(10 މެއި 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ކޮންމެވެސް ގޮތެއް ގައިމު ވެސް ހަދާނެ."
"މެޑަމް! ތިޔަ ފަދަ ދުނިޔެއަށް މަޝްހޫރު މީހަކާ ބައްދަލުވުމުން އަޅުގަނޑު ވަރަށް އުފާވެއްޖެ. މި ބައްދަލުވުމަކީ ހަނދާން ހުންނަ ބައްދަލުވުމަކަށް ހަދަން އަޅުގަނޑު ބޭނުން. އަޅުގަނޑު މެޑަމް ކުރެން އަޅުގަނޑުގެ އުމުރާ ބެހޭގޮތުން ނޫނީ މަރާ ބެހޭ ގޮތުން އެކައްޗެއް ވެސް ނާހާނަން. އެކަމަކު އަޅުގަނޑުގެ ދިރިއުޅުމާ ބެހޭ ގޮތުން ބައެއް ކަންތައްތައް ކިޔުއްވައިދެއްވަ ބައްލަވަ."
"ހިންމަތު ރާއޯ އޮޅުންފިލުއްވަން ބޭނުންވެލައްވަނީ ކޮން ކަމެއްތޯ؟ ކޮންމެ އިންސާނަކު ވެސް އެންމެ ފުރަތަމަ އޮޅުންފިލުވަން އެދެނީ އޭނާގެ އުމުރު ކިހައި ދިގެއްތޯ؟ ހިންމަތު ރާއޯ މިހާރު ފުދޭވަރެއްގެ ދިގު އުމުރެއް ވޭތިކުރައްވައިފީމު. އަދި ކުރިއަށް އޮތް ތަން ކިހައި ދިގެއްތޯ އޮޅުންފިލުއްވާކަށް ޚުދު ހިންމަތު ރާއޯ ވެސް ބޭނުންވެއެއް ނުލައްވާ. ދެން އިންސާނުންގެ ދެވަނަ އެދުމާ އެއްގޮތް ވާ ގޮތުގެ މަތީން ހިންމަތު ރާއޯ އަތުގައި ފައިސާ އެބަހުރި. މަޝްހޫރުކަން ވަނީ ލިބިލައްވައިފައި. ވީއިރު ދެން އެދިލައްވަނީ ކޮންކަމެއްތޯ؟"
"އަޅުގަނޑު އެދެނީ ހަމައެކަނި އަޅުގަނޑުގެ ދަރިފުޅުގެ އުފާ. އަޅުގަނޑަށް އޭނާގެ އުފާތައް ފެންނާނެކަން ނުވަތަ ނޫންކަން އެކަނި ބުނެދެއްވާ."
މެޑަމް ފުލެޗަރ ހިނިތުންވަމުން ބުންޏެވެ.
"ހިންމަތު ރާއޯ ތިޔަ ބޭނުންވެލައްވަނީ ދަރިފުޅުގެ އުފާތައް ފެނިލައްވާހައި ހިންމަތު ރާއޯގެ އުމުރު ދިގުވާނެތޯ ނުވަތަ ނޫންތޯ ބައްލަވަންތޯ؟"
"ނޫން. މައި ގޯޑް. އަޅުގަނޑު ދިގު އުމުރެއް ބޭނުމެއް ނޫން. މާދަމާ ދަރިފުޅުގެ އުފާތައް ފެނުނަސް ހަމަ މާދަމާ އުފަލުން މަރުވާނަން."
އެންމެ ރަނގަޅު. ތިޔަ ބޭނުމުގައި އައްސަވަނީ ނަމަ އަޅުގަނޑު ހިންމަތު ރާއޯގެ އަތް ބަލާނަން."
