ރާއްޖޭގެ ޒުވާނުންނަށް އިސްލާމްދީނުގެ މަޢުލޫމާތު އެންމެ ރަނގަޅަށް ފޯރުކޮށް ދެއްވުމަށްޓަކައި އިސްލާމިކް އެފެއާޒު މިނިސްޓްރީން ޚާއްސަ ޕްރޮގްރާމެއް ފަށްޓަވަން ނިންމަވައިފިއެވެ.
އަންނަ އާދީއްތަ ދުވަހު ފަށްޓަވާ "ކޮފީ މޭޒު" ޕްރޮގްރާމުގެ ދަށުން ޝެއިޚުން ރެސްޓޯ ރެންޓުތަކަށް ވަޑައިގެން އެތަންތަނުގައި ކޮފީ ބޯން ތިބޭ ޒުވާނުންނަށް އީސްލާމް ދީނާބެހޭ މަޢުލޫމާތު ދެއްވާނެއެވެ. އަދި ޒުވާނުން ބޭނުންވާ ސުވާލުތައް ކޮށް އޮޅުން ނުފިލާ ކަންކަން ޝައިޚުންގެ އަރިހުން އޮޅުން ފިލުވުމުގެ ފުރުސަތު ލިބޭނެއެވެ.
މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ. އެހެންނަމަވެސް އާދީއްތަ ދުވަހު ފަށާ ޕްރޮގްރާމުގެ ނަތީޖާއަށް ބެއްލެވުމަށްފަހު ރަށްރަށަށް ވެސް މި ޕްރޮގްރާމް ފުޅާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކު އެފެއާޒު މިނިސްޓްރީގެ ނާއިބް އަޙްމަދުﷲ ޖަމީލް ވިދާޅުވިއެވެ. "މިފަދަ ޕްރޮގްރާމްތައް މިސްކިތްތަކާއި ހޯލް ތަކުގައި ބާއްވައިގެން މިދަނީ ދާދި އެއްބައެއް. އެކަމަކު ދީނީ މަޢުލޫމާތު ޒުވާނުންނާ ހަމައަށް ފޮނުވައި ދިނުމަކީ ވަރަށް މުހިންމު ކަމެއް. ވަރަށްގިނަ ޒުވާނުން ކޮފީތަކުގައި ތިބޭ ކަމުގެ މަޢުލޫމާތު ލިބިފައިވަނީ. އެހެންވެ މިނިސްޓްރީން ނިންމެވީ އެމީހުންގެ ގާތަށް ގޮސް މަޢުލޫމާތު ދީ އެމީހުން އުފައްދާ ސުވާލުތަކަށް ޖަވާބުދީ ހޭލުންތެރި ކުރުވުން،" އޭނާ ވިދާޅުވިއެވެ.
މި ޕްރާގްރާ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ އޮލިވް ގާޑަންގައެވެ. އެ ތަނުގައި ތިން ޝައިޚުންނަށް ތިން މޭޒު ހުންނާނެއެވެ. އެ މޭޒުތަކަށް ޒުވާނުން ގޮސް މަޢުލޫމާތު ލިބިގަނެ ސުވާލުކޮށް ހަދަމުންދާ ވަގުތު އެމީހުންނަށް އެތަނުން ހިލޭ ކޮފީ ވެސް ލިބޭނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އާދީއްތަ ދުވަހުގެ ޕްރޮގްރާމަށް ބަލާފައި އިތުރު ރެސްޓޯރެންޓު ތަކުގައި ވެސް މި ޕްރޮގްރާމް ހިންގާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އާދީއްތަ ދުވަހު ފަށާ ޕްރޮގްރާމަކީ އަޖުމަ ބެލުމުގެ ގޮތުން ބާއްވާ ޕްރޮގްރާމެކެވެ. ފުރަތަމަ ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގަންނަވާ ޝައިޚުންނަކީ އައްޝައިޚް ފައްޔާޒު އަލިމަނިކު، ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙުމާން، ޑރ. ސަޢުދުﷲ ޢަލީ އެވެ. "މި ބޭފުޅުން ތިއްބަވާ މޭޒު ދޮށަށް ގޮސް ޒުވާނުން ބޭނުންވާހަކައެއް ބޭނުން އިރަކު ދެއްކުމުގެ ފުރުސަތު އޮންނާނެ. ޕްރޮގްރާމް އަދި ހަމަޖެހިފައިވަނީ ހަވީރު ހަތަރުގަޑި ފަނަރައިން ހަޔަކަށް،" އިސްލާމިކް މިނިސްޓަރުގެ ނާއިބު އަޙުމަދުﷲ ޖަމީލް ވިދާޅުވިއެވެ.