ސޫދާނުގައި ރައީސުގެ އިސްތިއުފާއަށް ގޮވާލައި ކުރާ މުޒާހަރާ ނުހުއްޓި ކުރިއަށް ދަނީ

ސޫދާނު ސިފައިންގެ މައި މަރުކަޒުގެ ކުރިމަތީގައި މުޒާހަރާކުރަނީ

ސޫދާނުގެ ރައީސު ޢުމަރު ޙަސަން އަލްބަޝީރު އިސްތިއުފާދެއްވުމަށާއި، މިނިވަންކަމާއި، އަދުލު އިންސާފާއި، ހަމަހަމަކަން ގާއިމުކުރުމަށް ގޮވާލައި ސޫދާނުގެ އަސްކަރިއްޔާގެ މައި މަރުކަޒުގެ ކުރިމަތީގައި މި އެޕްރީލް މަހުގެ 6 ވަނަ ދުވަހު ކުރަން ފެށި މުޒާހަރާ ނުހުއްޓި އިއްޔެވެސް ކުރިއަށް ދިޔައެވެ.

ރައީސު އަލްބަޝީރުގެ އިސްތިއުފާއަށް ގޮވާލައި ސޫދާނުގައި ކުރިއަށްދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، ސިފައިންގެ މައި މަރުކަޒުގެ ކުރިމަތީގައި ފެށި މުޒާހަރާ ދެވަނަ ދުވަހަކަށް ކުރިއަށް ދާއިރު އާއްމުން ގޮވާލަމުން ދަނީ އާއްމުން ސިފައިންގެ ކޮޅަށް ޖެހުމަށެވެ.

އަލްޖީރިޔާގެ ކުރީގެ ރައީސު ޢަބްދުލްޢަޒީޒު ބޫތަފްލީޤާއަށްވެސް އިސްތިއުފާދެއްވަން މަޖުބޫރުވީ ސިފައިން ރައްޔިތުންގެ ކޮޅަށް ޖެހުމުންނެވެ. ސޫދާނުގައި މުޒާހަރާކުރާ މީހުންނަށް ހިތްވަރު ލިބިފައިވަނީ އެކަމުންނެވެ.

ސޫދާނު ޑޮކްޓަރުންގެ އިއްތިހާދުން ބުނެފައިވާ ގޮތުގައި އެޕްރީލް 6 ވަނަ ދުވަހުގެ މުޒާހަރާގައި 6 މީހުން މަރުވެ އެތައް ބަޔަކަށް ބޮޑެތި އަނިޔާ ވެފައި ވެއެވެ.

މުޒާހަރާތައް ކުރިއަށް ދާއިރު، ސިފައިންގެ ރާގުވެސް ކޮންމެވެސް ވަރަކަށް ބަދަލުވާން ފަށާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. ސޫދާނު ނިއުސް އެޖެންސީން ޚަބަރުދޭ ގޮތުގައި ގައުމީ ދިފާއީ އަދި ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ފަހު އެ މަޖިލީހުން ބުނެފައި ވަނީ މުޒާހަރާކުރާ މީހުންނަކީވެސް ރައްޔިތުންގެ ތެރޭން ބައެއް ކަމަށާއި އެމީހުންގެ އަޑުވެސް އަހަން ޖެހޭނެކަމަށެވެ.

އަލްބަޝީރުގެ 30 އަހުރުވެފައިވާ ވެރިކަމާ ދެކޮޅަށް ފެށިފައިވާ މުޒާހަރާތައް ވަރުގަދަ ވަމުންދާއިރު، އިއްޔެ އެތައްހާސް ބަޔަކު ވެރިރަށް ޚުރްޠޫމުގެ މެދުތެރޭގައި ހުންނަ ރިޔާސީ ގަނޑުވަރުގެ ކުރިމަތީގައި ކޭންޕުޖަހައިގެން ތިބިކަމަށްވެސް މަންޒަރުދުށް މީހުން ބުނެފައި ވެއެވެ.

ތަކެތީގެ އަގުބޮޑުވުމާއި، ކާބޯތަކެތި ލިބުން ދަތިވުމާ ދެކޮޅަށް ފާއިތުވި ޑިސެންބަރު މަހުގެ ތެރޭގައި ފެށުނު މުޒާހަރާތައް ފުޅާވަމުން ގޮސް އަލްބަޝީރުގެ ވެރިކަން ނިމުމަކަށް ގެންނަން ކުރާ މުޒާހަރާތަކަކަށް ވަނީ ބަދަލުވެފައެވެ.

2010 ވަނަ އަހަރު ޓިއުނީޝިޔާގައި ފެށުނު 'އަރަބި ރަބީއު' ގެ ހަރަކާތް އެހެން އަރަބި ގައުމުތަކަށް ފެތުރި އަރަބި ފަސް ގައުމެއްގެ ވެރިކަން ވަނީ ވެއްޓިފައެވެ. ސީރިޔާގެ ވެރިކަން ނުވެއްޓި އެގައުމުގައި ވަނީ ދާޚިލީ ހަނގުރާމައެއް ފެށިފައެވެ.

ސޫދާނުގައި ކުރިއަށްދާ މުޒާހަރާތައް ވަރުގަދަވަމުންދާ ގޮތަށް ބަލާއިރު، ސޫދާނަކީ 'އަރަބި ރަބީއު' ގެ ސަބަބުން ވެރިކަން ބަދަލުވާ ހަވަނަ ގައުމަށް ވުމަކީ ގާތަކަމެއް ކަމުގައި މުހައްލިލުން ދެކެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.