ހިންމަތު ރާއޯ ކަނާއަތް އޭނާއާ ދިމާއަށް ދިއްކޮށްލިއެވެ. މެޑަމް އޭނާގެ މުސްކުޅި ދެ އަތުން ހިންމަތު ރާއޯގެ އަތުގައި ހިފައިފައި ބަލަން ފެށިއެވެ. ހިންމަތު ރާއޯގެ ލޮލުގެ ކުރިމަތީގައި ވަނީ އޭނާގެ ދަރިފުޅު ޝަންކަރުގެ މޫނެވެ. ހިތުގައިވަނީ ގިޔާމަތްވުމުގެ ކުރިން ޒުވާން ދަރިފުޅަށް ދިރިއުޅުމުގެ ހުރިހައި އުފަލެއް ލިބުމުގެ އުންމީދެވެ. މެޑަމް ހިނިތުން ވަމުން ބުންޏެވެ.
"ހިންމަތު ރާއޯ ތިޔަ އުޅުއްވަނީ ދަރިފުޅު ބަހަނާއަކަށް ހައްދަވައިގެން، އުމުރު އޮޅުންފިލުއްވާށޭ އަޅުގަނޑު ފުރަތަމައިނުން ވެސް ނަންގަތީމެއް ނޫންތޯ؟"
"ދޮގު ތުހުމަތު ނުކުރައްވާ! އަޅުގަނޑު މެޑަމަށް ގަދަރުކުރަން."
"ހިންމަތު ރާއޯ އަޅުގަނޑަށް ގަދަރުވެސް ކުރައްވަމު. އަދި އަޅުގަނޑަށް ދޮގުވެސް ހައްދަވަމު! ހިންމަތު ރާއޯގެ އަތުގައި ދަރިންގެ ނާރެއް އެއްގޮތަކަށް ވެސް ނެތް!"
"އޭނ!" ހިންމަތު ރާއޯ ފުރަތަމައިނުން ވީ ހާހެވެ. ދެން ނުރުހުންވެފައި ބުންޏެވެ. "މެޑަމަށް އެނގިލައްވަނީ ތިޔަ ވަރަށް ތޯ؟ އަޅުގަނޑުގެ ބާވީސް އަހަރުގެ ޒުވާން ދަރިއަކު އެބަހުރި. އެކަމަކު މެޑަމް ތިޔަ ބުނުއްވަނީ އަޅުގަނޑުގެ އަތުގައި ދަރީންގެ ނާރެއް ނެތޭ."
މެޑަމް ފުލެޗަރ ފުން ނަޒަރަކުން އޭނާއަށް ބަލަމުން ބުންޏެވެ.
"ހިންމަތު ރާއޯގެ ދަރިއަކު އެބަހުއްޓޭ ތިޔަ ބުނުއްވަނީ ހަމަ ސީރިއަސްކަމާ އެކުގައިތޯ؟"
"އަޅުގަނޑު މި ނަންގަންނަނީ ހަމަ މުޅީން ސީރިއަސްކަމާ އެކުގައި."
މެޑަމް، ހިންމަތު ރާއޯގެ ކަނާއަތް ލައްޕައިލަދިނެވެ. ދެން އަތް ދުރަށް ޖައްސައިލަމުން މަޑުމަޑުން ބުންޏެވެ.
"އަޅުގަނޑު މި ދެނީ ވަރަށް ރަނގަޅު މަޝްވަރާއެއް. އެ މަޝްވަރާއާ އެއްގޮތަށް ޢަމަލުކުރައްވާނަންތޯ؟"
"ޢަމަލުކުރާނެކަން ޔަގީން."
"މީގެ ފަހުން އެއްވެސް ނުޖޫމީއަކަށް އަތް ނުދައްކަވާ! ފަހަރެއްގައި މަޖުބޫރީ ހާލަތެއްގައި އަތް ދައްކަވަން ޖެހިލެއްވިއަސް އޭނާ ގާތުގައި ދަރިފުޅުގެ ވާހަކަ ނުދައްކަވާ!"
