ރީރަޖިސްޓްރީގެ މަސައްކަތް އަވަހަށް ނިންމެވުމަށް އިތުރު ޑެސްކުތަކެއް ބަހައްޓައިފި

އަންނަ އެޕްރީލް 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް އެދިފައިވާ މީހުންގެ ރަޖިސްޓްރީގެ ކަންކަން މިރޭ ދަންވަރު 2:00 އާ ހަމައަށް ނިންމެވުމަށް އިންތިޚާބާ ބެހޭ މަރުކަޒުގައި އިތުރު ޑެސްކުތައް ބަހައްޓައި ޚިދުމަތް އަވަސް ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު އަދި ތަރުޖަމާނު އަޙުމަދު އަކުރަމް ވިދާޅުވީ ކިޔުނަމްބަރު ނަގައިގެން ތިބި މީހުން ކިޔުލައިން ދޫކޮށްލާފައި އެކިކަންކަމު ނުދިޔުމަށެވެ. "މިރޭ ދަންވަރު ދޭއްޖެހުމަށްފަހު ކިޔުގައި ބަޔަކު ތިއްބަސް އިތުރު ފުރުސަތެއް ނުދެވޭނެ މިހާރު ފުރުސަތު ވެސް ދެއްވިއްޖެ. ކޮންމެ ކަމަކަށް ވެސް ވަގުތެއް އޮންނާނެ. އެމީހުން ފުރުސަތު ބޮޑުކޮށް އަވަސް ކުރުމުގެ ގޮތުން އަޅުގަނޑުމެން ވާނީ ފޯމުތައް ބަލައިގަތުމަށް އިތުރު ޑެސްކްތައް ބަހައްޓައި ޚިދުމަތް އަވަސް ކޮށްދީފައި. އޭގެ ބޭނުން ހިއްޕަވައި ދޭއްޖަހަންވާއިރަށް ރީރަޖިސްޓްރޭޝަންގެ ކަންކަން ނިމޭނެ ކަމަށް އުންމީދު މިކުރަނީ،" އަކުރަމް ވިދާޅުވިއެވެ.

ރީރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި މުއްދަތު ހަމަވެފައިވަނީ މާރިޗު މަހުގެ ފުރަތަމަ ދުވަހު 2:00 އާ ހަމައަށެވެ. އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ މިރޭ 10:00 އަށް މުއްދަތު އިތުރު ކޮށްދީފައެވެ. އެފަހުން މިވަނީ ދަންވަރު 2:00 އަށް ފުރުސަތު ހުޅުވާލައި އެއީ އެންމެ ފަހު ވަގުތު ކަމަށް ހަމަޖައްސައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.