އެކަށީގެންވާ ވަރަށް ޖަލުތަކުގައި ވަސީލަތް ނެތް: ރިޕޯޓު

ރާއްޖޭގެ ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން ބަންދުގައި އެބަތިބި ކަމަށާއި އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް އެކަށީގެންވާ ވަރަށް ޖަލުތަކުގައި ނެތްކަމަށް ޖަލުތަކާބެހޭ އޮޑިޓް ރިޕޯތުގައި ބުނެފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއޒްގެ ވެބްސައިޓްގައ މިއަދު ޢާއްމުކޮށްފައިވާ ރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި ޒުވާނުންގެ އަދަދު ވެސް ގިނައެވެ. މަސްތުވާތަކެތީގެ ޤާނޫނަށް ބަދަލުގެނެވިފައި ވީނަމަވެސް ކުރީގެ ހަރުކަށި ޤާނޫނޫ ދަށުން 25 އަހަރަށް އަދިވެސް މީހުން ޖަލަށް ލާފައިވާކަން އޭގައި ވަނީ ފާހަގަކޮށްފައެވެ. އޭގެ އިތުރަށް  މުއްދަތެއް ނެތްގޮތަށް ތަފާތު މައްސަލަތަކުގައި ދިވެހިންނާއި، ބިދޭސީން ރިމާންޑް ޖަލުގައި ބައިތިއްބާފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.

ޖަލުގެ ކެޕޭސިޓީއަށްވުރެ އިތުރަށް މީހުން ބައިތިއްބާފައިވާކަމަށް ރިޕޯރޓްގައި ފާހަގަކޮށްފައިވަނީ މާލެ ޖަލާއި، މާފުށި ޖަލުގައެވެ.

ރިޕޯރޓްގެ ހުށައެޅުންތަކުގެ އެންމެބޮޑު އިންސައްތައެއް ބިނާވަނީ ޕޮލިސީއާ ގުޅުންހުރި ކަންކަމަށެވެ. އެއީ 32% އެވެ. ހުށައެޅުންތަކުގެ %30 އަކީ ޤާނޫނުތަކާއި، ޤަވާއިދުތަކާ ގުޅުންހުރި ހުށައެޅުންތަކެވެ. އިދާރީ މައްސަލަތަކުގެ ގޮތުގައި %20 އަދި ބަޖެޓާ ގުޅުންހުރި %18 އިންސައްތަ ހުށައެޅުން ރިޕޯރޓްގައި ވަނީ ހިމަނާފައެވެ.

ހުށައެޅުންތަކުގެ ތެރެއިން އެންމެ ގިނަ ހުށައެޅުންތައް ރައްދުވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށެވެ. އެއީ ހުށައެޅުންތަކުގެ %64 އެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅުންހުރި %26 އިންސައްތަ ހުށައެޅުން އަދި މިނިސްޓްރީ އޮފް ހޯމްއެފެއާޒާ ގުޅުންހުރި %5 ހުށައެޅުމާއި، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއާ ގުޅުންހުރި %3 ހުށައެޅުން ރިޕޯރޓްގައި ހިމަނާފައިވެއެވެ.

ޤާނޫނާ ޤަވާއިދުތަކާ ޚިލާފް މައްސަލަތަކާއި، ޢާއްމު މައްސަލަތަކާއި، ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މައްސަލަތަކާއި، އަނިޔާގެ އަމަލުތައް ހިންގުމުގެ މައްސަލަތައްވެސް ރިޕޯރޓްގައި ހިމަނާފައިވެއެވެ.

ރިޕޯރޓް މިއަދު ޢާއްމުކުރީ މީހުންގެ ޒާތީ މައުލޫމާތާއި، ސަލާމަތާ ގުޅުންހުރި މައުލޫމާތުތައް އުނިކުރުމަށްފަހުއެވެ. ރިޕޯރޓް މިހާރު ވަނީ ކަމާ ގުޅުންހުރި ދާއިރާ ތަކާ ޙިއްޞާކުރެވިފައި ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ. ރިޕޯޓުގައި ބުނެފައިވާ ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.