މިދޔަމަހު އެންމެ ގިނައިން ހުށަހަޅައިފައިވަނީ ކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަ: ޖެންޑާ

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ބައްދަލުވުމެއްގައި: ފޮޓޯ ޖެންޑަރ މިނިސްޓްރީ

ހުސްވި މާރިޗު މަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޖުމުލަ 253 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޚުވެއްޖެއެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މައްސަލައަށްވުރެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ބެހޭ މައްސަލަތަކެވެ.

ކުޑަކުދިންނަށް އަނިޔާ ކުރުމާބެހޭ 131 މައްސަލަ މާރިޗުމަހު ވަނީ ހުށަހަޅާފައެވެ. އެއީ އެމަހު ރިޕޯޓުކޮށްފައިވާ ކުމްލަ މައްސަލަތަކުގެ 52 އިންސައްތައެވެ.

އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ ހާނީއްކައިގެ މައްސަލަތަކެވެ. އެ ގޮތުން އޭގެ 38 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

"މި ބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލުވުމުގެ 35 މައްސަލަ، ޖިންސީ ހާނީއްކައިގެ 32 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 14 މައްސަލަ، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 6 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާލިބުމުގެ 3 މައްސަލަ، އަދި އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 2 މައްސަލަ ހިމެނެއެވެ."

އޭގެ އިތުރަށް ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 6 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.

މި ފަދަ މައްސަލަތަކުގެ ތެރޭގައި ސާފު ބޯފެނާއި ކަރަންޓުގެ ޚިދުމަތަށް ހުރަސް އެޅުމުގެ 4 މައްސަލައާއި ތަޢުލީމަށް ހުރަސް އެޅުމުގެ 1 މައްސަލަ އަދި އައިޑީކާޑު/ ޕާސްޕޯޓް/ އުފަންދުވަހުގެ ސެޓުފިކެޓު ހޯދުމާ ބެހޭ 1 މައްސަލަ ހިމެނޭ ކަމަށް މިނިސްޓްރިން ވިދާޅުވެފައިވެއެވެ.

ޢާއިލާއާ ބެހޭ 27 މައްސަލަ މިދިޔަ މަހު އެ މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.

އެ ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 14 މައްސަލައާއި ކުދިން ބެލުމުގައި ދިމާވާ 8 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ 3 މައްސަލަ ހިމެނިފައިވެއެވެ.

އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 5 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށް އެމިނިސްޓްރީން ހާމަކުރައްވާފައިވެއެވެ. އެ ފަދަ މައްސަލަތަކުގެ ތެރޭގައި ތަންތަނަށާއި ތަކެއްޗަށް ގަސްދުގައި ގެއްލުންދިނުމުގެ 4 މައްސަލަ އަދި ވައްކަންކުރުމުގެ 1 މައްސަލަ ހިމެނެއެވެ.  އަދި ކުޑަކުދިންގެ އަޚުލާގީ މައްސަލައިގެ ގޮތުގައި ވަނީ

15 މައްސަލައެއް ހުށަހަޅައިފައެއެވެ. އޭގެ ތެރޭގައި ގެއިން ނުކުމެގެން ދިޔުމުގެ 5 މައްސަލަ އަދި ސްކޫލަށް ދާން ބޭނުންނުވުމުގެ 4 މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 38 މައްސަލައެއްވެސް މާރިޗުމަހު ހުށަހަޅާފައިވާ މައްސަލަތކުގެ ތެރޭގައި ހިމެނެއެވެ.

އެ ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. މި ބާވަތުގެ 12 މައްސަލަ އެ މުއްދަތުގެ ތެރޭގައި މިނިސްޓްރީއަށް ވަނީ ރިޕޯޓު ކޮށްފައެވެ.

މީގެ އިތުރުން، ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 7 މައްސަލަ، ޖިންސީ ހާނީއްކަކުރުމުގެ 7 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ 5 މައްސަލަ، ޖިންސީ ފުރައްސާރަކުރުމުގެ 2 މައްސަލަ، ރޭޕްކުރުމުގެ 2 މައްސަލަ، އިހުމާލުވުމުގެ 1 މައްސަލަ، ބާރާއި ނުފޫޒު ފޯރުވުމުގެ 1 މައްސަލަ އަދި މާލީ ނުވަތަ އިޤުތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 1 މައްސަލަ ހިމެނޭ ކަމަށް ޖެންޑާއިން ވަނީ މަޢުލޫމާތު ދެއްވައިފައެވެ.

މާރިޗުމަހު ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 19 މައްސަލަ ހިމެނެއެވެ. އެއީ އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 14 މައްސަލައާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 5 މައްސަލައެވެ.

އޭގެ އިތުރަށް އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 12 މައްސަލަ މާރިޗުމަހު ހުށަހަޅާފައިވާ ކަމަށް ޖެންޑާއިން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.