ޖަލުތަކާ ޙަވާލުވެ ތިބޭ މީހުންނާއި ޤައިދީންގެ ވިސްނުމަށް ބަދަލު ގެންނަން ޖެހޭ: ހޯމް މިނިސްޓަރ

ޖަލުތަކިގެ ޙާލަތު ރަނގަޅު ކުރުމަކީ މިސަރުކާރުގެ ވަރަށްބޮޑު އަމާޒެއްކަމަށާއި ހާލަތު ރަނގަޅުކުރުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ ވިސްނުމަށް ހެޔޮބަދަލު ގެނައުން ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެގޮތުން ޖަލުތަކާ ހަވާލުވެތިބޭ މީހުންގެ ވިސްނުމާއި، ޖަލުތަކުގައި ބަންދުކުރެވޭ ޤައިދީންގެ ވިސްނުމަށްވެސް ހެޔޮބަދަލު ގެނަނަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމް ފަށްޓަވައި ދެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ ވިސްނުމަށް ހެޔޮބަދަލު ގެނައުމަށް ފެށޭ ހިސާބަކީ އިތުރު މައުލޫމާތާއި، އިލްމް ލިބިގަތުން ކަމަށެވެ. ޢިލްމާއި މައުލޫމާތު ލިބިގަތުމުގެ އެންމެ މުހިއްމު ވަޞީލަތަކީ ފޮތްކިޔުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޖަލުގެ ޤައިދީންނަށް ފޮތްކިޔުމުގެ ފުރުޞަތު އިތުރަށް ތަނަވަސްކޮށްދިނުމަކީ ޖަލަށް ހެޔޮބަދަލުގެނައުމުގެ މުހިއްމު ފިޔަވަޅެއް ކަމުގައި އަޅުގަނޑު ޤަބޫލުކުރަން. އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ އިސްކަމާއި، އެމަނިކުފާން އަޅުގަނޑުމެންނަށް ދެއްވާ އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ ޝުކުރެއް ދަންނަވަން " މިނިސްޓަރ ވިދާޅުވިުއެވެ.

މިނިސްޓަރ ވިދާޅުވީ ޖަލުތަކުގެ ލައިބްރަރީ މުއްސަނދިކުރުމަށް ގިނަ ފޮތްތަކެއް ބޭނުންވާކަމަށާއި، އެކަމުގައި މުޅި މުޖުތަމައުގެ އެއްބާރުލުން ބޭނުންވާކަމަށެވެ. އުއްމީދުކުރައްވަނީ ހުރިހާ ޖަލުތަކެއްގައިވެސް އެކަށީގެންވާ ލައިބްރަރީތަކެއް ޤާއިމްކުރެއްވުމަށް ކަމަށާއި، އެކަމުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ކިޔަވާކުދިން ޚާއްޞަކޮށް، މަތީ ތައުލީމަށް ކިޔަވާކުދިންނާއި، ޖަމްއިއްޔާ ޖަމާއައްތަކާއި، ވިޔަފާރިވެރިންނާއި، ކުންފުނިތަކުގެ އެހީތެރިކަމާއި ސަރުކާރުގެ ހުރިހާ ފަންތިއެއްގެ އެހީތެރިކަންވެސް ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމާއެކު ޖަލުތަކުގެ ލައިބްރަރީތައް އެކަށީގެންވާ ވަރަށް މުއްސަނދިކުރުމުގެ ފުރުޞަތު ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިކަން ވެގެންދާނީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރަމުންގެންދާ މަސައްކަތަށް ލިބިގެންދާ ބޮޑު ބާރަކަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޖަލަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމް އޮންނާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ރޭގެ ނިޔަލަށް އަމީނިއްޔާ ސްކޫލްގެ ހޯލްގައެވެ. ފޮތް ހަދިޔާކުރުމުގެ ފުރުޞަތު އޮންނާނީ ހެނދުނު 10:00 ން 15:00 އަށް އަދި ރޭގަނޑު 21:00 ން 23:00 އަށެވެ. ހުކުރު ދުވަހު އޮންނާނީ ރޭގަނޑު 21:00 ން 23:00 އަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.