ސިއްހީ ޑަކްޓަރުން ވިދާޅުވާ ގޮތުގައި ހަނދާންނެތުމަކީ އުމުރާ ގުޅިފައި އޮންނަ ކަމެކެވެ. އުމުރުން ދުވަސްވީ ވަރަކަށް އެކި ގުނަވަންތަކުގެ ބާރު ދެރަވެ ކަންފަތިވާ ގޮތް ވެއެވެ. އެ ގުނަވަންތަކުގެ ތެރޭގައި ސިކުނޑިވެސް ހިމެނެއެވެ. އުމުރުން ދުވަސްވުމާ ގުޅިގެން ހަނދާން ނެތޭ ކަންތައްތަކުގެ ތެރޭގައި އެއްޗެއް ބޭއްވުނުތަން ހަނދާން ނެތުންވެސް ހިމެނެއެވެ. އަދި ބައެއް ފަހަރަށް ކަންތައްތައް ހަދާން ކުރާން ހޭދަވާ ވަގުތު ދިގުވާގޮތްވެސް ވެއެވެ. ޒުވާން ދުވަސްވަރު ނުވަތަ ނޫކަށިފުރައިގެ ދުވަސްވަރު އެއްޗެހި ދަސްކުރާން ހޭދަވާ ވަގުތަށް ވުރެ ގިނަ ވަގުތު ހޭދަވާ ގޮތް ވެއެވެ.
ބައެއް މީހުންނަކީ ވަކި ކަހަލަ ކަންތައްތައް ވަރަށް ރަނގަޅަށް ހަނދާން ހުރެފައި ބައެއް ކަހަލަ ކަންތައްތައް އެއްގޮތަކަށްވެސް ހަނދާން ނުހުންނަ މީހުންނެވެ. މިއީވެސް ބައްޔެއް ނޫން ކަމަށް ވެއެވެ. މިއީ ވަކި ކަމަކަށް ދޭ ސަަމާލުކަން ބޮޑުވުމުގެ ސަބަބުން ދިމާވާ ކަމެކޯލައެވެ.
އަޅުގަނޑުގެ ތިމާގެ މީހަކަށް ފޯނު ނަންބަރެއް އެއްގޮތަކަށްވެސް ހަނދާނެއް ނުނެތެއެވެ. މީހެއްގެ ނަންބަރު ބުނެފައި އޭގެ ދެތިން މަސް ދުވަސް ފަހުން އަހައިލިޔަސް ރަނގަޅަށް ބުނެއެވެ. އެކަމަކު ވަކި ވަގުތަކު ކުރާން ބުނާ ކަމެއް ހަނދާނެއް ނުހުރެއެވެ. ވަގުތު ކައިރީމާ ކޮންމެވެސް މީހަކަށް ޖެހެނީ ހަނދާންކޮށް ދޭށެވެ.
ހަނދާނުގެ މައްސަލައިގައި އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިޔަކު އަބަދުވެސް ކަންބޮޑުވެގެން އުޅެއެވެ. ތަނަކަށް ދާން އޮވެފައި ގަޑި ހަނދާން ނެތިދާނެއެވެ. ގަޑި ހަނދާން ހުރިއްޔާ ދާންވީ ތަން ހަނދާން ނެތިދާނެއެވެ. ބައެއް ދުވަސް ދުވަހު އަޅުގަނޑަށް ފޯނުކޮށްފައި ބުނެފާނެއެވެ. "މި ގުޅީ ވާހަކައެއް ބުނަން ވެގެންނެވެ. އެކަމަކު މިހާރު އެ ވާހަކަ ހަނދާން ނެތިއްޖެއެވެ."
ރަހުމަތްތެރިޔާގެ ހަނދާނުގެ މައްސަލަ ހައްލު ކުރާނޭ ގޮތަކާ މެދު އަޅުގަނޑުމެން އެހެން އެކުވެރީންނާވެސް މަޝްވަރާ ކުރެވެއެވެ. އެންމެން އެއްތަންވާ ފަހަރުފަހަރު އެ ވާހަކަ ވަރަށް ދިގުކޮށް ދެކެވެއެވެ.
އަޅުގަނޑަކީވެސް ސިއްހީ މައްސަލަތަކެއް ހުންނަ މީހަކަށް ވާތީ އެކި ކަހަލަ ބޭސް ކާން ޖެހެއެވެ. ޑަކްޓަރު ދޭ ބޭހުގެ އިތުރަށް ބައެއް އެހެން ކަހަލަ ބޭސް ވެސް އަޅުގަނޑު ކަމެވެ. އޭގެ ތެރޭގައި ކަޅުދިރި ބޭނުންކޮށްގެން ހަދާފައި ހުންނަ ބޭސް ހިމެނެއެވެ.
