އަލްޖީރިޔާގެ ރައީސު ބޫތަފްލީޤާ އިސްތިއުފާދެއްވައިފި

އަލްޖީރިޔާގެ ރައީސު ޢަބްދުލްޢަޒީޒު ބޫތަފްލީޤާ ރޭގެ ވަގުތެއްގައި މަގާމުން އިސްތިއުފާދެއްވައިފިއެވެ. 20 އަހަރު ވެރިކަމުގައި ހުންނެވުމަށްފަހު ބޫތަފްލީޤާ އިސްތިއުފާ މިދެއްވީ އޭނާގެ އިސްތިއުފާއަށް ގޮވާލައި ގިނަ އަދަދެއްގެ ބަޔަކު ނުކުމެ މުޒާހަރާ ކުރާތާ ހަފުތާތަކެއް ފަހުންނެވެ.

ބޫތަފްލީގާ އިސްތިއުފާދެއްވިކަން އިއުލާންކުރެއްވީއަލްޖީރިޔާގެ ނިއުސް އެޖެންސީ، އަލްޖީރިޔާ ޕްރެސް ސާވިސް (އޭޕީއެސް) އިން އާންމުކުރި ސިޓީފުޅުއްގައެވެ. އުމުރުފުޅުން 82 އަހަރު ވެފައިވާ އަދި ސިއްހީ ހާލުކޮޅު ދަށް ބޫތަފްލީޤާގެ ނިންމެވުމުން މިއައީ އޭނާ މަގާމުން އިސްތިއުފާ ނުދެއްވައިފިނަމަ މަގާމުން ދުރުކުރަން ޖެހިދާނެކަމުގެ އިންޒާރު އެގައުމުގެ ސިފައިންގެ ވެރިޔާ ޖެނެރަލް އަޙްމަދު ޤާޔިދު ޞާލިޙު އިއްޔެގެ ވަގުތެއްގައި ދެއްވާފައި ވަނިކޮށެވެ.

ހަފުތާތަކަކަށް ދެމިގެންދިޔަ ބިޔަ މުޒާހަރާތަކަކަށް ފަހު ބޫތަފްލީޤާ އިސްތިއުފާދެއްވުމުން އެތައް ހާސް ބަޔަކު ވަނީ މަގުމައްޗަށް ނުކުމެ އުފާފާޅުކޮށްފައެވެ. ރޭ ދަންވަރާ ހަމައަށްވެސް އެތައް ޒަތޭކަ ޒުވާނުން އަލްޖީރިޔާގެ ދިދަ ހޫރުވަމުން ކާރުތަކުގެ ބަރުގޮނު އަޅަމުން ވެރިރަށް އަލްޖިއާސްގައި ދުއްވާފައި ވެއެވެ. އަދި މީހުންގެ ތަކްބީރުގެ އަޑުވެސް އިވިފައި ވެއެވެ.

ޓިއުނީޝިޔާއިން ފެށުނު 'އަރަބި ރަބީއު' އަށް ލިބުނު އާދިރުމާއެކު، ޢަބްދުލް ޢަޒީޒު ބޫތަފްލީޤާ ވެވަޑައިގެންފައި ވަނީ މި 'ރަބީއު' ގައި ވެރިކަން ދޫކޮށްލައްވަން ޖެހިވައިގަތް ފަސްވަނަ އަރަބި ރައީސަށެވެ. އޭނާގެ ކުރިން ޓިއުނީޝިޔާއާއި، މިސްރާއި، ލީބިޔާއާއި، ޔަމަނުގެ ވެރިންގެ މަގާމު ވަނީ ގެއްލިފައެވެ.

"އަހަރެންގެ މަގްސަދަކީ ރައްޔިތުންގެ ރޫހާއި ހިތްތައް ހިމޭންވުމަށް ފުރުސަތުދިނުމެވެ. އެބައިމީހުން އުއްމީދުކުރާ ރަނގަޅު މުސްތަގުބަލާ ހަމައަށް އެބައިމީހުން އެންމެން ގުޅިގެން އަލްޖީރިޔާ ގެންދެވޭނީ އޭރުންނެވެ." އޭނާގެ އިސްތިއުފާގެ ސިޓީފުޅުގައި ބޫތަފްލީޤާ ވިދާޅުވެފައި ވެއެވެ.

އަލްޖީރިޔާގެ ގާނޫނު އަސާސީގައި ވާގޮތުން ބޫތަފްލީޤާ އިސްތިއުފާ ދެއްވުމުން ވަގުތީގޮތުން ރައީސުކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ ގާނޫނުހަދާ މަޖިލީހުގެ މަތިގޭގެ ރައީސެވެ. އެ މަގާމުގައި މީހާރު ހުންނެވީ ބޫތަފްލީޤާގެ ގާތް ބޭފުޅެއް ކަމުގައި ބެލެވޭ ޢަބްދުލްޤާދިރު ބޫޞަލާޙުއެވެ. ބޫޞަލާޙަށް ވަގުތީ ސަރުކާރަށް ދެމި އޮވެވޭނީ 90 ދުވަހަށެވެ. އެ މުއްދަތުގެ ތެރޭގައި ރިޔާސީ އިންތިޚާބު ބާއްވައި އިންތިޚާބުކުރެވޭ ރައީސާ ވެރިކަން ހަވާލުކުރަން ޖެހެއެވެ.

އަލްޖީރިޔާގެ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ އަވަށެއް ކަމުގައިވާ ވުޖްދާގައި 1937 ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ޢަބްދުލްޢަޒީޒު ބޫތަފްލީޤާ އަލްޖީރިޔާގެ ރައީސުކަމުގެ ހުވައިކުރެއްވީ 27 އެޕްރީލް 1999 ގައެވެ. ރައީސު ލިޔާމީން ޒިރުވާލު ކުއްލިގޮތަކަށް ވެރިކަން ދޫކޮށްލަން ނިންމެވުމާ ގުޅިގެން 15 އެޕްރީލުގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައި، އަސްކަރިއްޔާގެ ތާއީދާއެކު، އޭނާ ވަނީ %74 ވޯޓު ހޯއްދަވައިގެން އިންތިޚާބު ކާމިޔާބުކުރައްވާފައެވެ. އެއަށްފަހު ބޭއްވުނު ކޮންމެ ރިޔާސީ އިންތިޚާބެއް އޭނާ ވަނީ ބޮޑު ތަފާތުން ކާމިޔާބުކުރައްވާފައެވެ.

2014 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭނާ ވާދަކުރެއްވީ ސިއްހީ ހާލުކޮޅު ދަށްވެފައި ވަނިކޮށެވެ. 2103 ވަނަ އަހަރު ސްޓްރޯކެއް ޖެހިވަޑައިގަތް ފަހުން އޭނާއަށް ހިންގަވައި ނުއުޅުއްވެއެވެ. އޭގެ ފަހުން އޭނާ އާއްމުންގެ ތެރެއަށް ނުކުމެވަޑައިގެން ނުއުޅުއްވައެވެ .

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.