ތިނަދޫ ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރ ހުޅުއްވައިދެއްވައިފި

މިނިސްޓަރ ޝިދާތާ ޝަރީފް ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރ ހުޅުއްވައި ދެއްވަނީ: ފޮޓޯތައް ޖެންޑަރ މިނިސްޓްރީ

 ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރ މިއަދު ހުޅުއްވައިދެއްވައިފިއެވެ. އެ ސެންޓަރ ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފެވެ.

އެއީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމަށް ޓަކައި ގާއިމުކޮށްފައިވާ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރެކެވެ. އެތަން ހުޅުއްވައިދެއްވުމަށް ފަހު މިނިސްޓަރ ޝިދާތާ ވަނީ އެ ތަނާއި އެ ތަނުގައި ދެވޭ ފަރުވާތައް ބައްލަވައިލައްވައިފައެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅައިފައިވާ މުހިންމު ވަޢުދުތަކުގެ ތެރޭގައި ރާއްޖޭގެ 3 ސަރަޙައްދެއްގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ގާއިމުކުރުން ހިމެނިފައިވެއެވެ. އެގޮތުން އައްޑޫ ސިޓީ ހިތަދޫއާއި ހދ.ހަނިމާދުއާއި ތިނަދޫގައި މިސެންޓަރު ހުޅުވުމުން ސަރުކާރުގެ އެ ވަޢުދު ވަނީ ފުދިފައެވެ.

މި ސެންޓަރތަކުން ދެވޭ ޚިދުމަތްތަކުގެ ތެރޭގައި ޑީޓޮކްސިފިކޭޝަން ފަރުވާއާއި ކޮމިޔުނިޓީ ރިހެބިލިޓޭޝަން ފަރުވާއާއި ސައިކޯސޯޝަލް ފަރުވާގެ އިތުރުން ފަރުވާ ނިމިގެން މުޖުތަމަޢަށް އަހުލުވެރިކުރުވުމަށް ބޭނުންވާ ހުނަރުތައް އަށަގެންނެވުން ހިމެނެއެވެ.

މިނިސްޓަރ ޝިދާތާ ތިނަދުއަށް މިކުރައްވާ ދަތުރުފުޅުގައި ގދ.އަތޮޅު ކައުންސިލް، ގދ.ތިނަދޫ ރަށު ކައުންސިލް، އަންހެނުންގެ ތަރައްޤީއަށް މަސައްކުރާ ކޮމިޓީ، ޑޮކްޓަރ އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރ އަދި ކޮމިޔުނިޓީ ސޯޝަލް ގްރޫޕް (ސީއެސްޖީ)އަށް ޒިޔާރަތްކުރައްވައި، މަސައްކަތްތައް ބައްލަވައިލެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.