ލަންކާގައި ދިވެހީންގެ ބަޔަކު ބަންދުކުރިކަން ރަސްމީކޮށް އެނގިފައެއް ނެތް: ފުލުހުން

އަވަށްޓެރި ސްރީލަންކާގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހަ ދިވެއްސަކު ތިބިކަމުގެ މަޢުލޫމާތު ރަސްމީ އެއްވެސް ފަރާތަކުން ލިބިފައި ނުވާކަމަށް ދިވެހި ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާއިން ވިދާޅުވީ އެކަމާ ގުޅޭ އެއްވެސް މަޢުލޫމާތެއް "ރަސްމީކޮށް އެނގިފައިނެތް" ކަމަށާއި އެހެންނަމަވެސް އެކަމާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ. އެކަމާ ގުޅިގެން ފުލުހުން ކުރަމުންދަނީ ކޮންކަމެއް ކަމެއްވެސް ވިދާޅެއް ނުވެއެވެ. މިކަމާ ގުޅިގެން އިތުރު އެއްވެސް އެއްޗެއް ފުލުހުން ވިދާޅުނުވެއެވެ.

އެހެންނަމަވެސް ފޮރިން މިނިސްޓްރީއާ ޙަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ލަންކާގައި މިހާރު ހިނގަމުންދާ ކަންތަކާ ގުޅިގެން 6 ދިވެއްސަކު ބަންދުކޮށްފައިވާ ކަމަށެވެ. އެ މީހުން ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ތަފާތު ދެއްމައްސަލައަކާ ގުޅިގެން ކަމަށް ވެއެވެ. އެއް ކަމަކީ ދިވެހިން އުޅޭ ގެއެއް ބަލައި ފާސްކުރިއިރު އައިއެސްއާ ގުޅުންހުރި ފޮތެއް ފެނުމާއި އެއާގަން ފެނުން ކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ.

އާދީއްތަ ދުވަހު ލަންކާގައި ހިންގި ބޮންގޮއްވުމުގެ ހާދިސާގައި 250 އަށްވުރެ ގިނަ މީހުން މަރުވެ 500 އަށްވުރެ ގިނަމީހުން ވަނީ ޒަޚަމްވެފައެވެ. އެ ޙާދިސާއަށްފަހު ލަންކާ ފުލުހުން ގެންދަނީ ތަންތަން ބަލައި ފާސްކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.