އައްޑޫސިޓީ ސިޓީ ސްކުއަރ ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފި

އައްޑޫ ސިޓީ ސްކުއެރ ތަރައްޤީކޮށް އެސަރަހައްދު ޒީނަތްތެރިކުރުމުގެ މަސައްކަތް ކައުންސިލުން ރަސްމީކޮށް މިއަދު ފަށްޓަވައިފިއެވެ.

 ސިޓީ ސްކުއެރ ސަރަޙައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިމަސައްކަތް ރަސްމީކޮށް ފަށްޓަވައި ދެއްވީ އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ޞާދިޤެވެ.

ސިޓީ ސްކުއެރ ތަރައްޤީކުރުމުގެ މަސައްކަތް ފަށްޓަވައި ދެއްވުމުގެ ހަފުލާގައި  ވާހަކަފުޅު ދައްކަވަމުން މޭޔަރ ވިދާޅުވީ ސިޓީ ސްކުއަރ ތަރައްޤީ ކުރުމުގެ މިމަޝްރޫޢުއަކީ ސަރުކާރުން އައްޑޫގެ ތަރައްޤީ ކުރައްވަންހުރި ކަންކަމުގެ ފެށުން ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެހެނިހެން ގިނަ މަޝްރޫޢުތަކެއް ފެށިގެން ދާނެ ކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.

ސިޓީ ސްކުއެރ ތަރައްޤީކޮށް އައްޑޫގެ ތަރައްޤީއަށް އަށް ހިންގޭ ބޮޑެތި މަޝްރޫޢުތައް ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ އައްޑުއަށް ކުރެއްވި ދަތުރުފުޅެއްގައި ވިދާޅުވެފައެވެ.

ސިޓީ ސްކުއެރ އަކީ ހިތަދޫ ރައްޔިތުންނަށް ވަރަށްމުހިންމު ތަނެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ތަނެކެވެ. ރައީސް ޔާމީންގެ ސަރުކާރުގެ އެންމެ ފަހުވަގުތުގައިވަނީ އެތާގައި ޖަހައިފައިވާ ދިދަ ދަނޑިއާ ބުޑާއެއްކޮށްނަގައިފައެވެ. އެހެންނަމަވެސް މިސަރުކާރު ވަޑައިގެން އެކަން އަލުން އައްޑޫރައްޔިތުންނަށް މިވަނީ ކޮށްދެއްވަން ފަށްޓަވައިފައެވެ.

އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނާ ޖެހިގެން އައްޑޫ ސްޓޭޓް ހައުސް ކުރިމަތިން އޮތް ބިމުގައި ސިޓީ ސްކުއަރ ފުރަތަމަ ހަދާފައިވަނީ 2011 ވަނަ އަހަރު ސާކު ސަމިޓާއި ގުޅުވައިގެން ރައީސް ނަޝީދުގެ ވެރިކަމުގައެވެ. ސިޓީ ސްކުއަރ ހެދުމަށް ފަހު އެއަހަރުގެ ޖުމްހޫރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު އެތާ ބާއްވާފައިވެއެވެ.

ސިޓީ ސްކުއެރ ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ކުރެވޭ މަސައްކަތަކީ ސިޓީ ސްކުއެރ ގެ ބޮޑު ދިދަ އަލުން ނެގުމުގެ މަސައްކަތެވެ. މިމަސައްކަތުގެ އަމަލީ މަސައްކަތް މިހާރުވެސް ވަނީ ފެށިފައެވެ. މިމަސައްކަތް ނިމުނުހާ އަވަހަކަށް ވަރަށް ޚާއްސަ ރަސްމީއްޔާތަކާއެކު ކޯއްޓޭއަށް ދިދަ ނެގޭނެއެވެ. އަދި އެބޮޑު ދިދަ އައްޑޫ ޖައްވުގައި އަލުން ވިހުރޭތަން ވަރަށް އަވަހަށް ފެންނާނެ ކަމަށް ވެސް ސިޓީކައުންސިލުން ވިދާޅިއެވެ.

އައްޑޫ ސިޓީގެ ޑެޕިޔުޓީ މޭޔަރު މުޙައްމަދު ޔަސްރިފް މިއަދު ވިދާޅުވީ އެތަން ތަރައްޤީކުރާނީ ކުދިބޮޑު އެންމެހާ ރައްޔިތުންނަށް ހިތްފަސޭހަ ޕާކެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ފެހިގަސްތަކާއި، ހިތްހަމަޖައްސާލަން އިށީންނާނެ ތަންތަނާއި ކުޑަކުދިން ކުޅޭނެ ތަންތަނާއި ފެންއަރުވާ ވަޑާމެއް އެތަނުގައި ޤާއިމްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ އިތުރަށް ލައިސަންސް ނަގާ މީހުންނަށް ޚާއްސަ ޑްރައިވިން ޓްރެކަކާއި، ހެލިކޮޕްޓަރު ޖައްސާނެ ހެލިޕޭޑެއްވެސް އެތާގައި ތަރައްޤީ ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރަށް އެތަނުގައި ބައެއް ކަހަލަ ބައްދަލުވުންތަކާއި ޖަލްސާތައް ވެސް ބޭއްވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. "މިތަން ނިމޭއިރު އޮންނާނީ ހިތްފަސޭހަ ބޮޑު ޕާކެއްގެ ގޮތުގައި،" ޔަސްރިފް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.