ދުނިޔޭގެ އެންމެ ދުވެލި ބާރު ކުރޫޒް މިސައިލް އިންޑިޔާއިން ޓެސްޓުކޮށްފި

އިންޑިޔާއިން އިން އިއްޔެ ޓެސްޓުކުރި ބްރާހްމޯސް-އޭ މަރުކާގެ މިސައިލް

ދުނިޔޭގައި މިހާތަނަށް އުދުއްސާލި އެންމެ ދުވެލި ބާރު މިސައިލް އިއްޔެ ޓެސްޓްކޮށްފައިވާކަމަށް އިންޑިޔާގެ ވައިގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުނިގޮތުގައި ވައިން އެއްގަމަށް ފޮނުވާލެވޭ، އަޑަށްވުރެ ބާރަށް ދަތުރުކުރާ ބްރާހްމޯސް-އޭ މިސައިލް ފޮނުވާލާފައިވަނީ ރަޝިޔާގައި އުފައްދާފައިވާ ސުޚޯއީ އެސްޔޫ-30 އެމްކޭއައި މަރުކާގެ އަސްކަރީ މަތިންދާބޯޓަކުންނެވެ.

"މަތިންދާބޯޓުން މިސައިލް ފޮނުވާލެވިފައިވަނީ އޮމާންކަމާއެކުއެވެ. އަދި މިސައިލް ވަނީ އެއަށް ކަނޑައެޅިފައި އޮތް މަގުން ދަތުރުކޮށް ބިންމަތީގައިވާ އޭގެ އަމާޒުފަތްގަނޑަށް ވާސިލުވެފައެވެ." ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވެއެވެ.

ސުޚޯއީ މަތިންދާބޯޓުން ފޮނުވާލި 2.5 ޓަނުގެ ބްރާހްމޯސް-އޭ މިސައިލަކީ 1640 ފޫޓާއި 46000 ފޫޓާއި ދެމެދުގެ އުސްމިނެއްގައި ދަތުރުކުރަމުންދާ މަތިންދާބޯޓަކުން 400 ކިލޯމީޓަރު ދުރަށް ފޮނުވާލެވޭ މިސައިލެކެވެ.

ރަޝިޔާއާއި ގުޅިގެން އިންޑިޔާއިން ތަރައްގީކުރާ، ގަޑިއަކު 3450 ކިލޯމީޓަރުގެ ދުވެލީގައި ދަތުރުކުރާ ބްރާހްމޯސް-އޭ މިސައިލް އުފައްދައި ވަރަށް އަވަހަށް ބޭރު ގައުމުތަކަށްވެސް ވިއްކަން ފަށާނެކަމަށް ބައެއް ޚަބަރުތަކުގައި ބުނެފައި ވެއެވެ.

ޕާކިސްތާނުން އިއްޔެ ޓެސްޓުކުރި ޝާހީން-2 މަރުކާގެ މިސައިލް

އަނެއްކޮޅުން، ޕާކިސްތާނުންވެސް އިއްޔެ މިސައިލެއް ޓެސްޓުކޮށްފައެވެ. ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނީ އިއްޔެ އެގައުމުން ޓެސްޓުކޮށްފައި ވަނީ ބިމުން ބިމަށް ފޮނުވާލެވޭ، ނިއުކުލިޔާ ހަތިޔާރު އުފުލުގެ ގާބިލުކަން ލިބިފައިވާ، ޝާހީން-2 މަރުކާގެ ބެލިސްޓިކް މިސައިލެކެވެ. އެ މިސައިލަށް 1500 ކިލޯމީޓަރު ދުރަށް ވާސިލުވުމުގެ ގާބިލުކަން ލިބިފައި ވެއެވެ.

ޕާކިސްތާނުގެ ނޭޝަނަލް އިންޖިނިއަރިންގ އެންޑް ސައިންޓިފިކް ކޮމިޝަން (ނެސްކޮމް) އިން ޑިޒައިންކޮށް، ނޭޝަނަލް ޑިފެންސް ކޮމްޕްލެކްސް އިން އުފައްދާ މި މިސައިލަކީ ޕާކިސްތާނުގެ އަމިއްލަ އުފެއްދުމެއްކަމަށް އެގައުމުން ބުނެއެވެ. އެހެންނަމަވެސް، އެއީ ޗައިނާގެ އެމް-18 މިސައިލް އަސްލަކަށް ބަލައިގެން އުފައްދާފައިވާ މިސައިލެއްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.