ޕްރިޔަންކާގެ ކައިވެނީގެ ރަސްމިއްޔާތުގައި މެގަން ބައިވެރިވެވަޑައި ނުގަންނަވާނެ

ޕްރިންސް ހެރީގެ އަނބިކަނބަލުން މެގަން މާކެލް އާއި ޕްރިޔަންކާ ޗޯޕްރާ އަކީ ގާތް ދެ އެކުވެރީންނެވެ. ޕްރިޔަންކާ އާއި ލޯބިވެރިޔާ ނިކް ޖޮނަސް ޑިސެންބަރު މަހުގެ ދެވަނަ ދުވަހު ރާޖިސްތާންގައި ކާވެނި ކުރުމަށް ވަނީ ހަމަޖެހފިައެވެ. ޕްރިޔަންކާގ މެހްމާނުންގެ ލިސްޓުގައި މެގަން ނަންފުޅު އޮތް ނަމަވެސް ކާވެނިގެ ރަސްމިއްޔާތުގައި އެކަމަނާއަށް ބައިވެރިވެވަޑައެއް ނުގެންނެވެއެވެ.

މެގަން އަކީ މިހަރު ޝާހީ އާއިލާގެ މެންބަރަކަށް ވާތީ އެކަމަނާ އިންޑިއާއަށް ވަޑައިގަންނަވާނަމަ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހެއެވެ. ސަލާމަތީ ސަބަބުތަކާއި، އަދި ފުރަތަމަ ދަރިފުޅަށް އާލާސްވެ އިންނެވުމުން ބެލެވޭ ގޮތުގައި އެކަމަނާ އިންޑިއާ އަށް ވަޑައެއް ނުގަންނަވާނެއެވެ. ފިރިކަލުންނާ އެކު މިދިޔަ މަހު އޮސްޓްރޭލިއާ އައި ނިއުޒީލެންޑާއި ފިޖީ އަދި ޓޮންގާ އަށް ކުރެއްވި ޝާހީ ފުރަތަމަ ދަތުރުފުޅުގައި ވެސް ރަސްމީ ބައެއް ހަރަކާތްތަކުގައި އެކަމަނާ ބައިވެރިވެވަޑައެއް ނުގަންނަވައެވެ.  

ޝާހީ އާއިލާ އިން މެގަން އާލާސްވެ އިންނެވި ކަން އިއުލާން ކުރެއްވި އިރު ހެރީ އާއި މެގަން ބައިވެރިވެ ވަޑައިގަންނަވާ ޝާހީ ހަރަކާތްތައް މަދު ކުރައްވާނެ ކަމަށްވެސް އިއުލާން ކުރައްވާފައިވެއެވެ.  

ޕްރިޔަންކާ ވަނީ މެގަންގެ ކާވެނިގެ ރަސްމިއްޔާތުގައި ބައިވެރިވެފައެވެ. ޕްރިޔަންކާގެ ކާވެނީގެ ރަސްމިއްޔާތު އޮންނާނީ ޖޯދްޕޫރްގެ އުމެއިދް ބަވާން ޕެލެސް ހޮޓެލްގައެވެ. ކާވެނީގެ ހަފްލާއަށް ދައުވަތު ދެނީ އާއިލާ އާއި ރަހްމަތްތެރިން ހިމެނޭ ގޮތަށް 200 މީހުންނަށެވެ.

އެމެރިކާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕްރިޔަންކާ އާއި ނިކް ޖޮނަސް ވަނީ ބެވަރލީ ހިލްގެ ކޯޓަކުން މެރިޖް ލައިސެންސް ހޯދާފައެވެ. އަދި ވަރަށް އަވަހަށް މުމްބައީ އަށް ދާނެ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.