މިހެން ބުނެފައި އޭނާ ލެނގިލިއެވެ. ދެން ބޯޓުގެ ކުޑަ ދޮރުން ވިލާތަކަށް ބަލަން ފެށިއެވެ. ހިންމަތު ރާއޯގެ ހިތް ހުއްޓެނީއެވެ. ބާވީސް އަހަރު ވަންދެން އޭނާ އަމިއްލަ ދަރިފުޅު ކަމަށް ދެކެމުން އައި ދަރިއަކީ އަމިއްލަ ދަރިއެއް ނޫންކަމުގެ ހަގީގަތް ގަބޫލުކުރަން އޭނާ ޖެހިލުންވިއެވެ. 28 ޑިސެންބަރުގެ ކުރިން އެ ދަރިފުޅަށް ޓަކައި ދިރިއުޅުމުގެ ހުރިހައި އުފަލެއް ގަންނަން ކަމަށް އޭނާ ހީކުރި ދަރިފުޅު، ތިމާގެކަމުގެ ބާޒާރުގައި އޭނާގެ ލެއަކުންނެއް ނުގަނެވުނެވެ. އެއީ ކޮންމެވެސް އެހެން ހިލޭ މީހެއްގެ ލެއެވެ.
"ޗީޗީ. އަހަރެންގެ ޕުޝްޕާ. އަހަރެންގެ އަންހެނުން އެ ފާފައިގެ ބޮނޑިވަރު ގެނައީ އެހެން ތަނަކުން ހެއްޔެވެ؟ އޭނާ ހެދިގެން އުޅުނީ ވަރަށް މާތް މީހަކަށެވެ. ފިރިމީހާއަށް ހުންނަ އޯގާތެރިކަން ފެނިފައި އަހަރެންވެސް އޭނާއަށް ޝައްކެއް ނުކުރަމެވެ."
އޭނާގެ ސިކުނޑި ވިސްނައިދިނެވެ. 'ކުރިން ޝައްކެއް ނުކުރެވެއެވެ. އެކަމަކު މިހާރު ދެން ޖެހޭނީ މާޒީއަށް ބަލައިގެން ޝަންކަރު ރާއޯ އައިތަނެއް އޮޅުންފިލުވާށެވެ.'
އޭނާ ވިސްނަން ފެށިއެވެ. 'އަހަރެން މާޒީއަށް ބަލާނީ ކިހައި ހިސާބަކުން ހެއްޔެވެ؟ ޕުޝްޕާ އަހަރެންގެ އަތްނބަކަށް ވެގެން އައި ހިސާބުން ހެއްޔެވެ؟ ނޫނެކެވެ. އެވަގުތު އަލަތު އަތްނބެއްގެ ސިފައިގައި އަންހެނުން ނުހަނު ރީތިވާނެއެވެ. އަދި ޒުވާންކަމުގެ ހުރިހައި ކުލައެއް ދައްކައިގެން ފިރިހެންމީހާގެ ވިސްނުމުގެ މައްޗަށް ވެރިވެގަންނާނެއެވެ. އޭނާގެ ކެހިވެރިކަން ވިސްނޭހައި ދަނޑިވަޅެއް ނުލިބޭނެއެވެ.'
އޭނާ ގްރީންވިޗް ރޯޔަލް އޮބްޒަވޭޓްރީން 1 މަސް ދުވަހުގެ ޗުއްޓީ ނަގައިގެން އިންޑިޔާއަށް އައެވެ. އަދި ޕުޝްޕާއާ އިނދެގެން އޭނާ ގޮވައިގެން ދިޔައީއެވެ. ބަރާބަރު 1 މަސްދުވަހުގެ ފަހުން އޭނާ މަންމައަކަށް ވާން އުޅޭ ކަމުގެ އުފާވެރި ޚަބަރު ދިނެވެ. އަދި އޭގެ ތިންމަސް ފަހުން އޭނާގެ ތިމާގެ މީހުން ގާތަށް މަދަރާސީއަށް ދިޔައެވެ. އޭގެ ފަސް މަސް ދުވަސް ފަހުން ޚަބަރު ލިބުނީ ޕުޝްޕާ ހަތްމަހުގެ ކުއްޖަކު ވިހޭ ޚަބަރެވެ. ހަތް މަހުގައި ކުދިން އުފަންވެއެވެ. އެހެންކަމުން އޭނާއަކަށް އޭނާގެ އަންހެނުންނަކަށް ޝައްކެއް ނުކުރެވުނެވެ.
