ގައިން ގަޔަށް ނާރާ ބަލިތަކަށް މީހުން ހޭލުންތެރި ކުރުމުގެ ވޯކޯޝޮޕެއް ފުނަދޫގައި ފަށައިފި

ގައިންގަޔަށް ނާރާ ބަލީތަކާ ބެހޭގޮތުން މީހުން ހޭލުންތެރިކުރުމުގެ ވޯކްޝޮޕެއް ށ. ފުނަދޫގައި މިއަދު ފަށައިފިއެވެ.

ށ. އަތޮޅު ހޮސްޕިޓަލު ކޮމިޔުނިޓީ ހެލްތު އޮފިސަރު އަޙުމަދު ޒާހިދު ޙުސައިން މަޢުލޫމާތު ދެއްވި ގޮތުގައި މި ވޯކުޝޮޕުގައި ށ. އަތޮޅާއި ނ. އަތޮޅުގެ ހުރިހާ ރަށަކުން މީހުން ބައިވެރިވެއެވެ. ވޯކޮޝޮޕްގައި ބައިވެރިވަނީ ކޮމިޔުނިޓީ ހެލްތު އޮފިސަރުންނާއި ނަރުހުންނެވެ. ޖުމްލަ ފަންސާހަކަށް މީހުން ވޯކްޝޮޕްގައި ބައިވެރިވާ ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.

މިއަދުން ފެށިގެން ތިން ދުވަހަށް ކުރިއަށް ގެންދާ ވޯކުޝޮޕު ބާއްވަނީ ވިލާކޮލެޖުގެ ލޭކްސައިޑު ކެމްޕަހުގައެވެ. "މިއީ ގައިންހަޔަށް ނާރާ ބަލިތަކަށް ޢާއްމުން ހޭލުންތެރިކަން އިތުރުކުރުމާއި ބަލިތަކަށް ފަރުވާދިނުމާއި ކުރީކޮޅުގައި އެފަދަ ބަލިތަކަށް ސާމާލުވާން ޖެހޭކަން އަންގައި ދިނުމަށް ބާއްވާ ވޯކޮޝޮޕެއް،" ހޮސްޕިޓަލުން ވިދާޅުވިއެވެ.

ހަކުރު ބައްޔާއި، ފުއްޕާމޭގެ ބަލިތަކާއި ކެންސަރާއި، ލޭމައްޗަށް ދިއުމާއި، ހިތުގެ ބަލި ފަދަ ކަންކަމަކީ ރާއްޖޭގައި މިހާރު ވަރަށް ގިނަވެފައިވާ ބަލިތައް ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ. މިފަދަ ބަލިތަކަށް ޕްރައިމަރީ ލެވެލްގައި ފަރުވާ ދިނުމާބެހޭ ބެހޭގޮތުން ވެސް މަޝްވަރާ ކުރާނެއެވެ. އަދި މިފަދަ ބަލިތައް ޖެހުމުގައި ދިމާވާ ދިރިއުޅުމުގެ އާދަކާދަތަކަށް އަންނަ ބަދަލު ތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެއެވެ. އޭގެ ތެރޭގައި ކެއިން ބުއިމުގެ އާދަކާދައާއި، ކަސްރަޔު ނުކުރުމާއި މިހެން ގޮސް މިފަދަ ކަންކަން ހިމެނޭ ކަމަށް އެތަނުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.