އަޅުގަނޑު ބޭނުންކުރާ ބޭސް ހަދާފައި ހުންނަނީ ސްރީލަންކާގެ ބަޔޯ އެކްސްޓްރެކްޓްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.
ކަޅުދިރިއަކީ ހަދީސުން ސާބިތުވާ ރަނގަޅު ބޭހެއް ކަމަށް ވެއެވެ. އެހެންވީމާ އެ ބޭހަށް އަޅުގަނޑު ވަރަށް ބޮޑަށް އިތުބާރު ކުރަމެވެ. ސިއްހީ ޑަކްޓަރަކާ އަޅުގަނޑު ސުވާލު ކުރީމާވެސް އެއީ ވަރަށް ރަނގަޅު އެއްޗެއް ކަމަށް ބުނުއްވިއެވެ.
އެއް ދުވަހަކު އަޅުގަނޑު ބޭނުންކުރާ ބޭސް ގަންނާން އެ ބޭސް ވިއްކާ ފިހާރައަށް ހިނގައްޖައީމެވެ. ބޭސް ހަރުން ފުޅިއެއް ނެގިތަނާ އަޅުގަނޑުގެ ލޮލުގައި އަޅިގަތީ "މެމޮރީ ޕްލަސް" މިހެން ޖަހައިފައި ހުރި ފުޅިއެއްގައެވެ. އެއީވެސް ކަޅުދިރި ބޭނުންކޮށްގެން ހަދައިފައިހުރި ބޭހެކެވެ. ފުޅީގެ ބޭރުގައި ލިޔެފައި އޮތް ގޮތުގައި އެއީ ހަނދާން ގަދަކޮށްދޭ ބޭހެކެވެ. އަދި ހަނދާން ނެތުމުގެ ބައްޔަށް ހުރި ފަރުވާއެއްވެސްމެއެވެ.
އަޅުގަނޑު ރަހުމަތްތެރިޔާއަށް ފޯނު ކޮށްފައި މި ބޭހުގެ ވާހަކަ ބުނެފީމެވެ. އަވަހަށް ގަނެގެން ކާށޭވެސް ބުނެފީމެވެ. އަޅުގަނޑު ކާ ބޭހުގެ ހެޔޮ އަސަރު ފެންނާތީ ރަހުމަތްތެރިޔާގެ ހަނދާން ނެތުމުގެ މައްސަލަވެސް ހައްލު ވާނޭ ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭތީއެވެ.
އޭގެ ފަހުން ދެތިން މަސްދުވަސްް ވީއިރުވެސް އޭނާއަކަށް މި ބޭހެއް ނުއެއްގަނެވެއެވެ. ސުވާލުކުރާ ކޮންމެ ފަހަރަކު ބުނަނީ އެއް ވާހަކައެކެވެ. އަދި ނުގަނެވިގެން އުޅެނީއެވެ. ތިޔަހެން ބުނާ ވަގުތު ހަނދާން ހުރެއެވެ. ފަހުން ހަނދާން ނެތެނީއެވެ.
އެންމެ ފަހުން އެއް ދުވަހަު އަޅުގަނޑު ފޯނު ކޮށްގެން ކުރުނުކޮށް ކިޔަން ފެށީމާ ހަމަ އެ ވަގުތު ގޮސް އޭގެ ދެފުޅި ބޭސް ގެންފިއެވެ.
ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ފޯނުން ނުވަތަ ބައްދަލު ވެގެން ވާހަކަ ދެކެވުނަސް އަޅުގަނޑު ބޭހުގެ ވާހަކައެއް ނާހަމެވެ. ޑަކްޓަރުން ބުނާ ގޮތުގައި އެ ބޭހުގެ އަސަރު ކުރާނީ ގިނަ ދުވަހު ކެއީމައެވެ. އެހެންވީމާ ދެ މަހެއްހައި ދުވަސް ކޮށްފައި އަޅުގަނޑު އެއް ދުވަހަކު ފޯނު ކޮށްފައި އަހައިފީމެވެ. "ކޮބާ، އެއްކަލަ ބޭސް ބޭނުން ކުރީމާ އެއްވެސް ކަހަލަ ބަދަލެއް އަންނަ ކަމަށް ފާހަގަ ކުރެވޭ ހެއްޔެވެ؟"
ރަހުމަތްތެރިޔާ ބުންޏެވެ. "ތިޔަކަންތައް ވަނީ މާ ދެރަ ގޮތަކަށެވެ. ބޭސް ކާކަށް އަހަރެން ހަނދާނެއް ނުހުރެއެވެ!"