ޤައުމު ބައިބައިވުމުގެ ފުރުސަތު ނުދެއްވުމަށް ދިފާޢީ ވަޒީރު އިލްތިމާސް ކުރައްވައިފި

ސިޔާސީ ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން ޤައުމު ބައިބައިވެ ފަސާދަވުމަށް ފުރުޞަތު ނުދެއްވުމަށް ދިފާޢީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ ވިދާޅުވީ ދިވެހި ތާރީޚުގެ ތެރެއިން ޢިބްރަތް ހާސިލްކޮށްގެން އެއްވެސް ބަޔަކު ޙަޤީގަތާ ޚިލާފު ވާހަކަ ނުދެއްކުމަށް މިއަދު ޢަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ. ޢަލި ރަސްގެފާނުވެސް ޕޯޗުގީޒުންގެ އަތްދަށުވެ ޝަހީދުވާން ޖެހިވަޑައިގެންނެވީ ބަޔަކު ދެއްކި ދޮގުވާހަކަތަކެއްގެ ސަބަބުން އެ ރަދުންނަށް ޙަޤީގަތް އޮޅިވަޑައިގެންނެވ ހިސާބުންނެވެ.  "އަޅުގަނޑުމެން އެންމެން މިއަދު ޢަޒުމް ކަނޑައަޅަން ޖެހޭ ޤައުމީ މަސްލަހަތަށް ބުރޫއަރާފަދަ ޙަޤީޤަތާ ޚިލާފު ވާހަކަތައް ފެތުރުމާއި ޤައުމުގެ ސުލްޙަ މަސަލަސްކަން ގެއްލުވާލުމަށް ޖާގަ ނުދިނުމަށް،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޤާނޫނުއަސާސީ އިސްލާޙުކޮށް ދިވެހިން އިޚުތިޔާރުކުރީ ވާދަވެރި ސިޔާސީ ޕާޓީތަކެއް ހިމެނޭ ނިޒާމެއް ކަމަށާއި  އެއީ ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ޖާގަދޭ ނިޒާމެއް ކަމަށެވެ. އެ ނިޒާމަށް އެންމެން ބޯލަނބައި ދޮގުވާހަކަ ފެތުރުމުން އެންމެން ދުރުވެ ތިބުމަށް އެކަމަނީ އިލްތިމާސް ކުރެއްވިއެވެ.

"ޢަލި ރަސްގެފާނު ޝަހީދުވި ހިތާމަވެރި ހާދިސާއަކީ ޢިބުރަތުން ފުރިގެންވާ ފިލާވަޅެއް. އަމިއްލަ އެދުންތަކުން ފޯވެފައިވާ ފަރާތްތަކެއް އޭރުވެސް މި ޤައުމުގައި ތިބިކަން ތާރީޚުން ބުނެދޭ. ތާރީޚުން އިނގޭގޮތުގައި އަލިރަސްގެފާނު ޝަހީދުވެގެން ދިޔުމުގައި މެދުވެރިވި ކަންތައްތަކަށް ބަލާއިރު، ދެންނެވެން އޮތީ ދިވެހި ރައްޔިތުންގެ މެދުގައި ޙަޤީޤަތާއި ޚިލާފް ޚަބަރުތައް ފަތުރައި، ރައްޔިތުންގެ ސިކުނޑިތަކަށް ވިސްނައިދީފައިވާ، އައްޔަސް އަނދިރިއަސް ވާނީ އެއްވަރުކަމަށް ބުނެ ދިވެހިންގެ ބަޔަކު ފެތުރި ދޮގު ވާހަކަތައް ބަޔަކަށް ޤަބޫލުކުރެވުމުގެ ނަތީޖާއަކަށްވީ ދިވެހިންގެ ބަޔަކު ޤައުމަށް ޚިޔާނާތްތެރިވުން. އަދި އެހެންމެ ކީރިތި މަހާރަދުންނަށް އޮޅުވާލައި، ދޮގު ދަންނަވައިގެން އަމާން ދެއްވުމަށް މަޖުބޫރު ކުރުވުން،" އެކަމަނާ ވިދާޅުވިއެވެ.

އެކަމުގެ ޙަޤީޤަތް އެނގިވަޑައިގެންނެވުމުން، ޢަލި ރަސްގެފާނު ނިންމެވީ ގިނިކަންޏާ ނަމަވެސް ދީނާއި ވަޠަނުގެ ޙައްޤުގައި ދުޝްމަނުންނާ ކުރިމަތިލައްވަން ކަމަށާއި ޕޯޗުގީޒުންނާ ކުރެއްވި  އެ ހަނގުރާމައިގައި އެ ރަދުންނާއި، އެ ރަދުންގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުން ވަނީ ޝަހީދުވެވަޑައިގެންފައެވެ.

ޝަހީދުންގެ ދުވަހަކީ ޝަޢުބާން މަހުގެ 1 ވަނަ ދުވަހެވެ. އެދުވަސް ނިސްބަތްވަނީ ޢަލި ރަސްގެފާނު ޕޯޗުގީޒުންނާ ދެކޮޅަށް ދީނާއި ވަޠަނުގެ ޙައްޤުގައި ޖިހާދު ކުރައްވައި ޝަހީދުވެ ވަޑައިގެންނެވި ޢަލިރަސްގެފާނަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.