ޓްރަމްޕް-ކިމް ބައްދަލުވުން ދެވަނަ ދުވަހަކަށް

އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕާއި އުތުރު ކޮރެޔާގެ ޒައީމު ކިމް ޖޮންގ-އުން ހަނޯއީގައި ރޭގަނޑުގެ ފަރިއްކޮޅުގައި ބައިވެރިވެވަޑައިގަންނަވަނީ

އެމެރިކާގެ ރައީސު ޑޮނާލްޑް ޓަރަމްޕާއި އުތުރުކޮރެޔާގެ ޒައީމު ކިމް ޖޮންގ-އުންއާ ދެމެދު ވިއެޓްނާމުގައި ކުރިއަށްދާ ބައްދަލުވުން ދެވަނަ ދުވަހަކަށް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ހަނޯއީގެ ސޮފިޓެލް ލެޖެންޑް މެޓްރޮޕޯލް ހޮޓެލްގައި އިއްޔެ ހަވީރު ދެބޭފުޅުން ބޭއްވެވި 20 މިނިޓުގެ ބައްދަލުމަށް ފަހު ދެބޭފުޅުންވެސް ނުކުމެވަޑައިގަތީ ހިނިތުންވުމާއެކުގައެވެ.

"އަހަރުމެން މި ބޭއްވީ ވަރަށް ކާމިޔާބު ބައްދަލުވުމެއް. ބައެއް މީހުން މި ބައްދަލުވުމުގެ ކަންކަން އަވަހަށް ނިމޭތަން ދެކެން ބޭނުންވެދާނެ. އަހަރެން މިހިރީ ހިތް ހަމަޖެހިފައި. އަހަރުމެން ބޭނުންވަނީ އަހަރުމެން މިކުރާ ކަމާމެދު އުފަލުން ތިބެން." ބައްދަލުވުމުން ނުކުމެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސު ޓްރަމްޕް ވިދާޅުވިއެވެ.

ޒައީމު ކިމް ވިދާޅުވީ "އެންމެންވެސް މަރުހަބާ ކިޔާނޭ ވަރަށް ރަނގަޅޫ ނަތީޖާއެއް ހޯދޭނެ" ކަމާމެދު އޭނާ ޝައްކުނުކުރައްވާ ކަމުގައެވެ. "އެ ނަތީޖާ ހޯދޭތޯ އަހަރެންނަށް ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރާނަން." ރިޕޯޓަރުންނާ ވާހަކަފުޅުދައްކަވަމުން ކިމް ވިދާޅުވިއެވެ.  

ބައްދަލުވުމުގެ އިއްޔެގެ އެޖެންޑާ ހަމަޖެހިފައި އޮތް ގޮތުން ރަޕޯޓަރުންނާއި ފޮޓޯގްރާފަރުންގެ ކުރިމަތީގައި ދެބޭފުޅުން ސަލާމަށްފަހު، ދެބޭފުޅުން ވަކިން ބައްދަލުކުރައްވާފައި ރޭގަނޑުގެ ފަރިއްކޮޅަށް ވަޑައިގަތީއެވެ.

ރޭގަނޑުގެ ބައްދަލުވުމުގައި ދެބޭފުޅުންނާއެކު ބައިވެރިވެވަޑައިގަތީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) މައިކް ޕޮމްޕެއޯއާއި، ރައީސު ޓްރަމްޕްގެ އެކްޓިންގ ޗީފް އޮފް ސްޓާފް މިކް މަލްވަނީއާއި، ރައީސު ކިމްގެ ޚާއްސަ މަންދޫބު ޔޮންގް ޗޮލްއާއި، އުތުރު ކޮރެޔާގެ ޚާރިޖީ ވަޒީރު ރީ ޔޮންގ ހޯއެވެ.

މިއަދުގެ ބައްދަލުވުންތައް ހަމަޖެހިފައިވާ ގޮތުން ހެނދުނު 9 ޖަހާއިރު ރައީސު ޓްރަމްޕާއި ޒައީމު ކިމް 45 މިނެޓަށް ވަކިން ބައްދަލުކުރައްވާނެއެވެ. މި ބައްދަލުކުރެއްވުމުގައި އުތުރު ކޮރެޔާގެ ނިއުކުލިޔާ ހަތިޔާރު ނައްތާލުމާ ބެހޭގޮތުން ވާހަކަދެކެވޭނެކަމަށް ބެލެވިފައި ވެއެވެ.

45 މިނެޓްގެ ބައްދަލުވުމަށް ފަހު ދެފަރާތުގެ ވަފުދު ބައިވެރިވެގެން ވާހަކަތައް މެންދުރާ ހަމައަށް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

މެންދުރުގެ ފަރިއްކޮޅަށް ފަހު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮންނާނެއެވެ. އެއަށްފަހު ރައީސު ޓްރަމްޕް ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.