ކުއެޓާގައި ބޮމެއް ގޮވައި 16 މީހުން މަރުވެއްޖެ

ކުއެޓާގައި މިއަދު ބޮން ގޮއެްވާލި ސަރަހައްދު

ޕާކިސްތާނުގެ ބަލޯޗިސްތާނު ޕްރޮވިންސްގެ ކުއެޓާގައި މިއަދު ބޮމެއް ގޮވައި 16 މީހުން މަރުވެއްޖެއެވެ. ކުއެޓާގެ މާރުކޭޓެއްގައި ބަޔަކު ގޮއްވާލިކަމަށް ބެލެވޭ މި ބޮމުގެ ސަބަބުން 30 މީހަކު ޒަޚަމްވެސް ވިއެވެ.

ކުއެޓާގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ޢަބްދުއްރައްޒާޤު ޗީމާ ވިދާޅުވިގޮތުގައި ބޮން ގޮވާފައި ވަނީ މީހުން ދިރިއުޅޭ އިމާރާތްތަކާ ކައިރީގައެވެ. އަދި ލަފާކުރެވޭ ގޮތުގައި ގޮއްވާލި ބޮމުގެ އަމާޒަކީ ހަޒާރާ މީހުންނެވެ. ހަޒާރާއިންނަކީ އަފްޣާނިސްތާނަށް ނިސްބަތްވާ މައިގޮނޑު ގޮތެއްގައި ޝީޢީ ނަސްލެކެވެ. އެ މީހުންގެ 9 ލައްކައެއްހާ މީހުން ކުއެޓާ ސަރަހައްދުގައި ދިރިއުޅެއެވެ.

ޗީމާ ވިދާޅުވިގޮތުގައި ކުއެޓާގެ ހަޒާރްގަންޖީ ސަބްޒީ މަންޑީ (ތަރުކާރީ މާރުކޭޓު) އަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރެއިން 8 މީހުންނަކީ ހަޒާރާއިންނެވެ. އެ މާރުކޭޓުގައި ފޯރިމަރަމުން ދިޔަ ޕެރެމިލިޓަރީ ސިފައިންގެ 4 މީހުންވެސް ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނެއެވެ.

މިއަދު ހެނދުނު 7:35 ގައި ގޮއްވާލި ބޮމަކީ އަމިއްލައަށް އުފައްދާފައިވާ އިމްޕްރޮވައިޒްޑް އެކްސްޕްލޯޒިވް ޑިވައިސް (އައިއީޑީ) އެކެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވެއެވެ.

ޕާކިސްތާނުގެ ރައީސު އާރިފް އަލްވީއާއި ބޮޑުވަޒީރު އިމްރާން ޚާންވެސް ވަނީ މި ހަމަލާ ކުށްވެރިކުރައްވައި ބަޔާން ނެރުއްވާފައެވެ. އެ ބޭފުޅުން ވިދާޅުވީ މި ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރުމަށް ގައުމު ކަނޑައަޅާފައިވާ އަޒުމު މި ހަމަލާގެ ސަބަބުން ނުގުޑާނެ ކަމުގައެވެ.

ކުއެޓާގެ ޗީފް މިނިސްޓަރު ޖާމް ކަމާލް ޚާން ވިދާޅުވީ ހަމަލާދިން މީހުންނަކީ "އިންސާނިއްޔަތުގެ ދުޝްމަނުން" ކަމުގައެވެ.

ހަޒާރާއިންނަކީ ބަލޯޗިސްތާނު ޕްރޮވިންސްގައި ހަރަކާތްތެރިވާ ހަރުކަށި ހަނގުރާމަވެރި ޖަމާއަތްތަކުގެ އަމާޒަކަށް ފާއިތުވި އަހަރުތަކުގައި ވެފައިވާ ބައެކެވެ. ފާއިތުވި އަހަރުގެ މާރިޗު މަހު ޕާކިސްތާނުގެ ނޭޝަނަލް ކޮމިޝަން ފޯ ހިއުމަން ރައިޓްސް (އެންސީއެޗްއާރ) އިން ނެރުނު ރިޕޯޓެއްގައި ބުނެފައވާ ގޮތުން 2103 އިން ފެށިގެން ހަޒާރާއިންނަށް އަމާޒުކޮށް ދެވުނު ހަމަލާތަކުގައި ހަޒާރާއިންގެ 509 މީހުން މަރުވެ 627 މީހުން ޒަޚަމްވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.