އިންޑޮނޭޝިޔާގައި މިއަދު ބޭއްވި ރިޔާސީ އެގައުމުގެ މިހާރުގެ ރައީސު ޖޯކޯ ވިދޯދޯއާއި އޭނާގެ ރަނިންމޭޓް މަޢުރޫފު އަމީނު ކާމިޔާބުކުރައްވައިފިކަމަށް 'އަވަސް ގުނުމުގެ ' ނަތީޖާއިން ދައްކައިފިއެވެ..
'ކުއިކް ކައުންޓްސް' (އަވަސް ގުނުން) އަކީ ވޯޓުލާފައި ނުކުންނަ މީހުންގެ މެދުގައި އަމިއްލަ ޖަމާއަތްތަކުން ނަގާ ޚިޔާލު ހޯދުމުގެ ވޯޓެވެ. އިންޑޮނޭޝިޔާގެ އިންތިޚާބުތަކުގައި މިފަދަ 'އަވަސް ގުނުން'ތަކުގެ އިތުބާރު ބޮޑުކަން ފާހަގަކުރެވިފައި ވެއެވެ. ރަސްމީ ނަތީޖާއަށް ގިނަ ދުވަސް ނަގާތީ، އިންތިޚާބުގެ ނަތީޖާ އަވަހަށް ދެނެގަތުމަށް ބަލަނީ 'އަވަސް ގުނުން'ތަކަށެވެ.
އަވަސް ނަތީޖާ ހާމަކުރި ފަސް ފަރާތުގެ ނަތީޖާއަށް ބަލާއިރު ރައީސު ވިދޯދޯ އުޅުއްވަނީ %55 އެކު ކުރީގައެވެ. އޭނާއާ ވާދަކުރެއްވި ޕްރަބޯވޯ ސުބިއަންޓޯއަށް ލިބިވަޑައިގަތީ ވޯޓުގެ %45 އެވެ. 'އަވަސް ގުނުމު'ގެ %80 ނަތީޖާ މިހާތަނަށް ވަނީ ލިބިފައެވެ..
ރައީސު ޖޯކޯ ވިދޯދޯގެ ޕާޓީ، އިންޑޮނޭޝިޔަން ޑިމޮކްރެޓިކް ޕާޓީ އޮފް ސްޓްރަގްލްގެ އަމިއްލަ ސާވޭތަކުން ދައްކާ ގޮތުގައި ވިދޯދޯއަށް %57 ނުވަތަ %58 ވޯޓު ލިބިވަޑައިގަންނަވާނެއެވެ.
ވޯޓުލައްވަން ވަޑައިގަތުމަށް ފަހު، އުއްމީދުކުރައްވަނީ ކިހިނެއްތޯ ނޫސްވެރިއަކު ރައީސު ވިދޯދޯއަށް ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ "އަހަރުމެން މަސައްކަތްކުރަނީ، ކަންތައް އަބަދުވެސް ދިމާވާނީ އެންމެ ރަނގަޅަށް ކަމަށް ބަލައިގެން" ކަމުގައެވެ.
އުމުރުފުޅުން 57 އަހަރުގެ ޖޯކޯ ވިދޯދޯ އިންޑޮނޭޝިޔާގެ ރައީސުކަމަށް ވަޑައިގަތީ 2014 ވަނަ އަހަރު އޮތް ރިޔާސީ މިއިންތިޚާބުގައި މިހާރުވެސް އޭނާގެ ވާދަވެރިޔާ، އުމުރުފުޅުން 67 އަހަރުގެ ޕްރަބޯވޯ ސުބިއަންޓޯ %6 ގެ ތަފާތަކުން ބަލިކުރައްވައިގެންނެވެ.