އަޅުގަނޑާއި އެހެން ކެންޑިޑޭޓުންގެ ތަފާތަކީ ތެދުވެރިކަން: ޔަޢުޤޫބު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދާންދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ޔަޢުޤޫބު ޢަބްދުﷲ އަކީ ޢަޒުމް ވަރުގަދަ ބުނާބަހުގައި އިތުބާރު ހިފޭ ބޭފުޅެކެވެ. މިއީ ސްކޫލް ދައުރުން ފެށިގެން މިކަން އޮތްގޮތެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ހުވަފެނަކީ ވަރަށްކުރިން ފެށިގެން އޭނާ ދެކެމުން އައި ހުވަފެނެކެވެ. އެހެން ނަމަވެސް މިހާތަނަށް މަޖިލީހަށް ކުރިމަތި ނުލައްވައި ހުންނެވީ މަޖިލީހުގެ ތެރެއިން ކޮރަޕްޝަން ހިންގާކަމުގެ ތުހުމަތު މީހުން ކުރާތީ އެފަދަ ކަމެއްގެ ތުހުމަތުވެސް އޭނާގެ މައްޗަށް ވިޔަނުދިނުމަށެވެ. އެހެންނަމަވެސް މިފަހަރު އެމްޑީޕީއަށް ވެރިކަން ލިބުމުން މަޖީލިސް ތެރެއިން ކޮރަޕްޝަން ހުއްޓޭނެ ކަމަށް އޭނާ އުންމީދު ކުރައްވައެވެ. އިންކަމް ޓެކްސް ތަޢާރަފް ކޮށްގެން މާލީ ނަޔާންތައް ހުށަހަޅަން މަޖުބޫރުވުމުން އެކަންކަން ހުއްޓޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

މަޖިލީހަށް ކުރިމަތި ލެއްވި މަޤުސަދަކީ ކޮބާ؟

ޔަޢުޤޫބު ވިދާޅުވި ގޮތުގައި އޭނާ މަޖިލީހަށް ވަޑައިގަންނަވަން ބޭނުފުޅުވި ހަމައެކަނި ބޭނުމަކީ ވައްކަމާއި ކޮރަޕްޝަން ހުއްޓުވުން ކަމަށެވެ. "ވައްކަމާއި ކޮރަޕްޝަން ހުއްޓުވުން އަޅުގަނޑުގެ އެންމެބޮޑު އަމާޒަކީ. އިތުރު އެއްވެސް މަޤުސަދެއްނެތް،" އޭނާ ވިދާޅުވިއެވެ. ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމުގެ މަސައްލަތް އޭނާކުރައްވާނީ އެމްޑީޕީއަށް ނިސްބަތްވާ އެހެން މެމްބަރުންނާ ވެސް ގުޅިގެންނެވެ. އެންމެން އެއްރޫޙެއްގައި މަސައްކަތް ކުރައްވަން ފެއްޓެވުމުން މަޖިލީސްތެރެއިން ވައްކަމާއި ކޮރަޕްޝަން ފޮހެލެވޭނެ ކަމަށާއި އެކަމުގެ ފޯމިޔުލާ ވެސް އޭނާގެ އަތުގައި އެބައޮތް ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެޖެންޑާ 19 ގައި ހިމެނޭ ޓެކްސް ޕޮލިސީގެ ތެރެއިން ރާއްޖެއަށް އިންކަމް ޓެކްސް ތަޢާރަފް ކުރުމުން ވައްކަމާއި ކޮރަޕްޝަން ހުއްޓުވޭނެ މަގުތައް ވަރަށް ސާފުކޮށް ފެނިގެންދާނެ ކަމަށެވެ. ޓެކްސް ޕޮލިސީގެ ދަށުން އެމީހެއްގެ މާލީބަޔާންތައް ހާމަކޮށް ފައިސާ ލިބުނުގޮތް އެބަޔާނުގައި ކިޔައިދޭންޖެހޭނެއެވެ. "މިހާރު އޮންނަ ގޮތުން ކިތަންމެ ފައިސާއެއް އަތުގައި ހުއްޓަސް އެއީ ކިހިނެއް ލިބުނު އެއްޗެއް ކަމެއް ހާމަކުރާކަށް ނުޖެހޭ. އެހެންނަމަވެސް ޓެކްސް ޕޮލިސްގެ ދަށުން އިންކަމް ޓެކްސް ތަޢާރަފްކޮށް އެކަމާބެހޭ ޤާނޫނުތައް ހެދުމުން އެމީހެއްގެ އަމިއްލައަށް އެމީހަކަށް ފައިސާ ލިބުނުގޮތް ހާމަކުރަންޖެހެނޭ. އޭރު ނުޖެހޭނެ ނުހަމަ ގޮތުގައި ހޯދާފައިވާ ފައިސާ ގޮދަޑިދަށުގައި ބާއްވައިގެން އުޅޭކަށް،" ޔަޢުޤޫބު ވިދާޅުވިއެވެ. އެގޮތަށް ހެދުމުން ވައްކަމާއި ކޮރަޕްޝަންގެ ޢަމަލުތައް ހިންގަން ފުރުސަތު ހަނިވެ އެކަންކުރާ މީހުންނަށް ވަރަށް އުދަގޫ ހާލަތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެޖެންޑާ 18 ގައި ހިމެނޭ ޓެކްސް ޕޮލިސީގެ ދަށުން އިންކަމް ޓެކްސް ނަގަން ފެށުމުން ވައްކަމާއި ކޮރަޕްޝަން ހިންގަން ވަރަށްބޮޑަށް ދަތިވާނެ ކަމަށް ބައެއް މެމްބަރުންނަށް މިހާރުވެސް އެނގޭ ކަމަށް ޔަޢުޤޫބު ވިދާޅުވިއެވެ. "މަނީ ލޯންޑަރިންނާއި ކަޅުފައިސާގެ ޙަރަކާތްތަކަށް ވަރަށްބޮޑު ހުއްޓުންތަކެއް އަންނާނެކަން ބައެއް މެމްބަރުންނަށް މިހާރުވެސް އެނގޭ،" ޔަޢުޤޫބު ވިދާޅުވިއެވެ.

