އިންޑޮނޭޝިޔާގައި ފާއިތުވި އެޕްރީލް މަހު 17 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ މިއަދު އިއުލާންކޮށްފައި ވާއިރު، އިދިކޮޅު ކެންޑިޑޭޓް ޕްރަބޯވޯ ސުބިއަންޓޯ ވަނީ ނަތީޖާ ގަބޫލުނުކުރައްވާކަމުގައި ވިދާޅުވެފައެވެ. އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައީސު ވިދޯދޯ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފައިވާ ކަމަށް ނިންމި ނަތީޖާގެ މައްސަލަ ކޮންސްޓިޓިއުޝަނަލް ކޯޓަށް ހުށަހަޅުއްވާނެ ކަމުގައެވެ.
އޭނާގެ ބަޔާން އައިސްފައި މިވަނީ ޑިމޮކްރެސީގެ ރޫހާ އެއްގޮތަށް އިދިކޮޅު ކެންޑިޑޭޓް ޕްރަބޯވޯއާއި އޭނާގެ ރަނިންމޭޓް ސަންޑިއާގާ އުނޯއާ ބައްދަލުކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ރައީސު ވިދޯދޯ ވިދާޅުވެފައި ވަނިކޮށެވެ.
"އަހަރުމެން ވަނީ، ތެދުވެރި އިންސާފުވެރި އިންތިޚާބެއް ފެންނާނެހެން (ވޯޓު ގުނުމުގެ) ކަންތައް އެކުގައި ރަނގަޅުކުރުމަށް (ޖެނެރަލް އިލެކްޝަން ކޮމިޝަން) ކޭޕީޔޫ އަށް ފުރުސަތުދީފައި. އެހެންނަމަވެސް ކޭޕީޔޫ އިން އެގޮތަށް ކަން ކޮށްފައި ނުވޭ. އެހެންކަމުން، މޭ މަހުގެ 21 ދުވަހުގެ އިރާކޮޅު ނުރުނު ރިޔާސީ އިންތިޚާބުގެ ހުރިހާ ނަތީޖާއެއް ގަބޫލުކުރުމަސް އަހަރުމެން، ދެވަނައަށް އައި ރިޔާސީ ޖޯޑު، ދެކޮޅުހަދަން." ޕްރަބޯވޯ ވިދާޅުވެފައި ވެއެވެ.
ކުރީގެ އަސްކަރީ ޖެނެރަލެއް ކަމުގައިވާ ޕްރަބޯވޯ ވަނީ 2014 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައިވެސް ޖޯކޯ ވިދޯދޯއާ ވާދަކުރައްވައި ބަލިވެވަޑައިގެންފައެވެ. މިފަހަރު ބަލިވެވަޑައިގަތީ ތަފާތު ބޮޑުކޮށެވެ. އެ ފަހަރުގެ އިންތިޚާބުގައި ޕްރަބޯވޯ 46.85% ހޯއްދެވިއުރު މި ފަހަރުގެ އިންތިޚާބުގައި އޭނާއަށް ލިބިވަޑައިގަތީ %44.5 އެވެ.
ފާއިތުވި މަހު ވަގުތީ ނަތީޖާތައް އައުމާއެކުވެސް އޭނާ އިންތިޚާބު ކާމިޔާބުކުރެއްވީ އޭނާ ކަމަށާ، ވޯޓު ގުނުމުގައި މަކަރުހަދާފައި ވާކަމަށެވެ. ރަސްމީ ނަތީޖާ އިއުލާންކުރުމާއެކު 'ރައްޔިތުންގެ ބާރު' ދައްކާލާ މުޒާހަރާތަކެއް ކުރަން ތައްޔާރު ވިނަމަވެސް، ފަހުވަގުތު ޕްރަބޯވޯގެ ޕާޓީ އެކަން ދޫކޮށްލައި ގާނޫނީ މަގު އިޚްތިޔާރުކުރަން ނިންމާފައެވެ.