ފަޚުރުވެރި މިނިވަން ދުވަސް

ރާއްޖޭގެ ތާރީޚުން ފެންނަން އޮތީ ފެށުނީއްސުރެ މި ރާއްޖެއަކީ މިނިވަން، ޤައުމެއް ކަމުގައެވެ. ރާއްޖޭގެ އަމިއްލަވެރިކަމާއި ސިޔާދަތު ގެއްލިގެން ގޮސްފައިއޮތީ، ހަމައެންމެ ދެ ފަހަރެވެ. އެއީ މީލާދީން 1558 އިން 1573 އަށް ޕޯޗުގީޒުން ރާއްޖޭގެ މައްޗަށް އަތްގަދަކޮށްވެރިކަން ހިންގި ދުވަސްވަރާއި، އޭގެފަހުން ހިޖުރައިން 1166 ގައި ހޮޅިން ރާއްޖެ ހިފައި އެމީހުންނަށް މި ޤައުމުގައި ސާބިތުވެ ތިބެވުނު ތިން މަހާއި ވިހި ދުވަހު އެވެ.

މިނިވަން ދުވަހުގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކުރަމުން ދަނީ، 1887 ވަނަ އަހަރު ޑިސެމްބަރުން، 1965 ވަނަ އަހަރުގެޖުލައި މަހުގެ ސައްބީސް ވަނަ ދުވަހާހަމައަށް އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު ދުވަހެވެ.

އަށާރަ ސަތޭކަ އަށްޑިހަހަތް ވަނަ، އަހަރުގެ ޑިސެމްބަރ މަހު، އައްސުލްޠާން މުޙަންމަދު މުޢީނުއްދީން (ދެވަނަ) އާއި ސިލޯނުގައި ހުންނެވި، އިނގިރޭސި ގަވަރުނަރު ސަރ އޭއެޗްގޯޑްން އާއި ދެމެދު، ކުރެވުނު މުޢާހަދާއެއްގެ ދަށުން، ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެދަށަށް ދިޔަ އެވެ.

އެމުޢާހަދާގައިވާގޮތުންރާއްޖެއަކީ، ޚާރިޖީ ހުރިހާ ކަމެއް އިނގިރޭސި ދައުލަތް މެދުވެރިވެގެން ހިނގަންޖެހޭ، އިނގިރޭސިންގެ ހިމާޔަތްލިބިގެންވާ ޤައުމެކެވެ. އަދި ރާއްޖޭގެ ރަސްގެފާނަކީ އިނގިރޭސި ދައުލަތުގެ ރުހުން ލިބިފައިވާ މީހަކަށްވުމުގެ އިތުރުން، އިނގިރޭސި ދައުލަތަށް ކޮންމެ އަހަރަކު ރާއްޖެއިންޖިޒީފޮނުވަންޖެހޭނެ ކަމަށްވެސް އެ މުޢާހަދާގައި ބުނެފަވެއެވެ.

އެމުއާހަދާ ކުރީކޮޅު ދެފަރާތުންވެސް އެއާ އެއްގޮތަށް ޢަމަލުކުރަމުން ދިޔަނަމަވެސް އިނގިރޭސީން ދިޔައީ މަޑުމަޑުން މުއާހަދާއާއި ޚީލާފުވެ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަމުންނެވެ. މިގޮތުން 1903 ވަނައަހަރު އައްސުލްޠާން މުޙަންމަދު ޢިމާދުއްދީން (ހަވަނަ) ރަސްކަމުންއަޒުލްކޮށް އައްސުލްޠާން މުޙަންމަދު ޝަމްސުއްދީން(ތިންވަނަ) ރަސްކަމަށްއިސްކުރި ޙާދިސާގައި ހިނގައިދިޔަ ކަންތައްތަކުގެ ތެރެއަށްވަދެ އިނގިރޭސީން ފިޔަވަޅުތައް، އަޅާފައިހުރިކަން ތާރީޚުން އެނގެއެވެ.

އެއަށްފަހުވެސް ދެޤައުމުގެ ދެމެދުގައި ވެފައިވާ މުއާހަދާއިން ބޭރުން އިނގިރޭސީން ދިޔައީ ކަންތައްތައް ކުރަމުންނެވެ. އެގޮތުން 1956 ވަނަ އަހަރު ދިވެހި ސަރުކާރުގެ ހުއްދައެއްގެ ދަށުން ވަރަށް ކުޑަކުޑަ ރަމްޒީ ފީއަކަށް ސަތޭކައަހަރު ދުވަހުގެ މުއްދަތަށް އައްޑުއަތޮޅު ގަމާއި ހިތަދޫން 110 އޭކަރު ބިންއިނގިރޭސީން ކުއްޔަށް ހިފިއެވެ.

