ލުތުފަރުގެ ހަށިގަނޑުގެ ބައިތަކެއް ފުލުހުން ހޯދައިފި

މިއަހަރު އެޕްރީލްމަހު 19 ވަނަ ދުވަހު ށ. ޅައިމަގުން ގެއްލިފައިވާ ބަނގްލަދޭޝް ރައްޔިތެއް ކަމަށްވާ ލުތުފަރުގެ ހަށިގަނޑު ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް ކަނޑު އަޑިން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ ކަނޑުއަޑި ބަލާފައިވަނީ ލުތުފަރުގެ ގެއްލުމާ ގުޅިގެން ފުލުހުން ކުރި ތަޙުޤީޤުގައި ލިބުނު މަޢުލޫމާތުތަކާ ގުޅިގެން ކަމަށެވެ. އެތަޙުޤީގުން އޭނާގެ ހަށިގަނޑު ކަނޑު އަޑީގައިވާ ކަމަށް އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ ހަށިގަނޑު އޮތްކަމަށް ބެލެވޭ ކަނޑުއަޑީގެ ސަރަޙައްދު ފުލުހުން ބަލައިފައިވަނީ ޑައިވްކޮށްގެންނެވެ. ޑައިވްކޮށްގެން "ލުތުފަރުގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ އިންސާނެއްގެ ބައިތަކެއް ވަނީ ހޯދިފައި،" ފުލުހުން ވިދާޅުވިއެވެ.

ލުތުފަރަކީ ށ. ޅައިމަގާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރި މީހެކެވެ. އޭނާގެ އިތުރަށް އެ ބޯޓުގައި ބަނގްލަދޭޝްގެ 4 މީހަކު މަސައްކަތް ކުރަމުން އައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ލުތުފަރު މަރާލައިފައިވަނީ އޭގެ ތެރެއިން މީހަކު ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ. ލުތުފަރު މާރާލީ ހިނގި ޒުވާބެއްގައި ކަމަށް ވެސް މަޢުލޫމާތު ވަނީ ލިބިފައެވެ. އެހެންނަމަވެސް އެ ޒުވާބު ހިނގީ ކޮންކަމާ ގުޅިގެން ކަމާއި އޭނާ މަރާލައިފައިވަނީ ކިހިނެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ. ބައެއް މަސްދަރުތައް ބުނާ ގޮތުން އޭނާ މަރާލީ ތޫނު ވަޅިއަކުން ޙަމަލާދީގެންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެކަކު ބަންދުކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.