެ ސަލާމަތްކުރުމަށް ޓަކައި ކަނޑުގެ އުޅަނދުފަހަރާއި އަޑިންދުއްވާބޯޓުތައް ކަނޑަށް ނުކުންނާނެ ކަމުގައި. ވައިގެ ސިފައިންގެ އޮފިސަރުން ޔަގީންކަން ދީފައި ވަނީ ދުނިޔޭގެ ސަލާމަތަށް ޓަކައި ޖައްވުގެ ތެރެއިން ދުންތަރި ގޮއްވައިލާނެކަމަށް. ޖައްވީ އިސްޓޭޝަންތަކުން ވެސް ދުރު ރާސްތާ ރޮކެޓުން ހަމަލާދޭނެ ކަމަށް. އަދި ދުންތަރި ބިމާ ހަމައަށް ފޯރުމުގެ ކުރިން ކުދިކުދިކޮށްލައި ވިހުރުވައިލާނެ ކަމަށް. ހަމަޖައްސައިފައި ވަނީ ކަނޑުގެ ސިފައިންގެ އޮފިސަރުން ވެސް ކަނޑަށް ނުކުމެ މި ފަރުޟު އަދާކުރުމަށް.

އެކަމަކު އަޑިއަޑިން ނުބައި ރޭވުންތައް ރާވަމުން ދިޔަކަން ފަހުން އެނގެމުން ދިޔަ. އެއްގަމު ސިފައިންގެ ތެރޭގައި ހުވަނދަކަށްވެސް ޔަހޫދީއަކު ނެތް. އެ މަގާމުގައި ބައިތިއްބައިފައި ތިބީ ޢީސާއީން. އެއީ އެ މީހުން ބިމުގައި ތިބުމަށް. ވައާއި ކަނޑުގެ ލަޝްކަރުގައި ގިނައީ ޔަހޫދީން. އެއީ އެގޮތުން އެ މީހުން ސަލާމަތްވުން އެކަށީގެންވާތީ. ގުލޯބު އާކުން ޖާގަ ދިން މުސްލިމުންނާއި ހިންދޫންނާއި ޢީސާއީންނަކީ އާ ދުނިޔެއަށް އެ މީހުންގެ ދިރިތިބުން މުހިންމުކަމުން މަޖުބޫރުވެގެން ޖާގަދިން ބައެއް."

އެއަށްފަހު ގުލޯބު އާކު ބަނުމުގައި ބައިވެރިވި އިންޖިނޭރުގެ އެހީތެރިއެއް ދެއްކިއެވެ. އޭނާ ބުންޏެވެ.

"ގުލޯބު އާކާ ބެހޭ ގޮތުން އަޅުގަނޑުމެން އެންމެން ގާތު ބުނެފައިވަނީ އެއީ ހަނގުރާމައިގެ ބޭނުމަށް ބަންނަ އުޅަނދެއް ކަމަށް. އަޅުގަނޑުމެން އެ ކަން ޔަގީންކުރިން. އޭރަކު ދުންތަރި އަންނަ ޚަބަރެއް އަޅުގަނޑުމެންނަކަށް ލިބިފައެއް ނެތް. ބަހާމާ ޖަޒީރާގައި މަސައްކަތްކުރި އިރު އަޅުގަނޑުމެންނަށް ހުރިހައި ބާވަތެއްގެ މިނިވަންކަން އޮތް."

(ނުނިމޭ)

މުޙައްމަދު ޝާހިދު ޙަލީމް
މުޙައްމަދު ޝާހިދު ޙަލީމަކީ ދިވެހި އަދަބީ ދުނިޔޭގެ އެންމެ ފުންނާބު އުސް ލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދަބީ ދުނިޔޭގައި ޝާހިދުގެ ކުޅަދާނަކަން ނުފެންނަ ދާއިރާއެއް ނެތެވެ. ތަރުޖަމާ ކުރެއްވުމާއި، ލިޔުއްވުމާއި، ތަމްސީލާއި ޑްރާމާ ކުޅުއްވުމާއި، ޅެން ހެއްދެވުމާއި، އަތުލިޔުމުގެ ދާއިރާގައިވެސް މަޝްހޫރު ބޭފުޅެކެވެ. މިހާރުވެސް ދިވެހިބަހުގެ އެކަޑެމީގެ މެންބަރެއްގެ ގޮތުގައްޔާއި ޔުނިވަރުސިޓީ ލެކްޗަރާރެއްގެ ގޮތުގައި ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ލިޔުއްވުމުގައި އިބާރާތް ކުރެއްވުމުގެ ރީތިކަމާއި، އެތުރުއްވުމުގެ ކުޅަދާނަކަން ފާހަގަ ކުރެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.