ޕާކިސްތާނުގެ ހުޅަނގު އުތުރުގައި އޮންނަ ޚައިބަރް ޕަޚްތޫންޚާ ޕްރޮވިންސުގައި ދިން ޓެރަރިސްޓު ދެހަަމަލާއެއްގައި 11 މީހުން މަރާލައިފިއެވެ. މަރުވި މީހުން ތެރޭގައި ސިފައިންގެ 4 މީހަކުވެސް ހިމެނެއެވެ.
ޕާކިސްތާނު އެއްގަމު ސިފައިން ބުނިގޮތުގައި ސިފައިންގެ 3 މީހަކު މަރާލާފައި ވަނީ އަފްޣާނިސްތާނުގެ ސަރަހައްދީ ރޮނގު ކައިރީ އޮންނަ ކުއްރަމް ޑިސްޓްރިކްޓްގައި ސަރަހައްދީ ރޮނގު ހުރަސްކޮށް އަފްޣާނިސްތާނު ތެރޭން ދިން ހަމަލާއެއްގައެވެ.
"ޓެރަރިސްޓުން ވަނީ ކުއްރަމް ޑިސްޓްރިކްޓްގެ ޚަރްލާޗީ ސަރަހައްދުގައި، ބައިނަލްއަގުވާމީ ސަރަހައްދީ ރޮނގު ހުރަސްކޮށް އަފްޣާނިސްތާނު ތެރޭން ޕާކިސްތާނު ސިފައިންނަށް ބަޑިން ހަމަލާދީފައި. ސިފައިންވަނީ އެކަށީގެންވާ ގޮތަށް ރައްދު ދީފައި." ޕާކިސްތާނު ސިފައިންގެ މީޑިޔާ ގޮފިން ނެރުނު ބަަޔާނެއްގައި ވެއެވެ.
މި ހަމަލާ ބަދަލުކުރުމުގައި ސިފައިންގެ 3 މީހުން ވަނީ މަރުވެފައެވެ.
ޕާކިސްތާނު ސަރުކާރުން ވަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް އެ ގައުމަށް ދޭ ޓެރަރިސްޓު ހަމަލާތައް ކުށްވެރިކޮށްފައެވެ. އަދި އަފްޣާނިސްތާނު ސަރުކާރު އެ ހަމަލާތައް ހުއްޓުވަން މަސައްކަތްކުރުމަށް ގޮވައިލާފައެވެ.
އަނެއްކޮޅުން، ޚައިބަރް ޕަޚްތޫންޚާގެ ސުވާތު ވާދީ މަގެއްގެ ކައިރީގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 8 މީހަކު ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ސުލްހައަށް މަސައްކަތްކުރާ ކޮމިޓީއެއްެގެ މެންބަރަކުވެސް ހިމެނެއެވެ.
"ބާރާ ބަންޑާއިގެ ސުލްހައިގެ ކޮމިޓީގެ މެންބަރެއް ކަމުގައިވާ އިދްރީސް ޚާންގެ އުޅަނދު ކައިރީގައި ރިމޯޓް ކޮންޓްރޯލް ބޮމެއް ގޮއްވާލާފައި ވަނީ. އޭގެ ސަބަބުން ޚާންއާއެކު 8 މީހަކު ވަނީ މަރުވެފައި. އޭގެތެރޭގައި ސެކިއުރިޓީ ދެ މީހުންވެސް ހިމެނޭ." ސުވާތުގެ ޑިސްޓްރިކްޓް ޕޮލިސް އޮފިސަރ ޒާހިދު މަރްވާތު ވިދާޅުވިއެވެ.
އެއްވެސް ޖަމާއަތަކުން މި ހަމަލާތަކުގެ ޒިންމާ އުފުލާފައި ނުވެއެވެ. ނަމަވެސް އެ ސަރަހައްދުގެ ގިނ ބަަޔަކު ބުނާގޮތުގައި ތަހްރީކޭ ޠާލިބާން ޕާކިސްތާން (ޓީޓީޕީ) ގެ ހަރަކާތްތައް އަނެއްކާވެސް ދަނީ އިތުރުވަމުންނެވެ.
ފަތުރުވެރިންގެ މެދުގައި މަގުބޫލު ސަރަހައްދެއް ކަމުގައިވާ ސުވާތަކީ އެއް އިރެއްގައި ޓީޓީޕީ ބާރު ވަރަށް ބޮޑަށް އޮތް ތަނެކެވެ. ނަމަވެސް 2009 އާއި 2018 އާ ދެމެދު ޕާކިސްތާނު ސިފައިން އެ ސަރަހައްދުގައި ހިންގި ބޮޑު އަސްކަރީ އޮޕަރޭޝަނެއްގައި އެ ޖަމާއަތް ވަނީ އެ ސަރަހައްދުން ބޭރުކޮށްފައެވެ.