އެހެން ކެންޑިޑީޓުންނާ ހުރި ތަފާތަކީ ކޮބާ؟

ޔަޢުޤޫބު ވިދާޅި ގޮތުގައި ދާންދޫ ދާއިރާއަށް ކުރިމަތި ލައްވައިފައިވާ އެހެން ކެންޑިޑޭޓުންނާއި އޭނާއާ ހުރި ތަފާތަކީ އޭނާ ތެދުވެރި ވުމެވެ. "އެހެން ކެންޑީޑޭޓުންނާއި އަޅުގަނޑާ ހުރި ތަފާތަކީ އަޅުގަނޑު ތެދުވެރިވާނެ. ބައެއް މެމްބަރުން ސަރުކާރު ތެރެއިން ދާއިރާގެ ރަށްރަށަށް ތަރައްޤީ ހޯދަން މަސައްކަތް ކޮށްފި ކަމަށްވާނަމަ އެމީހުން ބޮޑުކުރަނީ އަމިއްލަ މުހުތާދު. ދެވަނައަށް މިއޮންނަނީ އެކުރަން އުޅޭކަމަކަށް ވިސްނާފައިވެސް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވަނަސް އޭނާގެ އަމިއްލަ އެޖެންޑާއެއް ނޯންނާނެ ކަމަށެވެ. އެހެންނަމަވެސް މަޖިލީހުގައި އިންނަވައިގެން ދާއިރާގެ ތަރައްޤީއަށް ސަރުކާރު މެދުވެރިކޮށް ކުރަންޖެހޭ ކަންކަން ކުރުމަށް ގަދައަޅައި މަސައްކަތް ކުރާ ކަމަށްވާނަމަ އެކަން ނުކުރައްވައި ދޫކޮށްލައްވަން ސަރުކާރަށް ވެސް އުދަގޫވާނެ ކަމަށް ވިދާޅުވިއެވެ.

މަޖިލީސް ތެރެއިން ވައްކަމާއި ކޮރަޕްޝަން ހުޓުވޭނެ ކަމުގެ ޔަޤީންކަމާއި އެކަކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބަސްތަކަށް މިހާރުން ފެށިގެން ފާރަލުމަށާއި އެކަންކަން ނުކުރެވިއްޖެ ކަމަށްވާނަމަ މަޖިލީހުން އިސްތިއުފާ ވެސް ދެއްވަން ފަސްނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާއާމެދު ދާންދޫ ދާއިރާގެ ރަށްރަށުގެ މީހުންގެ ހިތުގައި މިހާރުވެސް ވަރުގަދަ އިތުބާރެއް އޮންނަކަމަށާއި ޚާއްސަކޮށް ދާންދޫ މީހުންގެ ހިތުގައި އެއިތުބާރު ބޮޑު ކަމަށް ޔަޢުޤޫބު ވިދާޅުވިއެވެ. އޭނާއަކީ ރައްޔިތުންގެ މަޖިލީހަށް މިފަހަރު ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ވަރުގަދަ ކެންޑިޑޭޓު ކަމަށް ގިނަ މީހުން މިހާރުވެސް ބުނަން ފަށައިފައެވެ. އިރާދަ ކުރެއްވިއްޔާ މަޖިލީހަށް ހޮވިގެން ޢަމަލު ކުރައްވާނެ ގޮތުގެ އިންތިޒާރުގައި ތިބެމާ ހިނގާށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.