ސަރުކާރުގެ ވަޢުދުތައް ނުފުއްދާ ކަމަށްވާނަމަ ޕާޓީއަކު ނުހުންނާނަން: ކާރިމް

ނައިފަރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މުޙައްމަދު ކާރިމްގެ ވާހަކަ ވަރަށް ސާފެވެ. އޭނާގެ މެސެޖު ވަރަށް ކުރުވެފައި ވަރުގަދައެވެ. ދާއިރާގެ ރައްޔިތުންނާ އޮތް ގުޅުން ހާމަވެއެވެ. "ސަރުކާރުން ނައިފަރުދާއިރާއަށް ވެވަޑައިގެންފައިވާ ވަޢުދުތައް ނުފުއްދަވާ ކަމަށްވާނަމަ އަޅުގަނޑު އެމްޑީޕީއަކު ނުހުންނާނަން. އަޅުގަނޑަކީ ރައްޔިތުންނަށް މަކަރުހަދައި އޮޅުވާލާނެ މީހެއްނޫން. އަބަދުވެސް ހުންނާނީ ރައްޔިންގެ ފަޅީގައި،" އޭނާ ވިދާޅުވިއެވެ.

ކާރިމަކީ ފެށުނީއްސުރެން އިސްލާހީ މަސައްކަތުގައި ޙަރަކާތްތެރިވަމުން ގެންދަވާ ޙަކަތަހުރި ޙަރަކާތްތެރި ޒުވާނެކެވެ. އޭނާގެ މަސައްކަތުން މުޅިނައިފަރުވަނީ ބަދަލުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުވެސް ވަނީ ފާހަގަ ކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ނައިފަރު ބަދަލުވީމާ މުޅި ރާއްޖެ ބަދަލުވީ ކަމަށެވެ. އެކަން ކުރެއްވި މޭސްތިރިއަކީ ކާރިމް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މަޖިލީހަށް ކުރިމަތިލީ ކީއްވެ؟

ރައްޔިތުންގެ މަޖިލީހުގެ ނާއިފަރުދާއިރާއަށް ކާރިމް ވާދަކުރައްވަނީ ދާއިރާގެ ރައްޔިތުންނަށްޓަކައި ރައްޔިތުން އެދިގެންނެވެ. ދާއިރާގެ ތައްރީގީއަށްޓަކައެވެ. މުޅިރާއްޖެ އެއްޒަމާނެއްގައި ފަޚުރުވެރިވި ތަޢުލީމީ ބިނާ ކަމަށްވާ މަދުސަރަތުލް އިފްތިތާޙަށްޓަކައެވެ. ނައިފަރުގެ ފަޚުވެރި މަސްވެރިންނަށްޓަކައެވެ. ޒުވާނުންނާއި ކުޑަކުދިންނާއި ޢުމުރުން ދޮށީ މީހުންނަށްޓަކައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދުތައް ފުއްދެވުމަށް އެހީތެރިވެ ދެއްވުމަށެވެ. އެޖެންޑާ 19 ފުރިހަމަ ކޮށްދެއްވުމަށެވެ. ޚާއްސަކޮށް ނައިފަރަށް ވެވަޑައިގެންފައިވާ ވަޢުދުތައް ޙަޤީގަތަކަށް ހެދުމަށް މަސައްކަތް ކުރެއްވުމަށެވެ.

