ރަމަޟާން މަސް ހެޔޮކަމުގެ އެންމެ ބޮޑު ފޯވަހި

ހެޔޮކަމުގެ އެންމެ ބޮޑު ފޯވައްސަކީ ބަރަކާތްތެރި ރަމަޟާން މަހެވެ. އެއީ ކީރިތި ޤުރްއާނު އެ މައްސަރެއްގައި ބާވައިލެއްވުމުގެ ސަބަބުން މާތް ކުރެއްވިގެންވާ މަހެކެވެ. ޤުރްއާނަކީ  އޭގެ ކުރިމަތިން ވެސް އަދި ފުރަގަހުން ވެސް ބާޠިލުކަމެއް ނާންނާނެ ﷲގެ ފޮތެވެ. އެއީ ﷲގެ ޚަލްޤުތަކުންނަށް ހިދާޔަތު ދެއްކެވުމަށްޓަކައި ބާވައިލެއްވި އިލާހީ ދުސްތޫރެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ.  ((شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ)) [1]  މާނައީ : رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. އެ قرآن ބާވައިލެއްވީ،  މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. "

ﷲ ސުބްޙާނަހޫ ވަ ތަޢާލާ ކޮންމެ އަހަރަކު ދީލަތި މެހެމާނެއްގެ ގޮތުގައި އަޅުގަނޑުމެންގެ ގާތަށް ރަމަޟާން މަސް ފޮނުއްވައެވެ.  މިއީ އެކަލާނގެ އިސްލާމީ އުއްމަތަށް ދެއްވާ ނިޢުމަތްތަކުގެ ތެރޭގައި ހިމެނޭ ބޮޑު ނިޢުމަތެކެވެ.

 ރަމަޟާން މަސް އެމީހަކަށް ޝަފާޢަތްތެރިވި މީހާއަށް ބާއްޖަވެރިކަން ހުށްޓެވެ. ޤުރްއާން އެމީހަކަށް ޝަފާޢަތްތެރިވި މީހާއަށް ބާއްޖަވެރިކަން ހުށްޓެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ((الصِّيَامُ وَالْقُرْآنُ يَشْفَعَانِ لِلْعَبْدِ يَوْمَ الْقِيَامَةِ يَقُولُ الصِّيَامُ أَيْ رَبِّ مَنَعْتُهُ الطَّعَامَ وَالشَّهَوَاتِ بِالنَّهَارِ فَشَفِّعْنِي فِيهِ وَيَقُولُ الْقُرْآنُ مَنَعْتُهُ النَّوْمَ بِاللَّيْلِ فَشَفِّعْنِي فِيهِ قَالَ فَيُشَفَّعَانِ)) [2] މާނައީ :  ޤިޔާމަތް ދުވަހު އަޅާއަށް ރޯދައާއި ޤުރްއާން ޝަފާޢަތްތެރިވާނެއެވެ. ރޯދަ ދަންނަވާނެތެވެ. މިއަޅާގެ ވެރި ރަސްކަލާކޮ! މި އަޅާ އޭނާއަށް ދުވާލުގެ ވަގުތުތަކުގައި ކެއުމާއި ބުއިމާއި ޝަހަވާތްތައް މަނާކުރީމުއެވެ. ފަހެ އެކަމުގައި  މި އަޅާއަށް ޝަފާޢަތް ލައްވާނދޭވެ!  ޤުރްއާން ދަންނަވާނެތެވެ. މި އަޅާ އޭނާ  ރޭގަނޑުގެ  ނިދިން  މަޙްރޫމު ކުރީމެވެ. ފަހެ އެކަމުގައި  މި އަޅާއަށް ޝަފާޢަތް  ލައްވާންދޭވެ! ﷲ ވަޙީ ކުރައްވާނެއެވެ. ފަހެ ، ތިޔަ ދެ އަޅުންނަށް ޝަފާޢަތް ލައްވައިފީމެވެ. " 

ރަމަޟާން މަހަކީ ﷲގެ ޙަޟްރަތަށް ކުރިމަތިލުމަށްޓަކައި މުސްލިމުންނަށް  ލިބިގެންވާ ހެޔޮކަމުގެ މޫސުމެކެވެ. އެއީ ތަޤްވާވެރިންނަށް ލިބިގެންވާ ފޯވައްސެކެވެ.

ކޮންމެ  އަހަރެއްގެ ރަމަޟާން މަސް މުސްލިމުންގެ ގާތަށް އަންނަނީ ހެޔޮ ޢަމަލުތައް އިތުރު ކޮށްދިނުމަށެވެ. ނުބައި ޢަމަލުތައް މަދުކޮށްދިނުމަށެވެ. އެމަހުގައި ހެޔޮކަމުގެ ދޮރުތައް ވަނީ ހުޅުވިފައެވެ. ސުވަރުގެ ވަނީ އެތާނގެ ދޮރުތައް ހުޅުވައިލައިފައެވެ. ނަރަކަ ވަނީ އެތާނގެ ދޮރުތައް ބަންދުކޮށްފައެވެ.ޝައިޠާނުން ވަނީ ކަސްތޮޅު އެޅުވި ބަންދު ކުރެވިފައެވެ. މި ފުރްޞަތުގެ ބޭނުން ކުރި މީހާގެ ބާއްޖަވެރިކަމާއެވެ!  މި ފުރްޞަތު ނަގައިލިމީހާގެ އަބާއްޖަވެރިކަމާއެވެ! މިހެންވެ ކީރިތި ރަސޫލާ r ޙަދީޘް ކުރައްވަނީ ރަމަޟާން މަހުގެ ފުރަތަމަ ރޭ ގޮވައިލައްވާ ބޭކަލަކު ގޮވައިލައްވާނެއެވެ.  ((يَا بَاغِيَ الْخَيْرِ أَقْبِلْ ، وَيَا بَاغِيَ الشَّرِّ أَقْصِرْ)) [3]  މާނައީ :  އޭ ހެޔޮ ކަންތަކަށް އެދޭ މީހާއެވެ! ކުރިމަތިލާށެވެ! އޭ ނުބައި ކަންތަކަށް އެދޭ މީހާއެވެ! ފުރަގަސްދޭށެވެ! "

