މިއަދަކީ މެއިމަހުގެ 8 ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ ދުނިޔޭގެ ތެލަސީމިއާ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ ތެލަސީމިއާ ދުވަސް ރާއްޖޭގައި ރަސްމީކޮށް ފާހަކުރުމަށް ހަމަޖެހިފައިވަނީ ރޯމަސް ނިމުމުންނެވެ.
ތެލަސީމިއާ ދުވަސް ފާހަގަ ކުރަމުންދާއިރު ރާއްޖޭގައި މިހާތަނަށް ވަނީ 881 ތެލަސީމިއާ ކުދިން ރަޖިސްޓްރީ ކޮށްފައެވެ. މިހާރު ފަރުވާ ހޯދަމުން ގެންދަނީ 633 ކުދިންނެވެ. މީގެ ތެރެއިން ގިނަ ކުދިން ފަރުވާ ހޯދަމުން ގެންދަނީ މާލެއިންނެވެ. ފަރުވާ ހޯދަމުންދާ ކުދިންނަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި!
ތެލަސީމިއާ ކުދިން ގޮވައިގެން މައިންބަފައިންނާއި ބެލެނިވެރިން އުޅެމުދަނީ ވަރަށް ދަތިޙާލުގައެވެ. އެކުދިންނަ ބޭނުންވާ ލޭ ހޯދުމަކީ ދިމާވެފައިވާ ވަރަށްބޮޑު ގޮންޖެހުމެކެވެ. ޑެސްފަރޯލް ގުޅުމާއި އަދިވެސް މިފަދަ ކަންކަމަކީ ވަރަށްކެތްތެރި ކަމާއި ހިތްވަރާއެކުގައި މެނުވީ ނުވާނެ ކަންކަމެވެ.
ލޭ ހޯދުމަށް ދިމާވެފައިވާ މައްސަލައަށް ޙައްލު ހޯދުމަށް މޯލްޑިވިއަން ބުލަޑް ސާވިސް (އެމްބީއެސް) އިން ގެންދަވަނީ ވިހާވެސް ގިނަ މީހުން ލޭ ހަދިޔާ ކުރުމަށް ގޮވައިލައްވަމުންނެވެ. ލޭހަހަދިޔާ ކުރުމަކީ ސިއްހީގޮތުން ވެސް އެއްވެސް މައްސަލައެއް ނޫން ކަމަށް އެތަނުން ވިދާޅުވިއެވެ. ލޭ ހަދިޔާކުރުމާބެހޭ ގޮތުން މީހުން އަދިވެސް ހޭލުންތެރިވާން އެބަޖެހެއެވެ. އެއްވެސް ފަސްޖެހުމެނެތި ލޭ ހަދިޔާ ކުރުމަކީ ތިމާގެ ފަރާތުން އިންސާނިއްޔަތަކަށް ދެވޭ ހަދޔާއެކެވެ. ވެވޭ ގުރުބާނީއެކެވެ.
އެމްބީއެސްގައި މަސައްކަތް ކުރައްވާ ޑރ. އަޙުމަދު ޢުމަރަކީ ކުދިންގެ ޙާލަތު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ޑޮކްޓަރެކެވެ. އެހެންކަމުން މިއަދު ޑރ. ޢުމަރުވަނީ ވަރަށްކުރު އެހެންނަމަވެސް މުހިންމު މެސެޖެއް ނުވަތަ ނަސޭޙަތެއް ތެލަސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް ދެއްވައިފައެވެ. "ބެލެނިވެރިންނާއި ޕޭޝަންޓުންނަށް ބުނެލަން ބޭނުންވަނީ ފަރުވާއަށް ފަރުވާތެރިވެ ރަނގަޅު ގޮތުގައި ފަރުވާ ކުރިއަށް ގެންދިއުމަށް ނަސޭހަތް ތެރިވަމޭ،" ޑރ. ޢުމަރު ވިދާޅުވިއެވެ.
ތެލަސީމިއާ ކުދިންނަށް އަތޮޅު ތަކުގައި ދެވޭފަރުވާ ފެންވަރު ރަނގަޅު ކުރުމަށް ވެސް މޯލްޑިވިއަން ބުލަޑް ސާވިސް އިން މަސައްކަތް ކުރައްވައެވެ. އެތަނުން އެންމެފަހުން ވަޑައިގެންފައިވަނީ ނ. އަތޮޅުގެ ރަށްރަށަށެވެ. އެއީ ތެލަސީމިއާ ކުދިންގެ ފަރުވާގެ ކަންކަން ކުރިއަށްދާގޮތް ބެއްލެވުމާއި ތެލަސީމިއާއަށް މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން ކުރެއްވި ދަތުރެކެވެ. އެދަތުރުގައިވަނީ ލޭއެޅުމުގެ ޚިދުމަތްދޭ މަރުކަޒުތަކުން އެކަން ކުރައްވަނީ ރަނގަޅަށްތޯބަލައި އެކަންކަމުގައި ރަނގަޅު ކުރައްވަޖެހޭ ކަންކަން ކަމުގެ އިރުޝާދު ދެއްވައިފައެވެ. އޭގެ އިތުރަށް އެރަށެއްގައި ދިރިއުޅޭ ތެލަސީމިއާ ކުދިން ބައްލަވައި ފަރުވާ ކުރިއަށްގެންދާ ގޮތާބެހޭ ގޮތުން އެކުދިންގެ ބެލެނިވެރިންނާ ޑޮކްޓަރުން މަޝްވަރާ ކުރައްވައިފައިވެއެވެ. އަދި ތެލަސީމިއާ ކުދިންނަށް ފަރުވާ ދިނުމާބެހޭ ގޮތުން ޑޮކްޓަރުންނަށް ވެސް ވަނީ މަޢުލުމާތު ދެއްވައިފައެވެ. ނަރހުންނަށް ވެސް ވަނީ ލޭނެގުމާއި ލޭ އެޅުމުގައި ޢަމަލު ކުރަންވީ ގޮތާ ބެހޭ ގޮތުން ތާމްރީން ދެއްވައިފައެވެ. މިއަހަރު އިތުރު އަތޮޅުތަކަށް ވަޑައިގެން ތެލަސީމިއާއަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.