ކާރިމް މަޖިލީހަށް ހޮވަންވީ ކީއްވެ؟

ކާރިމް ވިދާޅުވީ އޭނާއަށް ނައިފަރުގެ ހުރިހާ ރައްޔިތުންގެ އިޙުސާސްތައް އެނގިވަޑައިގަންނަވާ ކަމަށެވެ. އެ އިޙުސާސް އެނގިވަޑައިގަންނަވާ ހަމައެކަނި ކެންޑިޑޭޓަކީ އޭނާ ކަމަށް ވެސް ވިދާޅުވިއެވެ. "ނައިފަރު ރައްޔިތުންގެ ހުރިހާ އިހުސާސެއް ދަންނަ ހަމައެކަނި މީހަކަށް ނައިފައިރު މިވަގުތުހުރީ އަޅުގަނޑު އެކަނި. އަޅުގަނޑު ނުވަންނަ ގެއެއް ނައިފައިފަރުގައި ހުންނާނެ. ނައިފަރުގައި ދިރިއުޅޭ މީހުންގެ ތެރެއިން ބައްދަލުނުވާ މީހަކު ނުހުންނާނެ. އެހެންވީމާ އެމީހުންގެ އިހުސާސްތަކާއި އެމީހުންގެ ކެކުޅުންތަކާއި ބޭނުންވާ އަސާސީ ކަންކަން އެންމެ ރަނގަޅަށް ދެނެހުރި މީހަކީ އަޅުގަނޑު،" ކާރިމް ވިދާޅުވިއެވެ.

ނައިފަރު ކައުންސިލްގެ ރައީސްގެ ޙައިސިއްޔަތުންނާއި އެދާއިރާގެ އެމްޑީޕީގެ ރައިސްގެ ޙައިސިއްޔަތުން އޭނާ ވަނީ  މިސަރުކާރުގެ މެނިފެސްޓޯގައި ހިމެނުމަށްޓަކައި ނައިފަރު ރައްޔިތުންގެ އިހުސާސްތައް ސަރުކާރާ ޙިއްސާކޮށްފައެވެ. އޭގެތެރޭގައި ބޯހިޔާވަހިކަމާއި މަސްވެރިކަމާއި، ތިމާވެއްޓާއި އިޖުތިމާޢީ އަދި އިޤްތިސާދީ ގޮތުން ނައިފަރަށް ބޭނުންވާ ހުރިހާ ކަމެއް ހިމެނިފައިވާނެ ކަމަށް ކާރިމް ވިދާޅުވިއެވެ.

"އެހެންވީމާ މެނިފެސްޓޯގައި ނައިފަރަށްހުރި ކަންކަން ގެނައުމަށްޓަކައި އެކަންކޮށްދެވޭނެ ނުވަތަ ބާރުއެޅޭނެ ހަމައެކަނި މީހަކީ އަޅުގަނޑު ކަމަށްވާތީ އަޅުގަނޑު މަޖލިހަށް ކުރިމަތިލީ. ސަރުކާރުގެ ކެންޑިޑޭޓަކަށް ނޫނިއްޔާ ދާއިރާއަށްހުރި ކަންކަން ހަގީގަތަކަށް ހެދުމަށް ވަކާލާތުކޮށް ނުވަތަ ސަރުކާރާ ގުޅިގެން އެކަންކަން ކުރަން ފަސޭހަވާނެ ކަމަށް އަޅުގަނޑު ޤަބޫލެއްނުކުރަން،" އޭނާ ވިދާޅުވިއެވެ.

ނައިފަރުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ފެށިތާ މިއީ ތިންވަނަ އަހަރެވެ. އަށާރަ މަހުން ނިންމަން ބުނި މަސައްކަތް އަދިވެސް ނުނިމެއެވެ. "އެމަސައްކަތް ވެސް ނިންމުމަކީ އަޅުގަނޑު ބާރުއަޅާނެ ކަމެއް. ނައިފަރުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި ސަރުކާރުން މިހާރުވެފައިވާ ވަޢުދު ފުއްދުމަށް އަޅުގަނޑު ބާރު އަޅާނަން މަޖިލީހުގައި އިނދެގެން،" އޭނާ ވިދާޅުވިއެވެ.

ނައިފަރު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންކަމުގެ ތެރޭގައި ހިމެނޭ އެއްކަމަކީ އެރަށުގައި ސިޙީ ޚިދުމަތް ލިބޭނެ ރަނގަޅު ނިޒާމެއް ޤާއިމް ކުރެވުމެއެވެ. އެރަށުގެ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރެއްވުމަކީ ސަރުކާރުގެ ވަޢުދެކެވެ. އެކަން ކުރުމަށް ސަރުކާރުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށް ކާރިމް ވިދާޅުވިއެވެ.

