އެއްވެސް ފޮށްޓަކަށް ހާހަކަށްވުރެ ގިނަ މީހުން ވޯޓެއް ނުލާނެ: އީސީ

pic: @Electionsmv

އަންނަ އެޕްރީލް 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުންގެ އިންތިޚާބުގައި ބަހައްޓާ އެއްވެސް ވޯޓު ފޮށްޓަކަށް އެއްހާހަށް ވުރެ ގިނަ މީހުން ވޯޓު ނުލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އީސީގެ ރައީސް އަޙުމަދު ޝަރީފް އާފަތިހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ރީރަޖިސްޓްރޭޝަން ނިމުނުއިރު 4 ފޮށްޓަކަށް އެއް ހާހަށްވުރެ ގިނަމީހުން ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެ 4 ފޮށި މިހާރުވާނީ ދެ ފޮށްޓަށް ބަހާފައި ކަމަށް އޭނާ ވިދާޅުވިއެވެ. "މިހާރު އެއްވެސް ފޮށްޓެއް ނުހުންނާނެ އެއްހާހަށްވުރެން މާތީ ޢަދަދަކަށް ވޯޓުލާ ގޮތަކަށް،" ޝަރީފް ވިދާޅުވިއެވެ.

ރީރަޖިސްޓްރޭޝަން ނިމުނުއިރު ކުރިން ވޯޓު ފޮށި ބަހައްޓަން ނިންމައިފައިވާ ސިންގަޕޫރު، ބަންގްލަދޭޝް، ދިއްލީ، ތައިލެންޑު ގައި ފޮށި ނުބަހައްޓާ ގޮތަށް މިހާރު ވަނީ ނިންމައިފައެވެ. އެގޮތަށް ހެދީ އެ ޤައުމުތަކުގައި ފޮށި ބަހައްޓާ ވަރަށް މީހުން ރީ ރަޖިސްޓްރީ ކޮށްފައި ނުވާތީ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ބޭރު ޤައުމުތަކުގެ ތެރެއިން ވޯޓު ފޮށި ބެހެއްޓުމަށް މިހާރު ހަމަޖެހިފައިވަނީ ލަންޑަނުގައި ފޮއްޓެއް، ލަންކާގައި 4 ފޮށި، މެލޭޝިއާގައި ދެ ފޮށި ޓްރިވެންޑްރަމްސްގައި އެއް ފޮށި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެއެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބުގެ ވޯޓު ފޮށިތައް ފައިނަލްކޮށް ނިމުނުއިރު އެ ޢަދަދު އަރަނީ 501 އަށެވެ.

އީސީން ވިދާޅުވީ އިންތިޚާބަށް ބޭނުންވާ އޮފިޝަލުން ވެސް މިހާރު ހަމަވެފައިވާ ކަމަށެވެ. އެކަމަކު އަދި ރިޒާވް އޮފިޝަލުން ހަމަނުވާތީ އެމީހުން ހޯދުމުގެ މަސައްކަތް އެކޮމިޝަނުން ގެންދަވަނީ ކުރައްވަމުންނެވެ. ރީޒާވް އޮފިޝަލުންގެ ގޮތުގައި 300 އާއި 350 އާ ދެމެދުގެ ޢަދަދަކަށް މީހުން ބޭނުންވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.