މިހާރު ވިސްނައިލުމުން ހުރިހައި ކަމެއް ސާފުވެއްޖެއެވެ. ޕުޝްޕާއާ ދެބެއިންގެދެދަރި ބޭބެއެއް ހުރެއެވެ. އެއީ ބަލްދޭވެވެ. ކައިވެނީގެ ކުރިން ޕުޝްޕާ ކިޔެވީ ބަލްދޭވާ އެކު އެއް ކޮލެޖުންނެވެ. ކިޔެވުމުގެ އިތުރަށް ޕުޝްޕާ ބަލްދޭވާއެކު ލޯބީގެ ފިލާވަޅު ވެސް ހޯދިކަމެއް އޭނާ ހިންމަތު ރާއޯއަށް އޮޅުންފިލުވައި ދީފައެއް ނެތެވެ. އެކަމަކު ބަލްދޭވް ވީ ތެދުވެރި ލޯބިވެރިއަކަށެވެ. މުޅި އުމުރުގައި ވެސް އޭނާ ކައިވެންޏެއް ނުކުރެއެވެ. ކައިވެންޏެއްގެ ބޭނުމަކީވެސް ކޮބައިހެއްޔެވެ؟ ހިންމަތު ރާއޯ އުޅެނީ ގްރީންވިޗުގައި ނުހަނު މަސައްކަތުގައެވެ. ޕުޝްޕާ އޭނާގެ ގާތަށް ގެނައަސް އިންނަނީ ހަމައެކަނި މަހެއް ދެ މަހެއް ވަންދެނެވެ. އެއަށްފަހު ހުޅަނގުގެ ތިމާވެށްޓާ ހެދި ހާސްވެގެން ނޫނީ ބަލިކަމުގެ ބަހަނާ ދައްކައިގެން އެނބުރި ހިންދުސްތާނަށް ހިނގައިދާނެއެވެ. އެ ތަނުގައި ހިންމަތު ރާއޯގެ އެއްވެސް ތިމާގެ މީހަކު ނުހުރެއެވެ. އެހެންކަމުން ޕުޝްޕާ އިންނަނީ އޭނާގެ ބޮޑުބޭބެގެ ގާތުގައެވެ. ވަގުތު ހޭދަކުރަނީ ބޮޑުބޭބެގެ ދަރިފުޅާ އެކުގައެވެ.
ފަނަރަ އަހަރު ފަހުން ޕުޝްޕާ މި ދުނިޔެއާ ވަކިވިއެވެ. އޭގެ ތިން އަހަރު ފަހުން ހިންމަތު ރާއޯ ގްރީންވިޗް ރޯޔަލް އޮބްޒަވޭޓްރީގައި އަދާކުރި ވަޒީފާއިން އިސްތިއުފާދީފައި އެނބުރި ހިންދުސްތާނަށް އައެވެ. އޭނާގެ ދަރިފުޅާއެކުގައި ދިރިއުޅޭށެވެ. ދެ އަހަރު ފަހުން އެކަތައިގެ ނުހަނު ބޮޑު ފެކްޓަރީއެއްގެ ވެރިއެއް ކަމުގައިވާ ބަލްދޭވް ހިންމަތު ރާއޯއާ ޝަންކަރު އޭނާގެ ގެއަށް ގެންދުވިއެވެ. އޭރު އޭނާ ތަންމަތީގައި އޮވެގެން ދިރިހުރުމުގެ އެންމެ ފަހު ނޭވާ ލަނީއެވެ. އޭނާ ހިންމަތު ރާއޯއަށް ބުންޏެވެ.
