އެފްރިކާއިން ޔޫރަޕަށް ހިޖުރަކުރުން އުޅުނު 65 މީހަކު ގެނބިގެން މަރުވެއްޖެ

މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް ޔޫރަޕަށް ހިޖުރަކުރަން އުޅުނު ބަޔަކު ލައިފް ކްރާފްޓްތަކަކަށް ނަގާފައި

ފުރާނަ އަތްމައްޗަށް ލައިގެން، ރަނގަޅު ދިރިއުޅުމެއް ހޯދުމުގެ އުއްމީދުގައި އެފްރިކާއިން ޔޫރަޕަށް ހިޖުރަކުރަން އުޅުނު ބަޔަކަށް އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ދިމާވެއްޖެއެވެ. އދ. ގެ ރެފިއުޖީންނާ ބެހޭ އިދާރާ ޔޫއެންއެޗްސީއާރުން ބުނި ގޮތުގައި ޓިއުނީޝިޔާއާގެ ބޭރުން މެޑިޓަރޭނިއަން ކަނޑަށް ގެނބިގެން 65 މީހުން މަރުވީ އެމީހުން ދަތުރުކުރި ބޯޓު ބަންޑުން ޖަހާލުމުންނެވެ.

"އެތައް މަހެއްގެ ތެރޭގައި މެޑިޓަރޭނިއަން ކަނޑުގައި ހިނގި އެންމެ ހިތާމަވެރި އެއް ހާދިސާގައި" ފެތުނު ބޯޓުން 16 މީހުން ސަލާމަތްކުރެވިފައިވާ ކަމަށް ޔޫއެންއެޗްސީއާރުގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޓިއުނީޝިޔާގެ ޑިފެންސް މިނިސްޓްރީ ތަރުޖަމާނު ބުނިގޮތުގައި ހުކުރު ދުވަހު ގެނބުނު މީހުންގެ ތެރެއިން މިހާތަނަށް ފެނިފައި ވަނީ 3 މީހެއްގެ ހަށިގަނޑެވެ. އޭނާ އިތުރަށް ބުނީ އެ ބޯޓު ފުރާފައިވަނީ ބުރާސްފަތި ދުވަހު ލީބިޔާގެ ހުޅަނގު އުތުރުގައި އޮންނަ ބަނދަރެއް ކަމުގައިވާ ޒުވާރާއިންނެވެ.

16 މީހަކު ސަލާމަތްކުރީ މަސްބޯޓަކުންނެވެ. އެމީހުން މިހާރުވަނީ އެ ސަރަހައްދުން މީހުން ފެނޭތޯ ހޯދަމުންދިޔަ އަސްކަރީ 3 އުޅަނދަކަށް ނަގާފައެވެ.

ޓުއުނީޝިއަން ނިއުސް އެޖެންސީން ޚަބަރުދިން ގޮތުގައި ޓިއުނީޝިޔާގެ ސަފާޤަސްއާ ދިމާއިން އެގައުމުގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން 40 މޭލު ބޭރަށް ފެތުނު ބޯޓުން މެދުތެރޭ އެފްރިކާގެ ގައުމުތަކުގެ މަދުވެގެން 70 މީހުން ގެނބިފައިވާކަމަށް ލަފާކުރެވެއެވެ. އެމީހުން ދަތުރުކުރަމުން ދިޔައީ އިޓަލީއަށް ދިއުމަށެވެ.

ހުޅަނގު ލީބިޔާއަކީ ޔޫރަޕަށް ހިޖުރަކޮށް އެ ބައްރުގައި އުޅުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރާ އެފްރިކާގެ ގިނަ ބަޔަކު ދަތުރު ފަށާ ސަރަހައްދެވެ. އެމީހުންގެ ތެރެއިން ގިނަ ބައެއްގެ މަންޒިލަކީ އިޓަލީއެވެ. މި ގޮތަށް ހިޖުރަކުރާ މީހުންނަށް އެހީވާ ވިއުގަތަކާ ޚިލާފަށް އިޓަލީން އަޅަންފެށި ހަރުކަށި ފިޔަވަޅުތަކުގެ އިތުރަށް އެގައުމުން ލީބިޔާގެ ކޯސްޓުގާޑަށް ދޭން ފެށި އެހީތެރިކަމާއެކު މިގޮތަށް ހިޖުރަކުރަން މަސައްކަތްކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ޔޫއެންއެޗްސީއާރުން ފާއިތުވި ޖަނަވަރީ މަހު ނެރުނު ރިޕޯޓެއްގައި ވާގޮތުން ފާއިތުވި އަހަރު ހިނގި މިފަދަ ހާދިސާތަކުގައި ހިޖުރަކުރަން އުޅުނު މީހުންގެ ތެރެއިން 2275 މީހުން މަރުވެފައި ވެއެވެ. އެއީ އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 6 މީހުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.