ސްރީލަންކާގައި ބޮމުގެ ހަމަލާތައް ދިން މީހުންގެ މައުލޫމާތު ހާމަކޮށްފި

ނަސާރާ ދީނުގެ މީހުން ފާހަގަކުރާ އީސްޓާ އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކުގައި ޖާނުން ފިދާވެގެން މަރުވި 9 މީހުންގެ ނަންތައް އެގައުމުގެ ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސޭކަރަ ވިދާޅުވީ، 253 މީހުން މަރުވެ 500 އަށްވުރެ ގިނަ މީހުން ޒަޚަމްވި ހަމަލާދިނުމުގައި ބައިވެރިވި މީހުންގެ މުދާތައް، ޓެރަރިޒަމް ހުއްޓުވުމާ ބެހޭ ގާނޫނުގެ ދަށުން ސަރުކާރަށް ނެގޭނެ ކަމުގައެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ޝަންގްރިލާ ހޮޓަލް ފިޔަވައި ކޮންމެ ތަނަކަށް އެކަކު ހަމަލާ ދީފައިވާއިރު، ޝަންގްރިލާގައި ބޮން ގޮއްވާލާފައި ވަނީ ދެ މީހުންނެވެ.

މި ހަމަލާތައް ދިން ނޭޝަނަލް ތައުހީދު ޖަމާއަތުގެ ޒައީމު ޒަހްރާން ހާޝިމް ޝަންގްރިލާއަށް ހަމަލާދީފައިވާއިރު، އެ ހޮޓަލަށް ދެވަނަ ހަމަލާ ދިނީ  ސްރީލަންކާގެ ހަވާދުގެ ވިޔަފާރީގައި މަޝްހޫރު މުޙައްމަދު ޔޫސުފު އިބްރާހީމްގެ ދަރި އިލްހާމް އަޙްމަދު އިބްރާހީމެވެ. ސިނަމަން ގްރޭންޑްގައި ބޮން ގޮއްވާލާފައި ވަނީ އިލްހާމުގެ ބޭބެ އިންސާފު އަޙްމަދު އިބްރާހީމެވެ. ކިންގްސްބަރީއަށް ހަމަލާ ދިނީ މުހައްމަދު އާޒަމް މުބާރަކު ކިޔާ މީހެކެވެ. ފުލުހުން ބުނި ގޮތުގައި އޭނާގެ އަނބިމީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ނަސާރާ ދީނުގެ ތިން ފައްޅިއަށް ވެސް ހަމަލާދީފައިވަނީ ޖާނުން ފިދާވެގެން ހަމަލާ ދިން ތިން މުސްލިމުންނެވެ. ބޮން ގޮއްވާލައިގެން މަރުވި އަށްވަނަ މީހާއަކީ ދެހިވަނަ ޒޫ ކައިރީގައި ހުންނަ ޓްރޮޕިކަލް އިންގައި ބޮން ގޮއްވި މީހާއެވެ. ނުވަވަނަ މީހާއަކީ ޑެމަޓަގޮޑާ އަވަށުގައި ހުންނަ ގެއެއް ފާސްކުރަން ފުލުހުން ދިއުމުން ބޮން ގޮއްވާލައިގެން މަރުވި މީހާއެވެ.

މި ހުރިހާ ހަމަލާތަކެއްގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުން ވަނީ އުފުލާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.