އިލްހާން އުމަރުގެ ދިފާއުގައި ގިނަ ބަޔަކު ތެދުވެއްޖެ

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މެންބަރު އިލްހާން އުމަރު

އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ތިރީގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވެސްގެ މުސްލިމް އަންހެން މެންބަރެއް ކަމުގައިވާ އިލްހާން އުމަރުގެ ދިފާއުގައި ގިނަ ބަޔަކު ތެދުވެއްޖެއެވެ.

އެމެރިކާ ސީޔާސީ ގިނަ ފަރާތްތަކަކުން، ޚާއްސަކޮށް އިލްހާން އުމަރު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ އިސްބޭފުޅުން، އޭނާ ދިފާއުގައި ވާހަކަދައްކަމުން ގެންދަނީ، އިލްހާންގެ ވާހަކައިން ނުބައި މާނަ ނެގޭފަދަ ގޮތަކަށް ރައީސު ޑޮނާލްޑް ޓްރަމްޕް ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ. އެ ޓުވީޓުގައި ޓްރަމްޕް ވަނީ އިލްހާނުގެ ވާހަކައިން ވަކި ބައެއް ފެންނަ ގޮތަށް އެޑިޓްކޮށްފައިވާ ވީޑިއޯއެއް އެޓޭޗްކުރެއްވުމަށް ފަހު "އަހަރުމެން ދުވަހަކުވެސް ހަނދާންނުނެތޭނެ" ކަމަށް ވެފައެވެ.

ޑިމޮކްރެޓިކް ޕާޓީގެ 2016 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި އަދި 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ސެނެޓަރ ބާނީ ސޭންޑާސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "އިލްހާން އުމަރަކީ ހިތްވަރުހުރި، ވަރުގަދަ ލީޑަރެއް. ޓްރަމްޕްގެ ނަސްލީތަފާތުކުރުމާއި ނަފުރަތަށް އޭނާ ފަހަތަކަށް ނުޖެހޭނެ. އަހަރުމެންވެސް ނުޖެހޭނަން. އޭނާއާ ދެކޮޅަށް ދެވޭ ހަޑިހުތުރު އަދި ނުރައްކާތެރި ހަމަލާ ހުއްޓާލަން ޖެހޭ."

ލޮސްއެންޖެލިސްގައި އޮތް ކައުންސިލް އޮފް އެމެރިކަން-އިސްލާމިކް ރިލޭޝަންނސް (ސީއޭއައިއާރ) ގެ ބައްދަލުވުއްގައި ވާހަކަފުޅުދައްކަވަމުން އިލްހާން އުމަރު ވިދާޅުވީ "11/9 ގެ ފަހުން ސީއޭއައިއާރ އުފެދުނީ ކޮންމެވެސް ބަޔަކު ކޮންމެވެސް ކަމެއް ކޮށްފިކަން އެބައިމީހުން ގަބޫލުކުރާތީއާއި، އަހަރުމެން އެންމެންނަށްވެސް މަދަނީ ހައްގުތަކާ ހަމައަށް ދިއުމުގެ ފުރުސަތު ގެއްލެމުން ދާތީ" އެވެ.

ރައީސު ޓްރަމްޕް ވަނީ އޭނާގެ މި ވާހަކަކޮޅުގެ ތެރެއިން ހަމައެކަނި 'ކޮންމެވެސް ބަޔަކު ކޮންމެވެސް ކަމެއް ކޮށްފި" މި ތަންކޮޅު ނަންގަވައި ވާލްޑް ޓްރޭޑް ސެންޓަރު ގޮވި މަންޒަރާއެކު ޓުވީޓުކުރައްވާފައެވެ. އެކަމުގެ ސަބަބުން ގިނަ ބަޔަކު އިލްހާން އުމަރުގެ އެ ބަސްކޮޅުގެ މާނަ ނެގީ 11/9 ގެ ހަމަލާގެ މުހިއްމުކަން ކުޑަކޮށްލި ވާހަކަކޮޅެއްގެ ގޮތުގައެވެ.

މި އަހަރުގެ ކުރީކޮޅު ޔަހޫދީންނާ ބެހޭގޮތުން ދެއްކެވިވާހަކައަކާމެދު ނުރުހިފައި ތިބި އެމެރިކާގެ ޔަހޫދީންވެސް ވަނީ މިފަހަރު އަލްހާން އުމަރުގެ ދިފާއުގައި ވާހަކަދައްކާފައެވެ.

"އިލްހާނު އުމަރު ދެއްކެވި ވާހަކަ އެއް އޭގެ މާނަ އޮޅޭގޮތަށް ނަގައިގެން އޭނާ އެންމެ ނުބައިމީހުންނާ އެއްހަމަކުރައްވައިގެން ޓްރަމްޕް ގެންދަވަނީ ފާޅުކަން ބޮޑު ގޮތެއްގައި އިސްލާމްދީނާމެދު ބިރުވެރިކަން އުފައްދަވަމުން. އަދި ބެލެވޭގޮތުގައި އޭނާ (ޓްރަމްޕް) ގެންދަވަނީ އޭނާ (އިލްހާން) ގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓަވާލައްވަމުން." އެމެރިކާގެ ޔަހޫދީ ލޮބީ ގްރޫޕެއް ކަމުގައިވާ ބެންޑް ދި އާކް ގެ ރަބާއީ ޖިލް ޖެކޮބްސްގެ ޓުވީޓެއްގައި ބުނެފައި ވެއެވެ.

"އިލްހާން އުމަރުއާއެކު ނެތް ކޮންމެ މީހަކު ހުރީ އިސްލާމްދީނާ މެދު ބިރުވެރިކަން އުފައްދާ މީހުންނާއެކު." އެމެރިކަން ޔުނިވަސިޓީގެ ޕްރޮފެސަރ އިބްރާހީމް އެކްސް. ކެންޑީގެ ޓުވީޓެއްގައި ވެއެވެ.

ޖަޕާނު ދަރިކޮޅަށް ނިސްބަތްވާ ފިލްމީ ތަރި ޖޯޖް ޓަކައިވެސް ވަނީ އިލްހާން އުމަރުއާކު ހުރިކަން ހާމަކޮށް ޓުވީޓެއް ކޮށްފައެވެ.  

2018 ވަނަ އަހަރު، ދައުރުގެ މެދުތެރޭ އިންތިޚާބުގައި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މެންބަރުންގެ ގޮތުގައި ހޮވިވަޑައިގަތް މުސްލިމް ދެ އަންހެނުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިލްހާމް އުމަރު ވަނީ ރައީސު ޓްރަމްޕްގެ ޓުވީޓުތަކުގެ އަމާޒަކަށް ވެވަޑައިގެންފައެވެ. އޭނާ ޔަހޫދީން ކުށްވެރިކުރައްވައި، މުސްލިމުންގެ ދިފާއުގައި ވާހަކަދައްކަވާތީއެވެ.

ސޯމާލިޔާގެ ވެރިރަށް މޮގަދިޝޫގައި 1981 ވަނަ އަހަރު އުފަންވެވަޑައިގަތް އިލްހާން އޭނާގެ ބައްޕާފުޅާއެކު އެމެރިކާއަށް ހިޖުރަކުރެއްވީ 1992 ވަނަ އަހަރުގައެވެ. 2012 ވަނަ އަހަރު މިނެސޯޓާއިން ސިޔާސީ ހަޔާތް ފެއްޓެވި އިލްހާން ވަނީ 2016 ވަނަ އަހަރު މިނެސޯޓާ ސްޓޭޓްގެ ގާނޫނުހަދާ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.