މާލެއަށް ބޭނުންވަނީ ވިއްސަކަށް ހާސް ބޯހިޔާވަހިކަން: ޙަސަން ލަތީފް

މާލެއަށް ބޭނުންވަނީ ވިއްސަކަށް ހާސް ގޯތި ނުވަތަ ބޯހިޔާވަހިކަން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގުދާއިރާގެ މަޖިލިސް މެމްބަރ (އިލެކްޓް) އަލްއުސްތާޛު ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިރޭ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ބޯހިޔާވަހިކަން ކަމަށެވެ. އެކަން މަޖިލީސް އިމްތިޚާބުގެ ކެމްޕޭން ދުވަސްވަރުވެސް ވަރަށް ރަނގަޅަށް އެނގިފައިވާ ކަމަށެވެ.

ޙަސަން ވިދާޅުވީ އެ ޢަދަދަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ނުކުރެވޭނެ ވަރުގެ ކަމެއް ނޫންކަމަށެވެ. "މާލެއިން ކިތަންމެ ކުޑަތަންކޮޅެއް ނަމަވެސް ސަރުކާރަށް ދޫކޮށްލާ ކޮންމެ މީހަކަށް އިރާދަ ކުރެއްވިއްޔާ ބޯހިޔާވަހިކަމެއް ދޭނަން. މޭލެއަށް ބޭނުންވަނީ ގާތްގަނޑަކަށް ވިއްސަކަށް ހާސް ގޯތި. ނުވަތަ ވިއްސަކަށް ހާސް ބޯހިޔާވަހިކަން،" އޭނާ ވިދާޅުވިއެވެ.

ގުޅިފަޅު ވަށައިގެން ހިއްކާބައި ނިންމައި، ތިލަ ފުށީގެ އެއްބައި ހިއްކުމަށްފަހު ހުޅުމާލެއިން ހިއްކާފައިވާ ސަރަޙައްދު އެއްކޮށް އެ ޢަދަދަށް ބޯހިޔާ ވަހިކަން ލިބޭނެ ކަމަށް ޙަސަން ވިދާޅުވިއެވެ. އެހެންވީމާ އެއީ ނުކުރެވޭނެ ކަމެއްނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ޙަސަން ވިދާޅުވީ ރައްޔިތުންނާއި އެމްޑީޕީގެ މެމްބަރުން ވެސް މިހާރު ބޭނުންވާނީ އެޖެންޑާ 19  ގައި ބުނެފައިވާ ކަންކަން ތަންފީޒު ކުރުން އަވަސް ކުރުމަށް ކަމަށެވެ. އެކަންކަމަށް ބޭނުންވާ ޤާނޫނުތައް މަޖިލީސް ތެރެއިން ހަދައިގެން އެމަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.