"އަހަރެން ކައިވެންޏެއް ނުކުރަން. މި ދުނިޔޭގައި އަހަރެންގެ އެއްވެސް ތިމާގެ މީހެއް ނެތް. އަހަރެން އަހަރެންގެ ވަސިއްޔަތް ލިޔެފައި ވަކީލު އަތަށް ދީފިން. އަހަރެންގެ ފަހުން އަހަރެންގެ ފަނަރަ ކުރޯޑުގެ އަގުހުރި މުދަލުގެ ވެރިޔަކަށް ވާނީ ޝަންކަރު. ޕުޝްޕާއަކީ އަހަރެންގެ ބޮޑުބޭބެގެ އަންހެން ދަރިފުޅު. އަހަރެންގެ އެންމެ ގާތް މީހަކީ އެއީ. އެ ގާތްކަމަށް ބަލައިފައި އަހަރެން ދެކެނީ ޝަންކަރަކީ އަހަރެންގެ ދަރިއެއް ކަމަށް. ދަރިފުޅާ! އަހަރެންގެ ގާތަށް އާދޭ. އަހަރެންގެ މޭގައި ޖެހިލާ."
ޝަންކަރު ކުރިއަށް ގޮސް އޭނާއާ ދިމާއަށް ގުދުވެލިއެވެ. އަދި އޭނާގެ މޭމަތީގައި އޮށޯތެވެ. އެއާއެކު ބަލްދޭވްގެ ފުރާނަ ހިނގައްޖެއެވެ.
ބަލްދޭވް ހިންމަތު ރާއޯގެ ދަރިފުޅަށް އެ ދިންހައި ގިނަ މުދާ ހިންމަތު ރާއޯއަށް މުޅި އުމުރުގައި ވެސް އޭނާގެ ދަރިފުޅަކަށް ނުދެވޭނެއެވެ. ހިންމަތު ރާއޯ ބަލައިގެން ހުރީ ޝަންކަރަށް އެ މުދާ ލިބުނީ ކާފަގެ ފަރާތުން ކަމުގައެވެ. އެކަމަކު މިހާރު ކިރާއި ފެނާ ވަކިވެއްޖެއެވެ. ފޮރުވިފައިވާ ހުރިހައި އެއްޗެއް އިރުގެ އަލިކަން ފަދައިން ހިންމަތު ރާއޯއަށް އެނގިއްޖެއެވެ.
މަތިންދާބޯޓު މިއުނިކާ ދިމާއަށް ދަތުރުކުރަމުން ދެއެވެ. ހިންމަތު ރާއޯ މާޒީއަށް ކުރި ދަތުރުން، ވަރުބަލިވެގެން މިހާރަށް އެނބުރި އައެވެ. އޭނާ އިރުއިރުކޮޅާ އަތުގެ ނާރުތަކަށް ބަލަމުން ގެންދެއެވެ.
'އޭ ނާރުތަކާއެވެ! ކަލޭމެން ކިހައި އަނިޔާވެރި ހެއްޔެވެ؟ ކަލޭމެން އަހަރެންގެ ބާވީސް އަހަރުގެ ޒުވާން ދަރިފުޅު އަހަރެންގެ އަތުން އަތުލައިފީމުއެވެ. ކަލޭމެން އޭނާ ދިރިހުއްޓާމެ އަހަރެންނަށް ޓަކައި މަރައިލައިފީމުއެވެ. މިހާރު ދެން އަހަރެން އޭނާއަށް ދަރިފުޅާއޭ ކިޔައި ގޮވައިލާނީ ކިހިނެއް ހެއްޔެވެ؟'
'މިހާރު އަހަރެން އޭނާއަށް ދަރިފުޅު ކިޔަސް އެ ވާނީ ސޮސައިޓީގެ އާދަކާދައިގެ މަތިން ކުރެވޭ ކަމެއް ކަމަށެވެ. އަމިއްލަ ލަދުވެތިކަން ފޮރުވުމުގެ މަޖުބޫރީއެއް ކަމަށެވެ. އަހަރެން އެތައް ލައްކަ ފަހަރަކު ދަރިފުޅާއޭ ކިޔައިފައި އޭނާއަށް ގޮވިޔަސް އެ ގޮވުން އަހަރެންގެ ލޭގެ ހޫނުކަމަކުން ނުއުފެދޭނެއެވެ.'
