ސްރީލަންކާގެ ފަސްތަރީގެ ތިން ހޮޓަލަކާއި ތިން ފައްޅިއެއްގައި ބޮންގޮއްވާލައިފި

މިއަދު ބޮންގޮއްވާލަފައިވާ ފައްޅިއެެއްގެ އެތެރެ

ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ފަސްތަރީގެ ތިން ހޮޓަލަކާއި، ގްރޭޓާ ކޮލޮންބޯގެ ތިން އަވަށެއްގެ ނަސާރާ ތިން ފައްޅިއަކާއި ބަޓިކަލޮއާގެ ނަސާރާ ފައްޅިއެއްގައި ބޮންގޮއްވާލައިފި ކަމުގެ ޚަބަރު ލިބެމުން އެބަދެއެވެ.

ފުލުންނާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވާގޮތުގައި ބޮން ގޮވީ ކޮލޮންބޯގެ ފޯޓު ސަރަހައްދުގައި ހުންނަ ޝަންގްރިލާ ހޮޓަލާއި، ސިނަމަން ގްރޭންޑް ހޮޓަލާއި، ކިންގްސްބަރީ ހޮޓަލުގައެވެ. އަދި ގްރޭޓާ ކޮލޮނބޯގެ އަވަށެއްކަމުގައިވާ ކޮއްޗިކާޑޭގައި ހުންނަ ނަސާރާ ފައްޅިއެއް ކަމުގައިވާ ސެންޓް އެންތަނީސް ޗާޗާއި، ނިގަންބޯގެ ސްންޓް އެންތަނީސް ޗާޗާއި، ކަޓުވަޕިޓިޔާގައި ހުންނަ ނަސާރާ ފައްޅި، ސެންޓް ސެބަސްޓިއަންސް ޗާޗުގައެވެ. އަދި ބަޓިކަލޮއާގެ ޒަޔަން ޗާޗުގައެވެ. މިއަދަކީ ނަސާރާއިން އީސްޓަރ ފާހަގަކުރަމުން ދާ ދުވަހެވެ. އެހެންކަމުން، ފައްޅިތަކުގައި ގިނަ އަދަދެއްގެ ބަޔަކު ތިއެބެވެ. ފައްޅިތަކުގައި ބޮންގޮއްވާލާފައި ވަނީ ހެނދުނު 8:45 (ރާއްޖޭ ގަޑިން ހެނދުނު 8:15) ގައެވެ.

އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުގައި މިހަމަލާތަކުގައި މިހާތަނަށް 138 މީހުން މަރުވެ 280 ޒަޚަމްވެފައި ވެއެވެ. މަރުވި މީހުންގެ ތެރޭގައި ބޭރު ގައުމުތަކުގެ 9 މީހުން ހިމެނޭކަމަށް އޭއެފްޕީން ބުނެފައި ވެއެވެ.

ފުލުހުންގެ މަސްދަރަކާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވާ ގޮތުގައި ނިގަންބޯގައި އެކަނިވެސް 50 މީހުން މަރުވެފައި ވެއެވެ. އަދި ބަޓިކަލޮއާގައި 27 މީހުން މަރުވެފައި ވެއެވެ.

އޭއެފްޕީން ޚަބަރުދޭ ގޮތުގައި ސްރީލަންކާގެ މަޝްހޫރު ނަސާރާ ފައްޅިތަކަކަށް ހަމަލާދޭން ރާވަނުންދާ ކަމުގެ ޖާސޫސީ މައުލޫމަތު ލިބިފައިވާ ކަމަށް ފޮލިސް ކޮމިޝަނާ ޕުޖުތު ޖަޔަސުންދަރާ ވަނީ މި މަހުގެ އެގާރަވަނަ ދުވަހު އިންޒާރުދެއްވާފައެވެ. އޭނާ މިއިންޒާރު ދެއްވާފައި ވަނީ ފުލުހުންގެ އިސްވެރިންނަށް ކަމަށްވެއެވެ. މި މައުލޫމާތު ލިބުނީ ބޭރުގެ ޖާސޫސީ އިދާރާއަކުން ކަންވެސް އޭނާ ފާހަގަކުރައްވާފައިވާ ކަމަށްވެއެވެ.

މި ހަމަލާތަކުގައި މީހުންނަށާއި ތަކެއްޗަށް ބޮޑަށް ގެއްލުންވެފައި ވަނީ ފައްޅިތަކުންނެވެ. މީސް މީޑިޔާގައި ދައުރުވަމުން ދާ ފޮޓޯތަކުން ފެންނަ ގޮތުގައި ފައްޅިތަކުގެ އެތެރޭގައި ވަނީ މުޅިން ހަލާކުވެފައިވާ ލަކުޑިތަކާއި ލެއެވެ.

މި ގޮއްވުންތަކުގައި ބޭނުންކޮށްފައިވަނީ ކޮން އެއްޗެއް ކަމެއް އަދި ސާފު ވެފައި ނުވެއެވެ. އަދި އެއްވެސް ފަރާތަކުން މި ހަމަލާތަކުގެ ޒިންމާ އުފުލާފައިވެސް ނުވެއެވެ. ތަމަޅައިންނާ ދެކޮޅަށް ކުރި ދިގުދެމިގެން ދިޔަ ދާޚިލީ ހަނގުރާމަ ނިމުނު ފަހުން ސްރީލަންކާ އޮތީ ނިސްބަތުން އަމާން ތަނެއްގެ ގޮތުގައެވެ.

ސްރީލަންކާގެ ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ކުރިއަށް ދާއިރު، އިމަޖެންސީ ޚިދުމަތްތައް ދޭ ފަރާތްތަކުން ދަނީ ބޮންގޮވި ތަނތަނުގައި އަވަދިނެތި މަސައްކަތްކުރަމުންނެވެ.

ގައުމާ މުޚާޠަބުކުރައްވައި ފޮނުއްވި ޚިޠާބެއްގައި ރައީސު މައިތުރިޕާލާ ސިރިސޭނާ ވަނީ ރައްޔިތުން މަޑުމައިތިރިކަމާއެކު ތިބުމަށް ގޮވައިލައްވާފައެވެ.  

މި ބޮމުގެ ހާދިސާތަކާ ގުޅިގެން ލަންކާގައި ދިރިއުޅޭ އާއިލާތަކުންނާ އާއިލާތަކާ ގުޅުންހުރި ފަރާތްތަކުން ގުޅުއްވުމަށް ސަރުކާރުން ވަނީ ނަންބަރުތަކެއް ގާއިމްކުރައްވާފައެވެ. ވީމާ، މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ބޭފުޅުން މި ނަންބަރުތަކަށް ގުޅުއްވާށެވެ.

ރާއްޖޭގެ ނަންބަރު: 9607983400+

ސްރީލަންކާގެ ނަންބަރުތައް:  94727277072+ އަދި 94766942654+

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.