މާދަމާ (12 ޖޫން) ސިންގަޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާއާއި އުތުރު ކޮރެޔާގެ އެންމެ އިސްވެރިންގެ ބައްދަލުވުމަށްޓަކައި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ (އެމެރިކާ) ގެ ރައީސު ޑޮނާލްޑް ޖޭ. ޓްރަމްޕް އަދި ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެޔާ (އުތުރު ކޮރެޔާ) ގެ ސްޓޭޓް އެފެއާޒް ކޮމިޝަންގެ ޗެއާމަން (ޒައީމު) ކިމް ޖޮންގ އުން ސިންގަޕޫރަށް ވަޑައިގެންފިއެވެ.
އަންގާރަ ދުވަހު ހެނދުނު ސިންގަޕޫރު ގަޑިން 9 ޖަހާއިރު ސެންތޯސާގައި ބާއްވާ ބައްދަލުވުމަށްޓަަކައި ޗައިނާ އެއާގެ 747 މަތިންދާބޯޓެއްގައި ކިމް ސިންގަޕޫރަށް ވަޑައިގަތީ އިއްޔެ މެންދުރު ފަހު 2:35 ގައެވެ. ޓްރަމްޕް ދަތުރުކުރެއްވި އެއާފޯސް ވަން މަތިންދާބޯޓު ސިންގަޕޫރުގެ ލެބަރް އެއާބޭހަށް ޖެއްސީ ރޭ 8:25 ގައެވެ.
ޒައީމު ކިމް ޖޮންގ އުންގެ ދަތުރުފުޅުގެ މާބޮޑު ތަފްސީލެއް އުތުރު ކޮރެޔާގެ ރަސްމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ނުދިން ނަމަވެސް ދެގައުމުގެ އިސް ވެރިން ވާހަކަ ފުޅު ދައްކަވާނީ ކޮރެއާ ޕެނިންސިއުލާގައި "ދިގު މުއްދަތަކަށް ދެމިގެންދާ ދާއިމީ ސުލްހައެއް ގާއިމުކުރުމާއި"، ނިއުކުލިޔާ ހަތިޔާރުން ސާފުވެފައިވާ ތަނަކަށް ކޮރެޔާ ޕެނިންސިއުލާ ހެދުމާއި، ދެ ގައުމަށް މުހިއްމުވާ މައްސަލަތަކާއި މެދުގައި ކަމަށް އުތުރު ކޮރެޔާއިން ބުނެފައި ވެއެވެ.
މި ބައްދަލުވުމުގެ ތައްޔާރީތަކަށް ސިންގަޕޫރުން 20 މިލިއަން ޑޮރަލު ޚަރަދުކުރާއިރު އޭގެ ދެބައިކުޅަ އެއްބައި ޚަރަދުކުރަނީ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށެވެ. ޒައީމު ކިމް ޖޮންގ އުން ހުންނަވާ ސޭންޓް ރެޖިސް ހޮޓަލާއި، ރައީސު ޑޮނާލްޑް ޓްރަމްޕް ހުންނަވާ ޝަންގްރިލާ ހޮޓެލް އަށް ދެވޭ މަގުތަކުގައި ބެރިކޭޑް ޖަހައި ސިފައިންގެ އުޅަނދުތައް ހަރަކާތްތެރި ވަމުންދާއިރު އެ ދެ ހޮޓަލުގެ ބޭރުގައި ސެކިއުރިޓީ ކެމެރާތައް ބަހައްޓައިގެން ބަލަމުން ދިއުމުގެ އިތުރަށް ސަލާމަތީ ބާރުތަކުން ދަނީ ދެ ހޮޓަލަށް ވަދެ ނުުކުމެ އުޅޭ މީހުން ސްކޭންކުރަމުންނެވެ. ދެ ހޯޓަލުގެ ކައިރީގައި ބޮމާ ބެހޭ ޚާއްޞަ ޔުނިޓުތަކެއް ހަރަކާތްތެރިވާ ތަން ވެސް ފެނިފައި ވެއެވެ.
އެމެރިކާ-އުތުރުކޮރެޔާ އެންމެ އިސްވެރިންގެ ބައްދަލުމުގެ ކަންތައް ކުރިއަށްދާ ގޮތް ވަގުތުން ދުނިޔެއަށް އަންގަމުން ދިއުމަށްޓަކައި 2500 އަށްވެރެ ގިނަ ނޫސްވެރިން ދުނިޔޭގެ ކަންކޮޅުތަކުން ސިންގަޕޫރަށް އެެއްވެފައިވާ ކަމަށް ވެއެވެ.
ޚަބަރު ލިބޭ ގޮތުގައި ކިމްގެ ފަރިއްކޮޅަށް ބޭނުންވާ ކާބޯތަކެއްޗާއި، ދަތުރުފުޅުކުރެއްވުމަށް ބޭނުންފުޅުކުރައްވާ ކާރުކޮޅުތައް ވަނީ މުދާ އުފުލާ މަތިންދާބޯޓެއްގައި އުތުރު ކޮރެޔާއިން ސިންގަޕޫރަށް ގެނެސްފައެވެ.