ފަރެހު ރަޝީދުގެ ޚިދުމަތުގެ ތެޔާޅީސް އަހަރު

އެއީ ރާއްޖެއަށް އަސާސީ ތަޢުލީމް ތަޢާރަފްވެގެން އައި ދުވަސްވަރެވެ. ރާއްޖެއިން ލިޔަންކިޔަން ނުދަތުން ފޮހެލުމަށްޓަކައި ރައީސް މައުމޫން ފެއްޓެވި ޢަސާސީ ތަޢުލީމުގެ މަޝްރޫގެ އެންމެ ކުރީކޮޅެވެ.

 އެދުވަސް ވަރު އޮންނަގޮތަކީ އަމިއްލައަށް ވޮލަންޓިއަރ ކޮށްގެން ހިލޭ ސާބަހަށް ކިޔަވައިދިނުމެއެވެ. އެޒަމާނު ވޮލަންޓިއަރެއްގެ ގޮތުގައި ކިޔަވައި ދިނުމަކީ އެމީހަކަށް ލިބޭ ވަރަށްބޮޑު ފަޚުރެކެވެ. އަދި ޝަރަފެއްވެސް މެއެވެ.

ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ މޭގަ، އަޙުމަދު ރަޝީދަކީ އެ ދުވަސްވަރު ވަރަށްބޮޑަށް ފާހަގަވެގެން ދިޔަ ވޮލަންޓިއަރެކެވެ. އޭރުގެ އޭނާގެ ރަސްމީ ވަޒީފާއަކީ ފަރެސް އަވަށުގެ ކުޑަ ކަތީބު ކަމެވެ.

މަޑުމައިތިރިކަމާއި ޚުލްޤުހެޔޮ އަޙުމަދު ރަޝީދު ކުޑަކަތީބަކަށް ހުންނަވައިގެން ޢަސާސީ ކުލާސްތަކަށް ކިވައިދެއްވަން ވަޑައިގެންނެވިއެވެ. ސަރުކާރަށް އެތައް އަހަރަކު ޚިދުމަތް ކުރެއްވުމަށްފަހު ޕެންޝަން ހަމަވެގެން ޝަރަފުވެރިކަމާއެކު ކުޑަކަތީބު ކަމުން ވަކިވެވަޑައިގެންނެވިއެވެ. އެއަށްފަހު ފަރެސް ސްކޫލް (ހުވަދޫ ސްކޫލް) ޓީޗަރެއްގެ ވަޒީފާ ހަމަޖެހި އެ ސްކޫލުގައި ކިވައިދެއްވަން ފެއްޓެވިއެވެ. ފުރަތަމަ ވަގުތީ މުދައްރިސަކަށެވެ. ފަހުން ދާއިމީވިއެވެ. އެ މަސައްކަތުގައި އޭނާ ވަނީ އެތައް ކުދިންނެއްގެ ލޯތްބާއި އިޙުތިރާމް ހޯއްދަވައިފައެވެ. އޭނާގެ މަސައްކައްކަތުން ހުނަރުވެރި އެތައް ދަރިންނެއް ވަނީ މުޖުތަމަޢަށް ނެރެދެއްވައިފައެވެ. މިހާރުވެސް އޭނާ އަކީ ފަރެސްމާތޮޑާގެ ކުދި ބޮޑު އެންމެންގެ އިޙުތިރާމާއި ޤަދަރު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެތައް ދުވަހަކު ޓީޗަރަކަށް އުޅުއްވުމަށްފަހު އެވަޒީފާއިން މީހާރުވަނީ ރިޓަޔަރ ކުރައްވައިފައެވެ. ދަރިވަރުންނާއި ބެލެނިވެރިންގެ ލޯބި މިލްކު ކުރެއްވުމަށްފަހުއެވެ. ސަރުކާރުގެ ވެސް ރުހުން ހޯއްދެވުމަށްފަހުއެވެ. 43 ތިން އަހަރާއި 8 މަހާއި 11 ދުވަހު ސަރުކާރަށް ޚިދުމަތް ކުރެއްވުމުގެ އުފާވެރި އިޙުސާސް މިހާރު އޭނާގެ ހިތުގައި ހިނގައެވެ. އަޙުމަދު ރަޝީދުގެ ޚިދުމަތުގެ އަގު ރައީސް މައުމޫން ސަރުކާރުން ވަނީ ވަޒަން ކުރައްވައިފައެވެ. އެކަން ފާހަގަ ކުރައްވައި ލިޔުން ވެސް ފޮނުއްވައިފައެވެ.

އަޙުމަދު ރަޝީދު އޭނާގެ ބައެއް ދަރިވަރުންތަކަކާއެކު ނަގައިފައިވާ ފޯޓޯއެއް

ޢާއްމު ޚިދުމަތުގެ އިނާމް ލިބިވަޑައި ނުގެންނެވިޔަސް އޭނާއަކީ ފަރެސްމާތޮޑާގެ ޚިދުމަތްތެރިއެކެވެ. އެތައް ބައެއްގެ އެދުރެކެވެ.

އޭނާއަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އެއް އުފަލަކީ އެތައް އަހަރަކު ސަރުކާރަށް ޚިދުމަތް ކުރެއްވިއިރުވެސް އެއްވެސް މައްސަލައެއް ދިމާނުވެ ޚިދުމަތް ކޮށްދެވިފައި ވުމެވެ. އެއްވެސް ކުށެއްގެ ތުހުމަތު ވެސް ކުރެވިފައި ނުވުމެވެ. މީހާރުވެސް އޭނާ އެހުންނެވި އެ ގޮތުގައެވެ. އޭނާގެ ޚިދުމަތް ފާހަގަ ކުރައްވައި ރައީސް މައުމޫން ސިޓީއެއް ފޮނުވުމަކީ ވެސް ރަޝީދަށް ލިބިވަޑައިގެންނެވި ހިތްވަރެކެވެ. މަތިވެރި އުފަލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އަޙުމަދު ރަޝީދަކީ ނަމޫނާ މުދައްރިސެކެވެ. އޯގާތެރި ފިރިއެކެވެ. ހިތްހެޔޮ ބައްޕައެކެވެ. ސަމާސާ ކުރައްވާ މިތުރެކެވެ. އަމިއްލަ އުސޫލުތަކާއި ގޮތްތައް ގެންގުޅުއްވާ ފިސާރި ޝަޚުސިއްޔަތެކެވެ. އެކަމެއް ކުރަން އޮންނަ ގަޑިއަކަށް އެކަމެއް ކުރެއްވުގެ އާދަ ގެންގުޅުއްވި އަދި މިހާރުވެސް ގެންގުޅުއްވާ ނަމޫނާ ބޭފުޅެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.