ވެނެޒުއެލާގެ މަސްރަހު ގޯސްވެ ވަރުގަދަ ކުރިމަތިލުންތަކެއް

ވެނެޒުއެލާއާ ކޮލޮންބިއާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އިއްޔެ ހިނގި ހަމަނުޖެހުމުގެ ތެރޭގައި ރޯކޮށްލި ލޮރީއަކުން ދުން އަރަނީ

ވެނެޒުއެލާއަށް ބޭރު ގައުމުތަކުން ފޮނުވާފައިވާ އެހީ ކޮލޮންބިއާ ގުޅޭ ސަރަހައްދީ ރޮނގު ހުރަސްކޮށް ވެނެލުއެޒާއަށް އެތެރެކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތަށް ރައީސު ނިކޮލަސް މަދޫރޯއަށް ވަފާތެރި ސިފައިން ހުރަސް އެޅުމުން އެ ގައުމުގެ މަސްރަހު ގޯސްވެ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފިއެވެ. އެންމެ ފަހުން ލިބުނު ޚަބަރުތައް ބުނާ ގޮތުގައި މި ކުރިމަތިލުންތަކުގައި އެހީގެ ލޮރީތަކުގައި އަލިފާން ރޯކޮށްފައި ވާއިރު، ދެ މީހަކު ވަނީ މަރުވެފައެވެ.

މި މައްސަލައިގައި އަވަށްޓެރި ކޮލޮންބިޔާ ކުށްވެރިކުރައްވައި، ރައީސު މަދޫރޯވަނީ ކޮލަންބިޔާއާ އޮތް ސިޔާސީ ގުޅުން ކަޑުއްވާލައްވާފައެވެ.

ދެގައުމުގެ ސަރަހައްދީ ރޮނގު ކައިރީގައި ވާ ވެނެޒުއެލާގެ އަވަށްތަކަށް އެހީގެ ސާމާނު އެތެރެކުރަން އުޅުނު މީހުންގެ ގަޔަށް ސަލާމަތީ ބާރުތަކުން ރަބަރު ވަޒަން ޖަހައި ކަރުނަ ގޭސް ޖަހާފައިވާއިރު، އިދިކޮޅު ފަރާތްތަކުން ވެސް ވަނީ ސަލާމަތީ ބާރުތުގެ މީހުންނަށް ހަމަލާދީފައެވެ. އަދި ސަރަހައްދީ ރޮނގު ބަލަހައްޓަން ތިބި ސިފައިންގެ ބައެއް މީހުން ހަތިޔާރު ދޫކޮށް އިދިކޮޅު ފަރާތްތަކާ ގުޅޭ މަންޒަރުވެސް ފެނިފައި ވެއެވެ.

އެމެރިކާ އިސްވެ އޮވެ ވެނެޒުއެލާއަށް އެތެރެކުރަން އުޅޭ އިންސާނީ އެހީއަކީ ގައުމު ހަލަބޮލިކުރަން ބޭނުންކުރާ ސިޔާސީ ހަތިޔާރެއް ކަމަށް ވިދާޅުވެ ރައީސު މަދޫރޯ ވަނީ އެހީ ވަނުން ހުއްޓުވުމަށް މަސައްކަތްކުރައްވާފައެވެ. އެގޮތުން ބްރެޒީލާ ގުޅޭ ސަރަހައްދީ ރޮނގު މުޅިން ބަންދުކުރައްވައި، ލެސަރ އެންޓިލްސް ރަށްތަކާ ގުޅޭ ކަނޑުގެ ސަރަހައްދު ބަންދުކުރައްވައި، ކޮލޮންބިއާއިން ވެނެޒުއެލާއަށް އެތެރެވެވޭ ގިނަ މަގުތަކެއްވެސް ބަންދުކުރެއްވިއެވެ.

ހުޅަނގުގެ ގައުމުތަކުން ވެލެޒުއެލާގެ ވަގުތީ ރައީސުކަމަށް ބަލައިގެންފައިވާ އިދިކޮޅު ލީޑަރު ހުވާން ގުއައިޑޯ މިވަގުތު ހުންނެވީ ކޮލޮންބިއާގައެވެ. ވެނެޒުއެލާއާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ކޮލޮންބިޔާގެ ކުކުޓާ އަވަށުން އެހީގެ ގާފިލާ ފުރުވާލުމުގައި އޭނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ވެނެޒުއެލާއަށް އެހީ ހޯދުމަށް އެއަވަށުގައި ބޭއްވި މިއުޒިކު ޝޯއެއް ބައްލަވާލެއްވުމަށްވެސް އޭނާ ވަނީ ވަޑައިގެންފައެވެ.

މާދަމާ ޕެރޫގެ ވެރިރަށް ލީމާގައި ބޭއްވޭ ލީމާ ގްރޫޕްގެ ބައްދަލުވުމުގައި ވެސް ގުއައިޑޯ ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އެ ބައްދަލުވުމުގެ ހަވާސާގައި އޭނާ އެމެރިކާގެ ނާއިބު ރައީސު މައިކް ޕެންސްއާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ވެނެޒުއެލާގެ މައްސަލައިގައި ދުނިޔޭގެ ގައުމުތައް ވެސް ވަނީ ދެބައިވެފައެވެ. އެމެރިކާއާއި، ހުޅަނގު ޔޫރަޕްގެ ގައުމުތަކާއި، ދެކުނު އެމެރިކާގެ ގިނަ ގައުމުތަކުން ވެނެޒުއެލާގެ އިދިކޮޅު ލީޑަރު ހުވާން ގުއައިޑޯއަކީ އެގައުމުގެ ވަގުތީ ރައީސުކަމުގައި ބަލައިގެންފައިވާއިރު ޗައިނާއާއި، ރަޝިޔާއާއި، ތުރުކީއާއި، މެކްސިކޯއާއި، އެހެން ބައެއް ގައުމުތަކުން ގަބޫލުކުރަނީ ނިކޮލަސް މަދޫރޯގެ ސަރުކާރެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.