އެޖެންޑާ ނާވާރައިގައި އިތުރު ބޭނުމެއް އޮތިއްޔާ މިޤައުމު ސަލާމަތް ކުރަން އުނދަގޫވާނެ: ސަޢުދު

އަޙުމަދު ސަޢުދު

އެމްޑީޕީގެ އެޖެންޑާ ނަވާރައަކީ ވަކި ބޭނުމެއްގައި ހަދައިގެން ކުރިއަށް ގެންދާ އެއްޗަކަށް ވެއްޖެނަމަ ޤައުމު ސަލާމަތް ކުރަން އުނދަގޫ ވާނެ ކަމަށް ޖުމްހޫރީޕާޓީ (ޖޭޕީ) ގެ ކައުންސިލް މެމްބަރު އަޙުމަދު ސަޢުދު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އޭގެ ބަދަލުގައި އެއީ ސީދާ ރަނގަޅު މަޤުސަދުގައި ހަދައިގެން ރައްޔިތުންގެ ޙައްޤުގައި ތަންފީޒު ކުރާ އެއްޗަކަށް ހަދައިފި ކަމަށްވާނަމަ އެއިން އުފާވެރިކަން ލިބޭނެ ކަމަށެވެ. "ވަކި ބޭނުމަކަށް އެޖެންޑާ 19 ވެއްޖެއްޔާ ދެން ޤައުމު ސަލާމަތް ކުރަން އުނދަގޫވާނެ. އެކަމަކު ސީދާ ރައްޔިތުންގެ ޙައްޤުގައި އެޖެންޑާ 19 ތަންފީޒު ކޮށްފިއްޔާ އުފާވެރިކަން ލިބޭނެ،" އޭނާ ވިދާޅުވިއެވެ.

މިމަހު 6 ވަނަ ދުވަހު ބޭއްވި މަޖިލީސް އިންތިޚާބުގައި އެމްޑީޕީން ވަނީ ސުޕަރ މެޖޯރިޓީ ނަގައިފައެވެ. އެކަމާ ބެހޭ ގޮތުން ސަޢުދު ވިދާޅުވީ މަޖިލިސް މެޖޯރިޓީ ލިބުމަކީ ސަރުކާރު ހިންގަން ފަސޭހަވާނެ ކަމެއް ނޫން ކަމަށެވެ.

ވަކި ބަޔަކަށް މެޖޯރިޓީ ލިބުމަކީ އޭރަކު ރައީސަކަށް ހުންނަވާ ބޭފުޅަކަށް ރަނގަޅުވާ ފަދައިން ނުރަނގަޅުވެސް ވެދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. "މި ދެންނެވީ އެކަން ރިސްކަކަށް ގޮސްފި ކަމަށްވާނަމަ ވަރަށް ޕްރެޝަރު ބޮޑުވާނެޔޭ. ކޮންމެހެން އެހެންވާނެ ވާހަކައެއްވެސް ނޫން މިދެންނެވީ،" ސަޢުދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖޭޕީ އަދިވެސް އޮތީ އަދި އޮންނާނީ ވެސް ސަރުކާރާއެކު ކޯލިޝަންގައި ކަމަށެވެ. އެޕާޓީ މިހާރަށްވުރެ ވަރުގަދަކުރުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.