 ތިބާގެ ކުރިމަތީގައި މި އޮތީ ފުރްޞަތެވެ. އެގާރަ މަސް ދުވަސް ޣާފިލުކަން މަތީގައި ތިބާ ހޭދަކޮށްފީމުއެވެ. އަވަހަށް ކުރިމަތިލާށެވެ! މި މަހުގައި ހެޔޮ ކަންތައްތަކުގެ ސަވާބު  އެތައްއެތައް ގުނައަކަށް އިތުރުވެގެންދާނެތެވެ. ތިބާގެ އަތް ﷲގެ ޙަޟްރަތާ ގުޅާލާށެވެ! ރަނގަޅަށް ރޯދަ ހިފައިގެން، ރަނގަޅަށް ރޭ އަޅުކަންކޮށްގެން، ހެޔޮ ޢަމަލުތައް އިތުރުކޮށްގެން ﷲގެ ދަރުބާރަށް ވަންނާށެވެ. ﷲގެ ރަޙްމަތަށް އެދޭށެވެ!

އަޅުގަނޑުމެން މި ހިފާ ރޯދައަކީ ހަމައެކަނި ބަނޑުންނާއި ޝަހަވާތްތަކުން ހިފާ ރޯދައަކަށް ނަހަދަމާތޯއެވެ! ދުލުގެ ސަބަބުން ވެސް ރޯދަ ގެއްލިދާނެއެވެ. ދެ ލޮލުގެސަބަބުން ވެސް ރޯދަ ގެއްލިދާނެއެވެ. ދެ ކަންފަތުގެ ސަބަބުން ވެސް ރޯދަ ގެއްލި ދާނެއެވެ. ގުނަވަންތަކުގެ  ސަބަބުން ވެސް ރޯދަ ގެއްލިދާނެއެވެ. ތިބާގެ ލޮލުން ޙަރާން އެއްޗެއްސަށް ބަލައި  ނަމަ ރޯދަގެއްލިދާނެއެވެ. ތިބާގެ ދުލުން ދޮގު ހަދާނަމަ، ނެތިމޮށޭ ނަމަ، ދެބައޮޑުވާ ނަމަ،ހަޖޫ ކިޔާ ނަމަ، ފުރައްސާރަ ކުރާ ނަމަ ، ބާޠިލު ވާހަކަތައް  ދައްކާނަމަ ރޯދަ ގެއްލިދާނެއެވެ. ތިބާގެ ކަންފަތުން ބާޠިލު ވާހަކަތައް އަޑުއަހައި ނަމަ ރޯދަ ގެއްލި ދާނެއެވެ. ކީރިތި ރަސޫލާ r  ޙަދީޘް ކުރެއްވިއެވެ.  ((مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ أَنْ يَدَعَ طَعَامَهُ وَشَرَابَهُ )) [4] މާނައީ :  ދޮގުހެދުމާއި ދޮގުވެރި ޢަމަލުތައް ހުއްޓާނުލައި، ކެއުމާއި ބުއިން ދޫކޮށްލައިގެން ހުރުމުގެ އެއްވެސް ބޭނުމެއް ﷲގެ ޙަޟްރަތުގައި ނުވެއެވެ." އަދިވެސް ޙަދީޘް ކުރެއްވިއެވެ. ((  لَيْسَ الصِّيَامُ مِنَ الأَكْلِ وَالشَّرْبِ فَقَطْ. إِنَّمَا الصِّيَامُ مِنَ اللَّغْوِ وَالرَّفَثِ. فَإِنْ سَابَّكَ أَحَدٌ أَوْ جَهِلَ عَلَيْكَ فَقَلْ : إِنِّى صَائِمٌ )) [5]  މާނައީ : ރޯދަހިފުމަކީ ހަމައެކަނި ނުކައި ނުބޮއި ހުރުމެއްނޫނެވެ. އެކަމަކު ރޯދަހިފުމަކީ ހަޑިހުތުރު ބަސްތަކުންނާއި ހަޑިހުތުރު ފާޙިޝް ޢަމަލުތަކާ ދުރުހެލިވެ ހުރުމެވެ.ފަހެ،މީހަކު  ތިބާއާ އަރާރުންވާން އުޅެފިނަމަ ، ނުވަތަ ތިބާއަށް ފުރައްސާރަކޮށްފިނަމަ ބުނާށެވެ! ހަމަކަށަވަރުން އަހުރެން މި ހުރީ ރޯދައަށެވެ. ކީރިތިރަސޫލާގެ މިބަސްފުޅުތަކުން އެގޭގޮތުގައި ރޯދަޔަށް އަދަބުތަކެއް ލިބިގެންވެއެވެ. މި އަދަބުތަކުން އަދަބުވެރި ނުވެ ރޯދަހިފުމުގެ ބޭނުމެއް ނެތެވެ.


[1]  - سورة البقرة / 185

[2] - رواه أحمد الطبرانى والحاكم

[3] - رواه الترمذى وابن ماجه وابن خزيمة و النسائى والحاكم

[4] - رواه البخارى

[5]رواه البيهقى والحاكم وابن خزيمة

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.