އިދިކޮޅު މެމްބަރުން މަދުވުމުގެ އަސަރު މަޖިލީހުން ފެންނާނެ: ޑރ. ޚަލީލް

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެމްބަރުން މަދުވުމުގެ ނޭދެވޭ އަސަރު މަޖިލިސް ތެރެއިން ފެންނާނެ ކަމަށް ފ. ނިލަންދޫ ދާއިރާގެ މަޖިލިސް ގޮނޑި މިހާރު ފުރުއްވަމުން ގެންދަވާ ޑރ. ޢަބްދު ﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މަޖިލީސް އިންތިޚާބުގައި އެމްޑީޕީން ވަނީ އިދިކޮޅު ޕާޓީތައް ބަލިކޮށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ނަގައިފައެވެ. 87 ގޮނޑީހެ ތެރެއިން އެމްޑީޕީން ވަނީ 65 ގޮނޑި ކަށަވަރު ކޮށްފައެވެ. އޭގެ ނޭދެވޭ އަސަރު މަޖިލީހުން ފެންނާނެ ކަމާމެދު އެއްވެސް ޝައްކެއްނެތް ކަމަށް ޚަލީލް ވިދާޅުވިއެވެ.

"އިދިކޮޅު މެމްބަރުން މަދުވީމައި އޭގެ އުނިކަން މަޖިލީހުން ފެންނާނެ ކަމާމެދު ޝައްކެއްނެތް. އެކަމަކު އިދިކޮޅު މެމްބަރުން މަދުވުމަށްވުރެ މިހާރު ބަލަންޖެހޭނީ ސަރުކާރުން ވަޢުދުތައް ފުއްދަނީ ކިހާވަރަކަށްތޯ މިހާބޮޑަށް މެންޑޭޓު ލިބުނީމާ. ދައުލަތް ހިންގުމަށް މިހާބޮޑު މެންޑޭޓު ލިބުނީމާ ވަޢުދުތައް ފުއްދާ މަންޒަރު ފެނުން މިހާރު މުހިންމު ކަމަކަށްވާންޖެހޭނީ. ދެން ގޯހުންދާ ކަމަށްވާނަމަ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ އަޑު މަޑުވިކަމަށް ވިޔަސް ރައްޔިތުން ނުކުމެ ބަސްބުނާނެ،" އޭނާ ވިދާޅުވިއެވެ.

ޑރ. ޚަލީލް އެހެން ވިދާޅުވިޔަސް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ މަޖިލީހުގެ މެޖޯރިޓީގެ ބޭނުން ހިއްޕަވާނީ ވިސްނުންތެރިކަމާއެކުގައި ކަމަށެވެ. މެޖޯރިޓީގެ ބޭނުން ހިއްޕަވާނީ ހަމަ ގޮތުގައި އިންސާފުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިދިކޮޅު މެމްބަރުނަށް ވެސް އެމީހުންގެ ބަސް ބުނުމުގެ ފުރިހަމަ ވަގުތު ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.