އެދުވަސްވަރު، ދެޤައުމުގެ ދެމެދުގައި ކުރެވިފައިވާ މުއާހަދާ އަލުން އައުކުރުމާބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. އެކަމުގައި ދިވެހި ސަރުކާރުން ބުނަމުންދިއައީ، އަލަށް ކުރެވޭ އެގްރީމެންޓުގައިދިވެހިރާއްޖޭގެ ސިޔާސީ ޙައިޘިއްޔަތު ކަނޑައެޅިގެން ބަޔާންވެ އެނގެންއޮންނަންޖެހޭނެ ކަމަށެވެ. އަދި ރާއްޖެއަކީ އަމިއްލަވެރިކަމެއްގެ ބާރު ލިބިގެންވާ މިނިވަން ޤައުމެއް ކަމުގައި އިނގިރޭސި ސަރުކާރުން ޤަބޫލު ކުރުމަށް ރާއްޖެއިން ހުށައެޅިއެވެ. އެހެންނަމަވެސް އެކަން ޤަބޫލުކުރުމަށް އިނގިރޭސިން ފުރަތަމަ ދެކޮޅު ހެދިއެވެ. ގިނަދުވަސްތަކެއްގެ މަޝްވަރާތަކަށް ފަހު 1960 ވަނަ އަހަރު ދިވެހިސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދު ދެވަނަ މުއާހަދާއެއްގައި ސޮއެ ކުރެވުނެވެ. އެމުއާހަދާގައި ދިވެހިރާއްޖެއަކީ މިނިވަން އަމިއްލަ ވެރިކަމެއް ކުރާ ޤައުމެއް ކަމުގައި އިނގިރޭސީން އެއްބަސްވެފައިވެއެވެ. އެހެން ނަމަވެސް އިނގިރޭސީން މެދުވެރިވެގެންނޫނީ ބޭރު ޤައުމަކާ ސިޔާސީ ގުޅުމެއް އުފެއްދުމަކަށް އެ މުއާހަދާއިންވެސް ތަނެއް ނުދެއެވެ.

މީގެ އިތުރުން އެދުވަސްވަރު ހިނގާދިޔަ މަޝްހޫރު ހުވަދޫ އައްޑޫ ގަޑުބަޑާއި ގުޅިގެން ހުވަދުއަތޮޅުން ދެކުނުގައި ވަކި ސަރުކާރެއް އުފައްދައިގެން އުޅުނު މީހުންނާއި އިނގިރޭސީންނާއި ދެމެދު އޮތް ގުޅުންތައްވެސް ވެގެންދިޔައީ އިނގިރޭސީންގެ ކިބައިން މިނިވަންކަން ހޯދުމުގެ ވަރުގަދަ ރޫހެއް އުފެދެން މެދުވެރިވި ސަބަބަކަށެވެ.

ރާއްޖެއަށް ފުރިހަމަމިނިވަންކަން ހޯދުމަށް ދިވެހި ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން 1965 ވަނަ އަހަރުގެޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއިދެމެދު ކުރެވުނު އާމުއާހަދާގެ ދަށުން ދިވެހިރާއްޖެއަކީ މިނިވަން ދައުލަތެއް ކަމުގައި އިނގިރޭސި ސަރުކާރު ޤަބޫލު ކުރިއެވެ. އަދިސިޔާސީ ގޮތުންނާއި، އެހެނިހެން ވެސް ގޮތްގޮތުން ބައިނަލް އަޤްވާމީ، ސީދާ ގުޅުން ހިންގުމުގެ ޙައްޤު ރާއްޖެއަށް ލިބުނެވެ.

އެ ތާރީޚީ އެގްރީމެންޓްގައި ސޮއިކުރެވުނީ، 1965 ވަނަ އަހަރުގެ ޖުލައިމަހުގެ ސައްބީސްވީ ދުވަހު ހެނދުނު ރާއްޖޭ ގަޑިން ހެނދުނު ދިހައެއް ޖެހިއިރު، ސިލޯނުގެ، ކޮޅުނބުގައި ހުންނަ އިނގިރޭސިދައުލަތު ހައިކޮމިޝަންގައެވެ. ރާއްޖޭގެ ފަރާތުން މިއެގްރީމެންޓްގައިސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރެވެ. އިނގިރޭސިސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިލޯނުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރ އެވެ.

ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމާގުޅިގެން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ސައްބީސް ވަނަ ދުވަސް ފާހަގަ ކުރަމުންދަނީ ރާއްޖޭ މިނިވަންދުވަހުގެ ގޮތުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.