ސޫދާނުގެ ރައީސު މަގާމުން ދުރުކޮށްފި

ސޫދާނުގެ އާއްމުންގެ ބަޔަކު މިއަދު އަސްކަރީ އުޅަނދެއްގެ މަތީގައި އުފާފާޅުކުރަނީ

ސޫދާނުގެ ރައީސު ޢުމަރު ޙަސަން އަލްބަޝީރު މަގާމުން ދުރުކޮށް އޭނާއާ އަރިސް ބައެއް މީހުން ހައްޔަރުކޮށްފި ކަމަށް އަލްޖަޒީރާ ޓީވީއާއި އަރަބި އެހެން ބައެއް މީޑިއާތަކުން ޚަބަރު ދީފިއެވެ.

ވެރިރަށް ޚުރްޠޫމުން ލިބޭ ޚަބަރުތައް ބުނާ ގޮތުގައި އަލްބަޝީރު ގެކޮޅުގައި މަޑުކުރެއްވުމަށް ސިފައިންވަނީ އަންގަވާފައެވެ. ނަމަވެސް އޭނާ ހުންނެވީ ގޭބަންދުގައި ކަމެއް ޔަގީނެއް ނުވެއެވެ.

މުހިއްމު މަގުތަކާއި، ބުރިޖުތަކުގައި ސިފައިންގެ އުޅަނދުތައް ހަރަކާތްތެރިވަމުން ދާއިރު، ވެރިކަންކުރާ ޕާޓީގެ ރައީސު އަޙްމަދު ހާރޫނާއި، ކުރީގެ ނާއިބު ރައީސު ޢަލީ ޢުޘްމާނު މުޙައްމަދު ޠާހާއާއި، ކުރީގެ ދިފާޢީ ވަ×ޒީރު ވަނީ ހައްޔަރުކޮށްފައެވެ.

މިއަދު ފަތިހުއްސުރެ ސިފައިންގެ އިސްވެރިން ތިބީ ބައްދަލުވުމެއްގައި ކަމަށާއި، ރައްޔިތުންނަށް އިއްވާނެ ބަޔާން ތައްޔާރުކުރުމާއި، އިންތިގާލީ މަރުހަލާގެ ކަންކަން ކުރިއަށް ގެންދާނެ ގޮތާމެދު ސިފައިންގެ ޖެނެރަލުންގެ މެދުގައި މަޝްވަރާކުރަމުންދާ ކަމުގެ ޚަބަރުވެސް ދަނީ ލިބެމުންނެވެ.

ސިފައިންގެ ބަޔާން އިއްވައި މުސްތަގުބަލާ މެދު ގޮތެއް ކަނޑައަޅަންދެން ޚުރްޠޫމުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ބަންދުކޮށް އެއްވެސް މަތިންދާބޯޓެއް ފުރުން މަނާކޮށްފައި ވާއިރު، އަންނަ މަތިންދާބޯޓުތައް ޖެއްސުމުގެ ހުއްދަ ވަނީ ދީފައެވެ.

ސޫދާނުގައި ހާލަތު ބަދަލުވާން ފަށާފައި މިވަނީ ފާއިތުވި ޑިސެންބަރު މަހުއްސުރެ ރައީސު އަލްބަޝީރުއާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ވަރުގަދަވުމުގެ ސަބަބުންނެވެ.

ދައުލަތުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން މިއަދު ހެނދުނު ވަނީ "ސިފައިންގެ ފަރާތުން އާއްމުންނަށް ދޭ ވަރަށް ޚާއްސަ މެސެޖަކަށް" އިންތިޒާރުކުރަން ބުނެފައެވެ. އަދިވެސް އެ މެސެޖު ރައްޔިތުންނަށް ދީފައި ނުވެއެވެ.

ސޫދާނުގެ ރައީސު ވެރިކަމުން މި ދުރުކުރެވުނީ އަލްޖީރިޔާގައި ރައްޔިތުން މެދުނުކެނޑި ކުރަމުން ދިޔަ މުޒާހަރާތަކުގެ ސަބަބުން އެގައުމުގެ ރައީސު ޢަބްދުލް ޢަޒީޒު ބޫތަފްލީޤާ އިސްތިއުފާ ދެއްވިތާ ދިހަ ދުވަސްވެސް ނުވަނީހެވެ. އަލްޖީރިޔާއާއި ސާދާނުގައި ވެރިކަމަށް މިއައި ބަދަލު ގިނަ ބަޔަކު ސިފަކުރަނީ 2010 ވަނަ އަހަރު ޓިއުނީޡޝިޔާއިން ފެށުނު 'އަރަބި ރަބީއު' ގެ ބައެއްގެ ގޮތުގައެވެ. އަލްބަޝީރު ވެގެން ދާނީ އެ 'ރަބީއު' ގައި ވެރިކަމުން ދުރުކުރެވުނު ހަވަނަ އަރަބި ރައީސަށެވެ.

އެންމެ ފަހުން ލިބުނު ޚަބަރުތައް ބުނާގޮތުގައި ސިފައިންދަނީ ޚުރުޠޫމްގެ އުތުރުގައި ރައީސު އަލްބަޝީރުގެ އާއިލާގެ ބޭފުޅުން ދިރިއުޅުއްވާ ގެއެއްގެ ވަށައިގެން ފޯރިމަރަމުންނެވެ.

ސޫދާން ޕްރެފަޝަންލްސް އެސޯސިއޭޝަނުން ދަނީ އާއްމުން ސިފައިންގެ މަރުކަޒުގެ ކުރިމަތީގައި އޮތް މައިދާނަށް އެއްވުމަށް ގޮވާލަމުންނެވެ. އަދި އެ ޖަމްއިއްޔާއިން ބުނެފައިވަނީ ވެރިކަން ވީ އެންމެ އަވަހަކަށް މަދަނީ ސަރުކާރަކާ ހަވާލުކުރަން ޖެހޭނެ ކަމުގައެވެ.

ޢުމަރު ޙަސަން އަލްބަޝީރު ސޫދާނުގެ ރައީސުކަމަށް ވަޑައިގަތީ 30 ޖޫން 1989 ގައި ގެނައި އަސްކަރީ އިންގިލާބެއްގައި އޭރުގެ ބޮޑުވަޒީރު އައްޞާދިޤު އަލްމަހްދީގެ ވެރިކަން ބަދަލުކުރެއްވުމަށްފަހުގައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.