'އަހަރެން ޝުހުރަތު ހޯދީ ކަލެއަށް ޓަކައޭ އަދި މުސްކުޅި މި ވީ ވެސް ކަލެއަށް ޓަކައޭ ފަޚުރުވެރިކަމާއެކު ބުނެލާނެ އެއްވެސް ތިމާގެ މީހެއް މިހާރު އަހަރެންގެ ކުރިމައްޗަކު ނެތެވެ. އަހަންނަކީ ވަފާތެރި އަތްނބެއްގެ ފިރިއެއް ނޫނޭ؛ ހަމައެކަނި ނަންބޯޑެކޭ ބުނާ ވަގުތު އަހަންނަށް އިސް ޖެހޭނެއެވެ.'
އޭނާ ލޯމަރައިލިއެވެ. މެރިފައިވާ ދެ ލޮލުގެ ކޮޅުގައި ކަރުނައިގެ ދެ ތިކި ތެޅިލަތެޅިލައި އޮތެވެ. ދުނިޔެއަށް އަންނަން އުޅޭ ގިޔާމަތް އަދި އޮތީ ދުރުގައެވެ. އޭނާ، ހިތަށް އަންނަން އުޅޭ ގިޔާމަތް، މެރިފައިވާ ދެ ލޮލުގެ ފުރަގަހުން ދެކެނީއެވެ.
މިއުނިކުގެ ވަރަށް ޒަމާންވީ ކިއްލާއެއްގެ ވަރަށް ބޮޑު ހޯލެއްގައި ޖަލްސާ ހިނގަމުންދެއެވެ. ވަރަށް ބޮޑު މޭޒެއްގެ ވަށައިގެން ދުނިޔޭގެ މުހިންމު މީހުން އިށީނދެގެން ތިއްބެވެ. އެ ތަނުން ކޮންމެ މީހަކީ ވެސް ދިރިއުޅުމުގެ ތަފާތު ދާއިރާތަކުގައި އާދައާ ޚިލާފު ކުޅަދާނަކަމެއް ލިބިފައި ވާ މީހެކެވެ. އެ މީހުންގެ ތެރޭގައި މެޑަމް ފްލެޗަރާއި ޚޫރްޝީދު ބަލްގްރާމީއާއި ހިންމަތު ރާއޯ ވެސް ހިމެނެއެވެ.
އެއީ ޖަލްސާގެ ތިން ވަނަ އަދި އެންމެ ފަހު ދުވަހެވެ. އޭރު އެބައިމީހުން ދުންތަރިން ދުނިޔެ ރައްކާތެރިކުރުމަށް ޓަކައި އެންމެ ފަހުގެ ނަތީޖާއާ ހަމައަށް ހިނގައްޖެއެވެ. ޖަލްސާގެ ރައީސަކީ ޔަހޫދީއެކެވެ. އޭނާއަކީ ދުނިޔޭގެ އެންމެ މުއްސަނދި އިންސާނާއެވެ. ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅެމުންދާނީ އޭނާގެ ފައިސާއިންނެވެ. އޭނާ ރިޔާސަތުގެ ގޮނޑީގައި ބައިންދައިފައި އިނީ އެހެންވެގެންނެވެ. އޭނާގެ މޫނުމަތީގައި ލޮލުގެ އެއް ފިހާރަ ހުރީ ލައްޕައިފައެވެ. އެއް ލޯމަތީގައި ހުރީ ހަތަރެސްކަން ހަންގަނޑެއް އަޅައިފައެވެ. އަނެއް ލޯ، ކުރިމަތީގައި ތިބި މީހުންނަށް ކަޅިއަޅަމުން ގެންދެއެވެ. ގިޔާމަތާ ކައިރިވެފައި އޮތްވައި އޭނާ ފެނުމުން އެއް ލޮލުގެ ވެރި ދައްޖާލު ހަނދާންވެއެވެ.