"ނަފައިރު ތަޢުލީމީ ނިޒާމް މިހާރުވަނީ ވަޅުޖެހިފައި. މަދުރަސަތުލްއިފްތިތާހަކީ ކުރީ ޒަމާނުން ފެށިގެން ތަޢުލީމީ ދާއިރާގައި ފަވާލެވުނު ނަމެއް. އެހެންނަމަވެސް މިހާރުވަނީ ވަޅުޖެހިގެން ގޮސްފައި. އެހެންވީމާ އެ މަދަރުސާގެ ތަޢުލީމް އާހަރުފަތަކަށް ގެންގޮސް ދިނުމަށްޓަކައި ސަރުކާރާ ގުޅިގެން އެމަސައްކަތް ކުރަން މިހުރީ ނިކުމެ. ދެންއޮތީ ކުނީގެ މައްސަލަ. ކުންޏަކީ އާމްދަނީ ލިބޭނެ ވަސީލަތަކަށް ހަދައިދީ ކުނި މެނޭޖު ކުރެވޭނެ ސިސްޓަމެއް ގާއިމްކޮށްދީ އޭގެ ތެރެއިން މީހުންނަށް ވަޒީފާ އިތުރުކޮށްދިނުމަށް މިހުރީ ނުކުމެ. ނައިފަރު ޒުވާނުންނަށްޓަކައި ޒުވާނުންގެ މަރުކަޒެއް ގާއިމްކޮށްދިނުމަކީ ވަރަށް ބޮޑު އުންމީދެއް. ޑްރަގު ރިހިބިލިޓޭޝަން ސެންޓަރެއް ގާއިމް ކުރުމަކީ ވެސް އުންމީދެއް. މިފަދަ އެތައް ސަބަބުތަކަށްޓަކައި އަޅުގަނޑު މަޖިލީހަށް ހޮވަންވީ،" އޭނާ ވިދާޅުވިއެވެ.

ކާރިމް ވިދާޅުވީ އޭނާއަކީ ޒަޙަތްތެރިއެއް ކަމަށެވެ. ނަޒާހާތްތެރިއެއްގެ ކިބައިން ފެންނާނެ ހުރިހާ ކަމެއް އޭނާގެ ކިބައިން ފެންނާނެ ކަމަށް ވެސް ވިދާޅުވިއެވެ. ދާއިރާގެ ރައްޔިތުންނަށް އޮޅުވައިލުމާއި ބޭވަފާތެރިވުމަކީ ދުވަހަކުވެސް ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އޭނާ އެހުންނެވީ ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމަށް ނުކުމެއެވެ. ރައްޔިތުންވީ އޭނާއަށް ފުރުސަތު ދޭށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

  1. މިހާރުވެސް ނައިފަރު ގެ ގިނަ މަސައްކަތް ހުއްޓިފައި ހުރީ ކާރިމްގެ ސަބަބުން ، މިހާތަނަށް ކައުންސިލް ގެ ރައީސް ކަމަށް ހުރިއިރު ރަށުގެ ފަިއދާއަށް ކަމެއްކޮްދީފަ ނެތްކަން ފާހަގަ ކޮށް ލާން..

  2. ނައިފަރުގެ ރައްޔިތުންގެ އިހުސާސްތައް އިނގޭ ކަމަށް ބުނާ މީހާ ނައިފަރު ރައްޔިތުން އެދިއެދި ތިބި އެއާޕޯޓް މަޑިވަރުގައި އަޅަނިކޮށް އެކަން ހުއްޓުވަން މަސައްކަތް ކުރި. ނައިފަރު ކައުންސިލްގެ ރައީސް ކަމުގައި ހުރި މީހާ މުވައްޒަފުންގެ ވޯޓުން މުޅި ކައުންސިލުގެ ރޭންކުން ފަހަތުން ދެވަނައަށް ދިޔައީ. ޒިންމާދާރުކަމެއް ނެތް މީހެއް

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.