ރައީސު ބޫތަފްލީޤާ ރައީސުކަމަށް ނުކުޅެދިފައިވާކަން ކަނޑައަޅަން ވެއްޖެ: އަލްޖީރިޔާގެ ސިފައިންގެ ވެރިޔާ

އަލްޖީރިޔާގެ ސިފައިންގެ ވެރިޔާ ޖެނެރަލް އަޙްމަދު ޤާއިދު ޞާލިޙު ރައީސު ޢަބްދުލް ޢަޒީޒު ބޫތަފްލީޤާއާއެކު

ރައީސުކަމުގެ ފަސްވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމެވުމާއެކު ރައްޔިތުންގެރ އެތައް ލައްކަ ބައެއް ނުކުމެ އިހުތިޖާޖުކުރުމުން، ނަންފުޅު އަނބުރާ ނަންގަވައިފާ، އަލްޖީރިޔާގެ ރައީސު ޢަބްދުލް ޢަޒީޒު ބޫތަފްލީޤާ ރައީސުކަމަށް ނުކުޅެފައިވާކަން މިހާރު ދަސްތޫރީގޮތުން ކަނޑައަޅަންވެއްޖެ ކަމުގައި އެގައުމުގެ ސިފައިންގެ ވެރިޔާ ޖެނެރަލް އަޙްމަދު ޤާއިދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ އޮއިވަރާ އެއްކޮޅަށް ބަދަލުވެ، އަސްކަރިއްޔާވެސް ބޫތަފްލީޤާއާ ދުރަށް ޖެހިއްޖެކަން ހާމަކޮށްދިން މިއިލްތިމާސު އައިސްފައި ވަނީ މިއަދު (އަންގާރަ ދުވަހު) ގެ ވަގުތެއްގައި ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ.

"މި މައްސަލަގަނޑުގެ ތެރެއިން ނުކުމެވޭފަދަ، އަދި އަލްޖީރިޔާގެ ރައްޔިތުންގެ އެދޭ ހައްގު އެދުންތަކަށް އިޖާބަދެވޭފަދަ ހައްލެއް ހޯދަންޖެހޭ. އަދި ކިއެއްތަ އެކަންކުރުން ވާޖިބު. އެއީ ގާނޫނު އަސާސީގެ ހުކުމްތައް ދެމެހެއްޓޭނެކަމާއި، ދައުލަތުގެ ސިޔާދަތު ދެމިގެންދާނެކަން ޖާމިނުކޮށްދޭނެ ހައްލު...... އެއީ ގާނޫނު އަސާސީގެ 201 ވަނަ މާއްދާގައި އައިސްފައިވާ ހައްލު." ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ގާނޫނު އަސާސީގެ 102 ވަނަ މާއްދާއަކީ 2013 ވަނަ އަހަރު ރައީސު ބޫތަފްލީޤާއަށް ސްޓްރޯކެއް ޖެހިވަޑައިގެން ހިންގަވައި ނުއުޅުއްވޭ، އަދި ވާހަކަފުޅު ދައްކަވަން ދަތިފުޅުވާ ހާލަތަށް ދިޔަ ދުވަހުއްސުރެ އެ މާއްދާއަށް އަމަލުކުރަން އިދިކޮޅު ފަރާތްތަކުން ގޮވާލަމުންދާ މާއްދާއެވެ.

އެމާއްދާގައިވާ ގޮތުން "ނުރައްކާތެރި، ގިނަ ދުވަސްތަކަށް ދެމިގެންދާ ފަދަ ބައްޔެއްގެ ސަބަބުން ރައީސުލް ޖުމްހޫރިއްޔާ އޭނާގެ މަސައްކަތްތައް ކުރެއްވުން މުސްތަހީލުކަމަށް ވެއްޖެނަމަ، ދަސްތޫރީ މަޖިލިސް ބައްދަލުވުން ލާޒިމުވާނެއެވެ. އަދި އެކަށީގެންވާ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން މި ހުރަސް ކުރިމަތިވެފައިވާކަން ޔަގީންކުރުމަށްފަހު، އެ ހުރަސް ކުރިމަތިވެފައިވާކަން ހާމަކުރުމަށް، ދަސްތޫރީ މަޖިލީހުގެ އިއްތިފާގުން ގާނޫނުހަދާ މަޖިލީހަށް ހުށަހަޅަން ޖެހެއެވެ."

ސިފައިންގެ ވެރިޔާގެ ގޮވާލެއްވުމާ ގުޅިގެން އަލްޖީރިޔާގެ ދަސްތޫރީ މަޖިލީހުގެ ބައްދަލުވުމުއް ކުރިއަށް ދާކަމުގައި އެގައުމުގެ އަލްބިލާދު ޓީވީ ޗެނަލުން މިރޭ ޚަބަރުދީފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.