ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުން ގަންނަން ފައިސާ ދައްކައިފައިވާ މީހުން މިއަދު ހަވީރު ހުޅުމާލޭގައި ހިނގާލުމެއް ބާއްވައިފިއެވެ.
މިހިނގާލުން ފަށައިފައިވަނީ އެޗުޑީސީ ކައިރިންނެވެ. ހިނގާލުން އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުނު މީހަކު ބުނީ މި ހިނގާލުމުގެ ބޭނުމަކީ މި މައްސަލައިގެ އިންސާފު އަވަސް ކޮށްދެއްވުމަށް ބާރު އެޅުމެވެ. ފުލެޓު ގަންނަން ބޮޑެތި އަދަދުން ފައިސާ ދީ ފުލެޓު ނުލިބުމުން އެ އާއިލާތަކަށް ވަނ މާލީ މައްސަލަތައް ވެސް ކުރިމަތި ވެފައި ކަމަށް އޭނާ ބުންޏެވެ.
މިއަދުގެ ހިނގާލުމުގައި ބައިވެރިން ވަނީ އެމީހުންގެ ޝުޢޫރު ލިޔެފައިވާ ބޯޑުތައް ވެސް ގެންގުޅެފައެވެ. އެމީހުންވަނީ ހުޅުމާލޭގައި ހުންނަ ސީލައިފް ސައިޓަށް ގޮސް އެތަން ބަންދުކޮށްފައެވެ. އަދި އެއީ އެމީހުންގެ ބިމެއް ކަމަށްބުނެ ފައިސާ ދެއްކި މީހުން ވަކިވަކިން ވަނީ ކަންމުޑި ޖަހައި އިންވެސް ވަކިކޮށްފައެވެ.
ހުޅުމާލޭގެ އިތުރަށް ސްރީލަންކާގައި ވެސް ވަނީ މިކަމާ ގުޅިގެން ހިނގާލުމެއް ބާއްވައިފައެވެ.
ފުލެޓު ވިއްކާނެ ކަމަށް ބުނެ ފައިސާ އަތުލި މައްސަލާގައި ސީލައިފްގެ ވެރިޔާ އަހުމަދު މޫސާ ބަންދު ކުރުމަށް މިހާރުވަނީ ިންޓަޕޯލުން ރެޑް ނޯޓިސް ނެރެފިއެވެ. އޭނާ ހޯދަން އިންޓަރޕޯލް ރެޑު ނޯޓިސް ނެރުނީ ދިވެހި ފުލުހުންގެ އެދުމުގެ މަތީންނެވެ.
އަޙުމަދު މޫސާ ވަނީ އެކި މީހުންނަށް ފުލެޓު ވިއްކާނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން މަކަރާއި ޙީތަލުން ފައިސާ އަތުލުމަށްފަހު އެއަށް ޚިޔާނާތްތެރިވެފައެވެ. އޭނާ ވަނީ މީހުންގެ އަތުން ބޮޑެތި ޢަދަދން ފައިސާ ނަގައިފައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އެކުންފުންޏާ ދެކޮޅަށް ދަޢުވާ ކޮށްދިނުމަށް އެދި އެތައް ބަޔަކު ގެންދަނީ ފުލުހުންނަށް މައްސަލަ ހުށަހަޅަމުންނެވެ.