ނަޒާޙަތްތެރި މަޖިލީހެއް އޮތުމަކީ ހެޔޮވެރިކަމަކަށް ކޮންމެހެން ބޭނުން ކަމެއް: ރައީސް

ރައްޔިތުންނަށް ހެޔޮވެރި ކަމެއް ކޮށްދެއްވުމަށްޓަކައި މަޖިލީހުގެ އަޣުލަބިއްޔަތާއެކު ނަޒާޙަތްތެރި ރައްޔިތުންގެ މަޖިލީހެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އާޓިފިޝަލް ބީޗު ސަރަޙައްދުގައި ރޭ ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވަޑައިގެންނެވީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެއްވުމަށް ކަމަށެވެ. "އަޅުގަނޑުމެންނަށް މިއަދު ބޭނުންވާ ކަމަކީ ރައްޔިތުންގެ މަޖިލީހަކީ ނަޒާޙަތްތެރި ތަނެއްގެ ގޮތުގައި އޮތުން. ނަޒާހާތްތެރި މެމްބަރުންނަކީ ހަމައެކަނި ފައިސާއަށް ނުވިކޭ މީހުންނެއް ނޫން.  ނުފޫޒެއްގައި ވެސް ޖެހިގެނެއްނުވާނެ،" ރައީސް ވިދާޅުވިއެވެ.

ހެންވޭރު 4 ދާއިރާއަށް ކުރިމަތި ލައްވައިފައިވާ 4 ކެންޑިޑޭޓުންނަކީ އެއްވެސް ނުފޫޒެއްގައި ނުޖެހި ރައްޔިތުން ބުނާ ގޮތަށް ޢަމަލު ކުރައްވާނެ ބޭފުޅުން ކަމަށް ރައީސް ވިދާޅުވިއެވެ. އެ ކެންޑިޑޭޓުންނަކީ ހެންވޭރު އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އިބްރާހީމް މުޢީޒު، ހެންވޭރު ހުޅަނގުދާއިރާއަށް އަލްއުސްތާޒު ޙަސަން ލަތީފް، މެދު ހެންވޭރުދާއިރާއަށް ކުރިމަތި ލައްވާފައިވާ ޢަލީ ޢާޒީމް، ހެންވޭރު ދެކުނަށް ކުރިމަތި ލައްވައިފައިވާ ޙުސައިން ޝިޔާމެވެ.

ރައީސް ވިދާޅުވީ އެންމެވޯޓަކުން ވެސް ނަތީޖާ ބަދަލުވެދާނެކަން މާޒީން ފެންނަން އެބައޮތް ކަމަށެވެ. އެހެންވީމާ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގައި ހެނދުނުހެނދުނާ ވަޑައިގެން ފަރުވާ ކުޑަނުކޮށް ވޯޓު ލުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ. މަޖިލީސް އިންތިޚާބުގައި އެމްޑީޕީއަށް ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.