ޕްރިންސް ހެރީ އާއި މެގަން އިންސްޓެގްރާމް އެކައުންޓެއް ހުޅުއްވައިފި

ޕްރިންސް ހެރީ އާއި މެގަން މާކެލް އަންގާރަ ދުވަހު އިންސްޓެގްރާމް އެކައުންޓެއް ހުޅުއްވައިފިއެވެ. ހެރީ އާއި މެގަން ގުޅިވަޑައިގެން ހުޅުއްވި އިންސްޓެގްރާމް އެކައުންޓު ހުޅުއްވާފައިވަނީ 'ސަސެކްސް ރޯޔަލް' ގެ ނަމުންނެވެ.

އެކައުންޓު ހުޅުއްވުމަށްފަހު، ދެ ބޭފުޅުން އެކުގައި ބައިވެރިވެ ވަޑައިގެންނެވި ރަސްމީ ބައެއް ހަރަކާތްތަކުގެ ފޮޓޯފުޅުތައް ވެސް ވަނީ ހިއްސާ ކުރައްވާފައެވެ. މި ފޮޓޯފުޅުތަކަކީ މި ދެ ބޭފުޅުންގެ އިންސްޓެގްރާމުގެ ފުރަތަމަ ޕޯސްޓެވެ.

އެ ޕޯޓުގައި، "އަޅުގަނޑުމެންގެ ރަސްމީ އިންސްޓެގްރާމް އަށް މަރުޙަބާ. ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެން ބައިވެރިވާ މަސައްކަތް ތަކާއި، އަޅުގަނޑުމެން ހިތްވަރު ދޭ ކަންކަން ހިއްސާ ކުރަމުން ގެންދާނަން. އަދި ޚާއްސަ ދެންނެވުންތަކާއި، މުހިއްމު މައްސަލަތަކަަށް އަލިއަޅުވާނަން. ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަން. އަދި 'ސަސެކްސް ރޯޔަލް' އަށް މަރުޙަބާ" މިހެން ލިޔުއްވައި ދެ ބޭފުޅުންގެ ނަންފުޅު ޖައްސަވާފައި ވެއެވެ.  

މެގަން އާއި ހެރީ ކައިވެނި ކުރެއްވީ 2018ވަނަ އަހަރުގެ މޭ މަހު އެވެ. މެގަން މިހާރު އިންނެވީ އާލާސްވެއެވެ. ރައްކާވެވަޑައިގަންނަވާނީ މި އޭޕްރީލް މަހު އެވެ.

ހެރީ އާއި މެގަން އިންސްޓެގްރާމް އެކައުންޓު ހުޅުއްވިކަން އިއުލާން ކުރައްވާފައިވަނީ ޝާހީ އާއިލާގެ ރަސްމީ މީސްމީޑިއާ ގައެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.