އޭނާ ކުރިމަތީގައި ހުރި ކަރުދާސްތައް ތަރުތީބުން ބެހެއްޓުމަށް ފަހު ކިޔަން ފެށިއެވެ. އޭނާގެ އަޑު ނުހަނު ބަރުވެފައި ގުގުމަމުން ދެއެވެ. އޭނާ ވަރަށް ހަރުކަށި ރާގަކަށް ނިންމުންތައް ބަޔާންކުރަމުން ގެންދިޔައެވެ.
"ޙާޟިރުވެވަޑައިގެން ތިއްބެވި ޢިއްޒަތްތެރިންނޭވެ. ތިޔަ ހުރިހައި ބޭފުޅުން ދުންތަރިއާ ބެހޭ ގޮތުން ބަހުސްކުރައްވައިފީމު. އެ ބަހުސުން އަޅުގަނޑުމެންނަށް ލިބުނު ނަތީޖާތައް މިދަންނަވަނީ:
1. އެ ދުންތަރި އެއްވެސް ޝައްކެއް ނެތި، ބިމާ ދިމާއަށް އަންނަކަމަށް ނުޖޫމީގެ ޢިލްމުގެ މާހިރުންނާއި ފަލަކިއްޔާތުގެ މާހިރުން އެއްބަސްވެއެވެ.
2. ކަލްކިއުލޭޓިން މެޝިނާއި މާހިރުންގެ ހިސާބާ އެއްގޮތް ވާ ގޮތުން އެ ތަރި 28 ޑިސެންބަރުގައި، ޕާކިސްތާނުގެ ނުޖޫމީގެ ހިސާބުގައި ވާ ގޮތުން ޕާކިސްތާނުގެ ގަޑިން ހައެއް ޖަހައި ބާރަ މިނެޓުގައި، އަޅުގަނޑުމެންގެ ގަޑިން ފަތިހު ހައެއް ޖަހައި ސާޅީސް ދެ މިނެޓުގައި ބިމުގައި ޖެހޭނެއެވެ.
3. ފަލަކުގެ ޢިލްމުވެރިންގެ ރިޕޯޓުގައި ވާ ގޮތުން އެ ދުންތަރިއަކީ ހަމައެކަނި ގޭސް ބޮނޑިއެއް ނޫނެވެ. ވަރަށް ހަރު، މާއްދީ އެއްޗެކެވެ. މިހައި ތަނަށް ލަފާކުރެވިފައި ވާ ގޮތުން އެ ތަރި ދިހަ ހާސް މޭލު ފުޅާވެފައި ތިރީފަސް ހާސް މޭލު ދިގެވެ. އަދި އެ ތަރި ބިމުގައި ޖެހޭނީ ގަޑިއަކު ހަތް ސަތޭކަ މޭލުގެ ބާރު މިނުގައި އައިހެވެ.
4. އެ ތަރި އަޅުގަނޑުމެންގެ ބިމުގެ ވައިގެ ފަށަލައާ ހަމައަށް އައިއްސުރެން އަޅުގަނޑުމެންގެ ބިމަށް އޭގެ އަސަރުކުރާނެއެވެ. ފުރަތަމަ ބިން ހެލޭނެއެވެ. ދެން ކަނޑުގެ އަޑިން ތޫފާން އުފެދޭނެއެވެ. ތޫފާނުގެ ރާޅުތައް ބޮޑެތިކަމުން ކުދިކުދި ޖަޒީރާތައް ކަނޑުގެ އަޑިއަށް ގޮސް އަޅުގަނޑުމެންގެ ދުނިޔޭގެ ޗާޓުން އަބަދަށް ޓަކައި ފޮހެވޭނެއެވެ.
(ނުނިމޭ)