ޙަޤީޤީ ތަރައްޤީ އަކީ ނަފްސަށާއި ޒާތަށް ގެނެވޭ ތަރައްޤީން ޙާސިލް ކުރެވޭ އެއްޗެއް: ރައީސް

އެންމެ ބޮޑު އަމާޒަކީ، ރާއްޖޭގެ އިންސާނީ ވަސީލަތްތައް ކުރިއަރުވައި ތަރައްޤީކުރެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ދަރުބާރުގޭގައި ބޭއްވެވި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2018 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ޤަބޫލުކުރާ ފަލްސަފާއަކީ، ޙަޤީޤީ ތަރައްޤީއަކީ އިންސާނާގެ ނަފްސަށާއި، އޭނާގެ ޒާތަށް ގެނެވޭ ތަރައްޤީން ޙާޞިލް ކުރެވޭނެ އެއްޗެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އެމަނިކުފާނުގެ ސަރުކާރުން، ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު އިންސައްތައެއް، ޚާއްސަ ކުރައްވައިފައިވަނީ ތަޢުލީމަށް ކަމަށެވެ. އެގޮތަށް އެކަން ކުރެއްވީ ޤައުމު ތަރައްޤީކުރެވެން އޮތީ، ތަޢުލީމަށް އިންވެސްޓްކޮށްގެން ކަމަށްވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ މި ރާއްޖޭގެ ތާރީޚުގައިވެސް، ބަޖެޓުގެ މިހާ މަތީ މިންވަރެއް، ތަޢުލީމަށް ޚާއްޞަކުރި ފުރަތަމަ ފަހަރުކަމުގައި ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޒުވާނުންނަށް މަތީތަޢުލީމްދޭން މިސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. މިއީ ރައްޔިތުންނަށްޓަކައި ކޮށްދޭ ހެޔޮ ވެރިކަމެއް ކަމަށާއި މިފަދަ ވެރިކަމެއްގައި ހިލޭ މަތީތަޢުލީމަށް ކިޔެވުމުގެ ފުރުސަތު އޮންނަންވާނެ ކަމަށް ވެސް ވިދާޅުވިއެވެ. ތަޢުލީމު ހޯދުމަށްޓަކައި ދިވެހި ޒުވާނުން ދަރަނިވެރިކުރުމަކީ، އޯގާތެރި ސަރުކާރަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން މިހާރު ވާނީ، ރާއްޖޭގައި ތިބެގެން، ހިލޭ ފުރަތަމަ ޑިގްރީ ޙާޞިލް ކުރެވޭނެ މަގު ފަހިކޮށްދީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް ތިނެއް އިންސައްތައަށް ކުޑަކޮށްދެއްވައިފައެވެ. އަދި ލޯނު ދައްކަންޖެހޭ މުއްދަތު ވެސް މިހާރުވާނީ 25 އިންސައްތަ އިތުރުކޮށްދީފައެވެ.

 އެމަނިކުފާނު ވިދާޅުވިގޮތުގައި، މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ އެންމެ އިސް އެއް އަމާޒަކީ، ތަޢުލީމް ޙާޞިލްކޮށްގެން ނުކުންނަ ކޮންމެ ދަރިވަރަކީ، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވެފައިވާ ޒުވާނަކަށް ހެދުމެވެ. އަދި އެއީ ރާއްޖޭގެ އިޖްތިމާޢީ ފޭރާން ހެޔޮ ކުރުމަށްޓަކައި، ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.