މީހަކު ރަހީނުކޮށް ފައިސާ ހޯދަން އުޅުނު މީހަކު ބަންދުކޮށްފި

ޢުމުރުން 44 އަހަރުގެ ފިރިހެނަކު ރަހީނުކޮށްގެން ތޫނު ހަތިޔާރުން ބިރުދައްކައި އޭނާގެ އަތުން 8900 ރުފިޔާ ފޭރުމަށްފަހު އިތުރު ފައިސާ ހޯދުމަށް އެދެމުން ދިޔަ ދެމީހުންގެ ތެރެއިން އެކަކު ބަންދުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިޙާދިސާ ހިނގާފައިވަނީ މެއި ދެވަނަ ދުވަހު ރޭ 10:45 ގައެވެ.

އެމީހާ ބަންދުކޮށްފައިވަނީ އެކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. އެމީހާ ބަންދުކުރީ އިތުރު މީހަކާއެކު ގަން ޕްރޮވިންސް އޮފީސް ކައިރިއަށް އެފައިސާ ހޯދަން އައިސް ޙަރަކާތްތެރިވަމުން ދަނިކޮށެވެ. ފުލުހުން ވަނީ އެ ދެމީހުން ވެސް ބަންދު ކުރުމަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް އެކަނުވަނީ ފިލައިފައެވެ. އަތުލައިގެންފައިވަނީ ޢުމުރުން 19 އަހަރުގެ ޒުވާނެކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރަހީނުކުރި މީހާ އަތުން ފައިސާ ފޭރުމަށްފަހު އިތުރު ފައިސާ ހޯދައިގެން އަންނަން ބުނެ ރަހީނުކޮށްގެން އުޅުނު މީހުން ވަނީ އެމީހާ ދޫކޮށްލައިފައެވެ.

ފުލުހުން ގެންދަވަނީ ފިލި މީހާ ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އަދި މިމައްސަލަ ވެސް ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.