ވަގު އައިޑީކާޑު ހަދައިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައި: އެމްޑީޕީ

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ވަގުއައިޑީ ކާޑުތަކެއް ހަދައިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ އެމްޑީޕީން ބުނެފިއެވެ.

އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އެޕާޓީން މިހާރު ގެންދަނީ އެކަން ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރައްވަމުންނެވެ. ވަގު އައިޑީކާޑު ބޭނުންކޮށްގެން ވޯޓުލާ މީހުން ދެނެގަތުމުގެ ވަސީލަތް އެމްޑީޕީގައި ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަސަން ވިދާޅުވެފައިވަނީ ޕީޕީއެމްގެ އެކްޓިވިސްޓުންތަކެއް ރިޔާސީ އިންތިޚާބުގެ އޮފިޝަލުންގެ ގޮތުގައި ވެސް ނަގައިފައިވާ ކަމަށެވެ. އެހެންނަމަވެސް އިންތިޚާބުގެ ގަވާއިދު ބުނާގޮތުން އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ މީހުންނަށެވެ. އެފަދަ އޮފިޝަލުން ޕީޕީއެމްގެ ހަރަކާތްތަކުގައި އުޅެމުންދާ ކަމަށާއި އެކަން އިލެކްޝަނުން ސީރިއަސްކޮށް ބަލަންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިޚާބުގައި އޮޅުވާލުމަށްޓަކައި ރަށްރަށަށް ވޯޓުފޮށިތައް ފޮނުވިއިރު އިތުރު ފޮށިތައް ވެސް ފޮނުވާފައިވާކަން އެނގިފައިވާ ކަމަށާއި އެފޮށިތައް ފޮނުވީ ކޮންރަށްރަކަށްކަން ވެސް އެނގޭ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. މިއީ އިލެކްޝަނުން ހިންގާ ކަމެއް ކަމަށާއި އެހުރިހާ ކަމަށް އެމްޑީޕީ ފާރިވެރި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.