އޭނާ ވެރިކަމުން ދުރުކުރަން މަސައްކަތްކުރަމުންދާ "މޮޔަވެގެން އުޅޭ، ފިނޑި، މަދު މީސްކޮޅު" ބަލިކޮށްލާނެކަމަށް ވެނެޒުއެލާގެ ރައީސު ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެއެވެ.
ގައުމުން ބޭރުގައި ހުންނެވުމަށް ފަހު އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯ ގައުމަށް އެނބުރި ވަޑައިގަތުމަށްފަހު، ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން ރައީސު މަދޫރޯ ވިދާޅުވީ "މޮޔަވެފައިވާ މަދު މީސްކޮޅު ދަނީ އެމީހުންގެ ދެކޮޅުވެރިކަމުގައި ކުރިއަށް" ކަމަށެވެ. އަދި "ހަމަކަށަވަރުންވެސް އަހަރުމެން އެމީހުން ބަލިކޮށްލާނެ" ކަމަށެވެ.
އޭނާ ވަނީ މި މާރިޗު މަހުގެ 9 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބާއްވަން ރާވާފައިވާ މުޒާހަރާއާ ދިމާކޮށް "އިމްޕީރިއަލިޒަމާ ދެކޮޅަށް" މުޒާހަރާކުރަން ނުކުތުމަށް އޭނާއަށް ތާއީދުކުރާ މީހުންނަށް ގޮވާލައްވާފައެވެ.
"އަހަރުމެން މިތިބީ ތާރީޚުގެ ރަނގަޅު ފަޅީގައި" މީގެ ކުރިން އިދިކޮޅު ލީޑަރު ގުއައިޑޯ ވިދާޅުވެފައިވާ ބަސްފުޅެއް ތަކުރާރުކުރައްވަމުން މަދޫރޯ ވިދާޅުވިއެވެ.
ރައީސު މަދޫރޯ ދެކެވަޑައިގަންނަވާ ގޮތުގައި ވެނެޒުއެލާ ވަނީ އެމެރިކާއިން ކުރާ އިގްތިސާދީ ހަނގުރާމައެއްގެ ޝިކާރައަކަށް ވެފައެވެ. އަދި އޭނާ ތުހުމަތުކުރައްވާ ގޮތުގައި ހުވާން ގުއައިޑޯ ގެންދަވަނީ އެމެރިކާއި ފަހަތުގައި އޮވެގެން ރާވަމުންދާ ބަޣާވާތެއް ހިންގަވަމުންނެވެ.
2013 ވަނަ އަހަރު ނިކޮލަސް މަދޫރޯ ވެނެޒުއެލާގެ ރައީސުކަމާ ހަވާލުވެވަޑައިގަތް ފަހުން އެގައުމުގެ އިޤްތިސާދު ވަނީ އެއް އަހަރުން އަނެއް އަހަރަށް ދަށަށް ގޮސްފައެވެ. ފައިސާގެ އަގު ދަށްވުމާ، އިންފްލޭޝަން މަތިވުމުގެ ސަބަބުން މީހުންނަށް ލިބޭ މުސާރައިން ދަނީ ދެކޮޅު ނުޖެހެމުންނެވެ. އެހެންކަމުން، ގައުމު ދޫކޮށް ދާ މީހުންވެސް ވަނީ ގިނަވާން ފަށާފައެވެ.
މިހާރު އުފެދިންގެ އުޅޭ ސިޔާސީ ހަމަނުޖެހުމުގެ ސަބަބުން ކާޑާއި، ބޭހުގެ ދަތިކަން ކުރިމަތިވެފައިވާއިރު، މަދޫރޯ ވެރިކަމުން ދުރުކުރަން ގޮވާލާ މީހުން ދަނީ ގިނަވަމުންނެވެ.
ސުޕްރީމް ކޯޓުން ދަތުރުކުރުން މަނާކޮށްފައި ވަނިކޮށް ގައުމުން ބޭރަށް ވަޑައިގެން ދެކުނު އެމެރިކާގެ ބައެއް ގައުމުތަކަށް ވަޑައިގަތުމަށްފަހު އިދިކޮޅު ލީޑަރު ހުވާން ގުއައިޑޯ ވަނީ އިއްޔެ ވެނެޒުއެލާއަށް އެނބުރިވަޑައިގެންފައެވެ. އޭނާ ހައްޔަރުކުރުމުގެ ނުރައްކާ އޮތްނަމަވެސް، އޭނާ ގެންދަވަނީ ފާޅުގައި އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރައްވައި މި މަހު 9 ވަނަ ދުވަހު ބޮޑު އެއްވުމެއް ބޭއްވުމަށް ތައްޔާރުވެވަޑައިގަންނަވަމުންނެވެ.
އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާއި، ދެކުނު އެމެރިކާގެ ގިނަ ގައުމުތަކުން ފިއްތުންތައް ކުރިމަތިކުރި ނަމަވެސް ރައީސު މަދޫރޯ ހުންނެވީ ދޫދެއްވާ ގޮތަކަށް ނޫނެވެ. ޗައިނާއާއި ރަޝިޔާ އޭނާގެ ފަރާތަށް ތިބުމަކީ އޭނާގެ އެންމެ ބޮޑު ބާރެވެ.